ޕްރޮޑީއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރްގެ އާ ފިލްމު "ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ"ގެ ފުރަތަމަ "ލުކް ޓެސްޓް"ގެ ފޮޓޯތައް ކަރަން ދާދިފަހުން އިންޓަނެޓުގައި ހިއްސާ ކޮށްފައި ވެއެވެ.
މި ފޮޓޯތަކަކީ ފިލްމުގެ ލީޑް ރޯލު ކުޅޭ ދެ ތަރިން ކަމަށްވާ ރަންވީރު ސިންގް އާއި އާލިއާ ބަޓް އެކުގައި ނަގާފައިވާ ފޮޓޯ ތަކެކެވެ. މިއީ އެ ދެ ތަރިންގެ ސިފަ ގުޅޭތޯ އާއި ކެމިސްޓްރީ ރަނގަޅުތޯ ބަލަން ނަގާފައިވާ "ލުކް ޓެސްޓް"ގެ ފޮޓޯ ތަކެކެވެ. މި ފޮޓޯތައް ބަލާފައި އިންޓަނެޓުގައި ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ޖުލައި 28ގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ފޮޓޯތަކުގައި ރަންވީރު އާއި އާލިއާގެ ވަރަށް ރޮމެންޓިކް މަންޒަރުތައް ހިމެނުނު ނަމަވެސް ފޭނުން ބުނަނީ ދެ މީހުންގެ މެދުގައި އެއްވެސް ކެމިސްޓްރީއެއް ނެތް ކަމަށެވެ. އަދި ދެ ތަރިން އެކަކު އަނެކަކާ އެއްގޮތަކަށް ވެސް ނުގުޅޭ ކަމަށް ވެސް ބައެއް ފޭނުން ގަބޫލު ކުރެ އެވެ. އަދި ފަހުން މި ފިލްމުގެ ލަވައެއްގެ ބަޔެއް ވެސް ރިލީޒްކޮށްފައި ވެއެވެ. މި ލަވަ ރީއްޗަސް ލަވައިގައި ވެސް އާލިއާ އައި ރަންބީރު ނުގުޅޭތީ ވަރަށް ހިތްހަމަނުޖެހިގެން މީހުންތައް ކޮމެންޓުކޮށްފައި ވެއެވެ.
"ރަންވީރު އާއި އާލިއާ އެއްގޮތަކަށް ވެސް ނުގުޅޭ. ރަންބީރު ބައިވެރިކުރި ނަމަ މާ ރަނގަޅުވީސް. ވަރަށް މާޔޫސް ވެއްޖެ،" ފޭނަކު ލިޔެފައި ވެއެވެ.
ރަންވީރު އާއި އާލިއާގެ ޖޯޑު ބެލުންތެރިން މާޔޫސް ކުރުވި ނަމަވެސް "ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ" ބެލުމުގެ ޝައުގުވެރިކަން ގިނަ ބަޔަކު ވަނީ ފާޅުކޮށްފަ އެވެ. ސަބަބަކީ މިއީ ކަރަން ކުރިން އުފެއްދި އާއިލީ ވާހަކަތަކެއް ދައްކުވައިދޭ "ކަބީ ޚުޝީ ކަބީ ޣަމް" ސްޓައިލްގެ ފިލްމަކަށް ވެފައި އެފަދަ އިހްސާސްތަކެއް މި ފިލްމުގެ އިޝްތިހާރުތަކުން ވެސް ފެނިފައިވާތީ އެވެ.
"ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ރޮމެންޓީކް-ކޮމެޑީ އެކެވެ. ފިލްމުގެ ވާހަކަ ލިޔެފައިވަނީ ޝަޝާންކް ޚައިތާން އާއި އިޝީތާ މޮއިތުރާ އަދި ސުމިތު ރޯއީ އެވެ.
އިންޑިޔާގެ މުމްބައި އާއި ދިއްލީ އަދި ޖައްމޫ-ކަޝްމީރުގެ އިތުރުން ރަޝިޔާގައި ވެސް ފިލްމުގެ މަންޒަރުތައް ޝޫޓްކޮށްފައި ވެއެވެ.
ރަންވީރު އާއި އާލިއާގެ އިތުރުން ދަރުމެންދުރަ، ޖާޔާ ބައްޗަން، ޝަބާނާ އަޒްމީ ވެސް މި ފިލްމުގައި ބައިވެރިވެ އެވެ. އަދި ސައިފް އަލީ ޚާން އާއި އަމްރިތާ ސިންގްގެ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ޚާން މި ފިލްމުގައި ކަރަންގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައި ވެއެވެ.