ބޮލީވުޑް

ސަރަގަސީ އާއި އައިވީއެފް މެދުވެރިކޮށް ދަރިން ހޯދި ތަރިން

ބޮލީވުޑްގެ ފަންނާނުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން މިހާރަކަށް އައިސް ދަރިން ހޯދަނީ ސަރަގޭޓް މަންމައިން މެދުވެރިކޮށެވެ. އެކަން އެގޮތަށް ކުރަން ގިނަ ފަހަރަށް ޖެހެނީ ބަތަލާއިން ކައިވެނިކުރަނީ އުމުރުން މާ ދޮށީވުމުން ކަމަށް ވާތީ އަމިއްލައަށް ދަރިން ވިހެއުމުގެ ފުރުސަތު ކުޑަވެފައި އޭގެ ނުރައްކާ ބޮޑުވީމަ އެވެ.

އެއްގޮތަކަށް ވެސް ކައިވެނިކުރަން ބޭނުން ނުވާތީ ސަރަގަސީ ކޮށް ދަރިން ހޯދާ ފަންނާނުން ވެސް މަދެއް ނޫނެވެ.

ދާދިފަހުން ޕްރީތީ ޒިންޓާ ވަނީ ސަރަގޭޓް މަންމައެއް މެދުވެރިކޮށް އެއްމާބަނޑު ދެ ދަރިން ލިބިއްޖެކަމުގެ އުފާވެރި ޚަބަރު ސޯޝަލް މީޑީއާގައި އިއުލާން ކޮށްފަ އެވެ. ޕްރީތީ ނޫނަސް އައިވީއެފް ހަދައިގެންނާއި ސަރަގޭޓް މަންމައެއްގެ ފަރާތުން ދަރިން ހޯދި ފަންނާނުން ބޮލީވުޑްގައި މިހާރު ވަރަށް ގިނަ އެވެ.

ޝިލްޕާ ޝެޓީ ވެސް އެންމެ ފަހުން ދަރިއަކު ހޯދާފައިވަނީ ސަރަގޭޓް މަންމައެއްގެ އެހީގަ އެވެ. ޝިލްޕާގެ ދޮށީ ދަރިފުޅު ވިއާން އަކީ އޭނާ ވިހޭ ކުއްޖެއް ނަމަވެސް 2020ގައި ދެ ވަނަ ދަރިފުޅު ސަމީޝާ އުފަންވީ ސަރަގޭޓް ކޮށެވެ. ޝިލްޕާ ބުނެފައިވަނީ އެގޮތަށް ކަންތައް ކުރަން ޖެހުނީ ވަރަށް ގިނަ ފަރުވާ ކޮށްގެން ވެސް އޭނާ ބަލިވެ ނީނުމުންނެވެ.

އާމިރު ޚާންގެ ވެސް އެންމެ ހަގު ދަރިފުޅަކީ ސަރަގޭޓް މަންމައެއްގެ އެހީގައި ލިބިފައިވާ ކުއްޖެކެވެ. އާމިރުގެ ފުރަތަމަ ކައިވެނިން ދެ ދަރިން ލިބިފައި ވެއެވެ. އޭނާގެ ފުރަތަމަ އަނބިމީހާ ރީނާ ދައްތާ އާއި އާމިރަށް ލިބުނި ދެ ކުދިން ވިހެއީ ރީނާ ނަމަވެސް ދެ ވަނައަށް ކައިވެނިކުރި ކިރަން ރާއޯ އަށް ދަރިއަކު ނުލިބުމުން ސަރަގޭޓްކޮށް ކުއްޖަކު ހޯދަން އެމީހުން ނިންމީ އެވެ. ކިރަން އާއި އާމިރުގެ ދަރިފުޅު އާޒާދު އުފަންވީ 2011 ގައެވެ.

ޝާހް ރުކް ޚާން އާއި ގޯރީގެ ތިން ދަރިންގެ ތެރެއިން އެންމެ ހަގު ދަރިފުޅު އަބްރާމް އަކީ ވެސް ސަރަގޭޓް މަންމައެއްގެ އެހީގައި ހޯދާފައިވާ ކުއްޖެކެވެ. އަބްރާމް އުފަންވީ 2013 ގައެވެ. އޭގެ ކުރިން ލިބިފައިވަނީ އާރްޔަން އާއި ސުހާނާ އަކީ ގޯރީ ވިހާފައި ތިބި ދެބެންނެވެ.
ސުހައިލް ޚާން އާއި އޭނާގެ އަންހެނުން ސީމާ ވެސް ދެ ވަނަ ދަރިއަކު ހޯދާފައިވަނީ އައިވީއެފް ސަރަގަސީގެ އެހީގަ އެވެ. އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅު ނިރްވާން އަކީ ސީމާ ވިހޭ ކުއްޖެކެވެ. ނަމަވެސް ނިރްވާން އަށް 10 އަހަރުގައި އެމީހުންނަށް ލިބުނު ދެވަނަ ދަރިފުޅު 2011 ގައި އުފަންވީ ސަރަގޭޓް މަންމައަކަށެވެ.

