ބޮލީވުޑް

ޝާހް ރުކަށް ޑިޕްރެޝަން މައްސަލަ ދިމާވި

ޝާހް ރުކް ޚާން އަކީ އަބަދުވެސް އޭނާއަށް ދިމާވާ މައްސަލަތަކުގެ ވާހަކަތައް ފޭނުންނަށް ކިޔައިދޭ އެކްޓަރެކެވެ. އަދި މާޒީގައި އޭނާއަށް ދިމާވެފައިވާ ބައެއް ކަންކަމުގެ ވާހަކަތައް ވެސް އެހެން މީހުން ހޭލުންތެރި ކުރުވުމަށް އޭނާ ކިޔައިދެ އެވެ. އެގޮތުން އޭނާގެ ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި އޭނާއަށް ދިމާވި ޑިޕްރެޝަންގެ މައްސަލަތަކެއްގެ ވާހަކަ ޝާހް ރުކް ވަނީ ކިޔައިދީފަ އެވެ.

ޝާހް ރުކް އަށް ޑިޕްރެޝަންގެ މައްސަލަތަކެއް ދިމާވީ 2010 ގައި އޭނާގެ ކޮނޑުހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން ވަރަށް ބޮޑަށް ވޭނާއި ތަކުލީފުގައި އުޅެން ޖެހުމުންނެވެ.

އެކަމުން އަރައިގަނެ މުޅިން ރަނގަޅުވުމަށް ފަހު އޭއެންއައި ނިއުސް އެޖެންސީއަށް ދިން އިންޓަވިއުއެއްގައި ޝާހް ރުކް ބުނެފައިވަނީ އެ ދުވަސްވަރު ކޮނޑުހުޅަށް ލިބުނު އަނިޔާއާ ގުޅިގެން ވަރަށް ބޮޑަށް ވޭނާއި އުނދަގުލުގައި އުޅެން ޖެހުމުން ޑިޕްރެޝަންގެ މައްސަލަތައް ކުރިމަތިވި ކަމަށެވެ. އަދި ކޮނޑުހުޅުގެ ތަދު ދުވަހަކު ވެސް ރަނގަޅު ނުވާނެ ކަމަށާއި ކެރިއަރުގެ ދުވަސް ދިޔައީ ކަމަށް އޭނާއަށް ހީވެ ނަފްސާނީ މައްސަލަތައް އިތުރުވި ކަމަށެވެ. ނަމަވެސް ފަހުން ކޮނޑުހުޅު ވެސް ރަނގަޅުވެ، ޑިޕްރެޝަންގެ މައްސަލައަށް ވެސް ހައްލު ހޯދުނު ކަމަށް ޝާހް ރުކް ބުނެފައި ވެއެވެ.

"މިހާރު ހަށިގަނޑަށް ހަކަތަ އާއި ޖޯޝް ލިބި އާދައިގެ ސިއްހަތެއް ލިބިއްޖެ،" ޝާހް ރުކް ބުނެފައި ވެއެވެ.

ޝާހް ރުކް ބުނެފައިވާ ގޮތުގައި ޒާތީ ދިރިއުޅުމުގައި އޭނާއަކީ ވަރަށް ލަދުވެތި އަދި އަމިއްލަ އިހްސާސްތައް އެހެން މީހުންނަށް ޝެއާ ކުރަން އުނދަގޫ މީހެކެވެ.

"ފިލްމުތަކުގައި އަހަރެން ފެންނަނީ މުޅިން ތަފާތުކޮށް. ފިލްމުތަކުގައި ވަރަށް އަޑުގަދަ، އަނގަތަޅާ، އަދި ހިތަށް އެރިހާ އެއްޗެއް ކިޔާ ހެދިޔަސް ޒާތީ ދިރިއުޅުމުގައި އަހަރެން ވަރަށް ތަފާތު ވާނެ. އަހަރެންގެ އިހްސާސްތައް މީހުންނަށް ހާމަ ކުރަން އަހަންނަށް ވަރަށް އުނދަގޫ. އަހަރެންނަކީ ހަގީގަތުގައި ވަރަށް ލަދުގަންނަ، މަޑުން ހުންނަ އަދި މީހުންނާ ނުގުޅޭ މިޒާޖެއްގެ މީހެއް. ބައެއް ފަހަރަށް އަހަރެންގެ މި ސިފަތަކާ މެދު އަހަންނަށް ފަޚުރުވެރިވެވޭ. ނަމަވެސް އަހަރެންގެ ލޯތްބާއި އަހަރެންގެ އެކުވެރިކަން އަދި އަހަރެންގެ ރުޅިއާއި އަހަރެންގެ މާފަށް އެދުން މީހުންނަށް ބައެއް ފަހަރު ތަރުޖަމާ ކުރެވެނީ ގޯސްކޮށް،" ޝާހް ރުކް ބުނެފައި ވެއެވެ.