ބޮލީވުޑް

ކެންސަރު ބަލިމީހެއްގެ އެންމެ ފަހުގެ އެދުން ޝާހް ރުކް ފުރިހަަމަކޮށްދީފި

ބޮލީވުޑް އެކްޓަރު ޝާހް ރުކް ޚާން އަކީ ވަރަށް ހިތްހެޔޮ ރަނގަޅު މީހެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި އޭނާގެ ފޭނުންގެ އަދަދު މިލިއަނުން ގުނާލެވެނީ ހަމަގައިމުވެސް އޭނާގެ ކޮންމެވެސް ރަނގަޅު ސިފަ ތަކެއް ހުރީމަ ކަމަށްވެސް ގަބޫލުކުރާ މީހުން ގިނަ އެވެ.

ޝާހް ރުކް ދަންނަ މީހުން އެއްބަސްވާ ގޮތުގައި އޭނާއަކީ ވަރަށް ހިތްތިރި އޯގާތެރި މީހެކެވެ. އަދި އެހެން މީހުންނަށް ހެޔޮކޮށް ހިތުމުގެ ގޮތުން އޭނާ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ އެވެ.

ދާދިފަހުން ޝާހް ރުކް ވަނީ ކެންސަރު ބަލީގެ އެންމެ ފަހު ސްޓޭޖްގައި އޮތް އޭނާގެ ފޭނެއްގެ އެންމެ ފަހުންގެ އެދުން ފުރިހަމަ ކޮށްދީފަ އެވެ.

އުމުރުން 60 އަހަރުގެ ޝިވާނީ ޗަކްރަބަތީ އަކީ ޓާމިނަލް ކެންސަރުގެ ސަބަބުން ވަރަށް ވޭނުގައި ގިނަ ދުވަސްތަކެއް ހޭދަކުރަމުންދާ މީހެކެވެ. ޝިވާނީ ދީފައިވާ އިންޓަވިއު އެއްގައި އޭނާގެ އެންމެ ފަހުގެ އެދުމަކީ ޝާހް ރުކްއާ ބައްދަލުކޮށްލުން ކަމަށް ބުނެފައި ވެއެވެ.

ޝިވާނީ އޭނާއާ ބައްދަލުކޮށްލަން ބޭނުންކަން ޝާހް ރުކްއަށް އެންގުމާއެކު ޝާހް ރުކް ވަނީ ވީޑިއޯ ކޯލްއެއްކޮށް ޝިވާނީއާ ވަގުތުން ވާހަކަ ދައްކާފަ އެވެ. ގާތްގަނޑަކަށް 40 މިނިޓްގެ މި ވީޑިއޯ ކޯލްގައި ޝާހް ރުކް ވަނީ ޝިވާނީއަށް ވަރަށް ހިތްވަރުދީ ވަރަށް ގިނަ ވާހަކަ ދައްކާފަ އެވެ. އަދި ޝިވާނީ އަށް ފައިސާގެ އެހީވުމުގެ އިތުރުން ޝިވާނީގެ ދަރިފުޅުގެ ކައިވެނީގެ ރަސްމިއްޔާތުގައިވެސް ބައިވެރިވާނެ ކަމަށް ޝާހް ރުކް ވައުދުވި އެވެ.

ޝިވާނީ ދިރިއުޅެނީ ކޮލްކަތާގައި ކަމުން އެ ރަށަށް ޒިޔާރަތްކޮށް ވަރަށް އަވަހަށް ޝިވާނީއާ ބައްދަލުކޮށް އޭނާއާއެކު މަހުން ތައްޔާރުކުރާ ކެއުމަކަށް އިންސާފުކުރަންވެސް ޝާހް ރުކް ވައުދުވެފައި ވެއެވެ.

ޝާހް ރުކްގެ ވަރަށް ގިނަ ފޭން ކްލަބްތަކުން ވަނީ ޝިވާނީ އާއި ޝާހް ރުކްގެ ވީޑީއޯ ކޯލްގެ ބައެއް ޝޮޓްތައް ޕޯސްޓްކޮށްފަ އެވެ.

އާޖް ތަކް ޝޯ އަކަށް ދިން އިންޓަވިއު އެއްގައި ޝިވާނީ ބުނީ ކެންސަރުގެ އެންމެ ފަހު ސްޓޭޖްގައި ވާތީ މިހާރު އޭނާ ހަޔާތުގެ ފަހު ދުވަސްތައް ގުނަމުންދާ ކަމަށެވެ. އަދި އޭނާ ދެން މާގިނަ ދުވަހު ދުނިޔޭގައި ނުހުންނާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށްވެސް ޝިވާނީ ބުންޏެވެ.

"އަހަރެން ބޭނުން އޮތީ އެންމެ ކަމެއް. އެއީ އަހަރެންގެ އެންމެ ފަހުގެ އެދުން ކަމަށް ބުންޏަސް ރަނގަޅުވާނެ. އެއީ މަރުވުމުގެ ކުރިން ޝާހް ރުކްއާ ބައްދަލުކޮށްލުން. އަހަރެން އޭނާ ހަމަ ލޮލުން ދެކިލަން ބޭނުން. އެ ދުވަހަކުން އަހަރެން އޭނާއަށް އަހަރެމެންގެ ގޭގައި އާއްމުކޮށް ކައި އުޅޭ ކެއުން އަމިއްލަ އަތުން ކައްކާފައި ކާން ދޭން ބޭނުން،" ލައިގެން ހުރި ހެދުމުން ޝާހް ރުކްގެ ފޮޓޯއެއް ފޮހެލަމުން ޝިވާނީ ބުންޏެވެ.

ޝާހް ރުކް އަށް ޝިވާނީގެ ޚަބަރު ލިބުނީ މި އިންޓަވިއުގެ ވީޑިއޯއެއް ފެނިގެންނެވެ. އަދި ވަގުތުން އޭނާ ޝިވާނީއާ ގުޅައި ވާހަކަ ދެއްކީ އެވެ.