ކޯރިއޯގްރާފަރު-ޑައިރެކްޓަރު ފަރާ ޚާން އަށް ނަސީބަކުން ސަރަގޭޓް މަންމައެއްގެ އެހީ ނުހޯދައި ދަރިން ލިބޭގޮތް ވަނީ މެދުވެރިވެފަ އެވެ. އުމުރުން 43 އަހަރުގައި ފަރާ ވަނީ އައިވީއެފް ހަދައިގެން އެއްމާބަނޑު ތިން ކުދިން ވިހާފަ އެވެ. މި ކުދިން އުފަންވީ 2008 ގައެވެ. ފަރާ ބުނި ގޮތުގައި އައިވީއެފްގެ ފަރުވާ އަކީ އޭނާގެ ހަޔާތަށް ލެއްވި ރަހުމަތެއް ކަމުގައި އޭނާ ގަބޫލުކުރެ އެވެ. ވަރަށް ގިނަ ބަޔަކު މިޒަމާނުގައި ދަރިން ނުލިބިގެން ގިނަގުނަ ފަރުވާތައް ހޯދަމުންދާ ކަމަށާއި އައިވީއެފް މެދުވެރިކޮށް އޭނާއަށް އެހާ ފަސޭހައިން ދަރިން ލިބުނުކަމީ އިންތިހާއަށް އުފާކުރާ ކަމެއް ކަމަށް ފަރާ ބުންޏެވެ.

ޑައިރެކްޓަރު ކަރަން ޖޯހަރް ވެސް ވަނީ ސަރަގަސީ މަންމައެއްގެ އެހީގައި އެއްމާބަނޑު ދެ ދަރިން ހޯދާފަ އެވެ. ޔާޝް އާއި ރޫހީ ޖޯހަރް އުފަންވީ ފެބްރުއަރީ 2017 ގައެވެ. ކަރަން މިގޮތަށް ދަރިން ހޯދީ އޭނާ އަކީ ކައިވެނިކުރުމާ ދެކޮޅު މީހަކަށް ވެފައި އޭނާގެ މައިންބަފައިންގެ ހުރި ހަމައެކަނި ދަރިއަކީ އޭނާ ކަމަށް ވާތީ އެވެ.

ކަރަން ބުނި ގޮތުގައި އޭނާގެ ބައްޕަ މަރުވުމަށްފަހު މަންމަގެ ހަޔާތަށް ވަރަށް ބޮޑު ފަޅުކަމެއް އައިސް މަންމަ ވަރަށް ބޮޑަށް އެކަނިވެރިވި އެވެ. މަންމައަށް މާމަ ދަރިން ހޯދައިދީ ހިތްހަމަޖައްސައިދޭން ބޭނުންވާތީ އާއި އޭނާއަކީ ކުޑަކުދިން ދެކެ ލޯބިވާ މީހަކަށް ވާތީ ސަރަގޭޓް މަންމައެއް މެދުވެރިކޮށް ދަރިން ހޯދީ ކަމަށް ކަރަން ބުނެފައި ވެއެވެ.

އެކްޓަރު ތުޝާރު ކަޕޫރާއި އޭނާގެ ދައްތަ އަދި ޕްރޮޑިއުސަރު އެކްތާ ކަޕޫރު ވެސް ވަނީ ސަރަގޭޓް މަންމައިން މެދުވެރިކޮށް ދަރިން ހޯދާފަ އެވެ. ކުރީގެ މަޝްހޫރު އެކްޓަރު ޖީތެންދުރަގެ ދެ ދަރިން ކަމަށްވާ ތުޝާރު އާއި އެކްތާ ވެސް ކައިވެންޏެއް ކުރާކަށް ބޭނުމެއް ނުވެ އެވެ. އެހެންވެ މައިންބަފައިން މުސްކުޅިވީ ދުވަހު އެމީހުންގެ ހިތްހަމަޖައްސައިދިނުމުގެ ގޮތުން ދަރިން ހޯދަން އެ ދެބެން ބޭނުންވީ އެވެ.

ތުޝާރުގެ ދަރިފުޅު ލަކްޝްޔާ އުފަންވީ ޖޫން 2016 ގައެވެ. އެކްތާގެ ދަރިފުޅު ރަވީ އުފަންވީ ޖެނުއަރީ 2019 ގައެވެ.

ބަތަލާ ސަނީ ލިއޯނީގެ ތިން ދަރިންގެ ތެރެއިން ދޮށީ ދަރިފުޅު ނިޝާ އަކީ އޭނާ ޔަތީމު ޚާނާއަކުން އެޑޮޕްޓްކުރި ކުއްޖެކެވެ. އަދި ހަގު އެއްމާބަނޑު ދެބެންނަކީ ސަރަގޭޓް މަންމައެއް މެދުވެރިކޮށް ހޯދި ދެ ދަރިންނެވެ. މި ދެބެން އުފަންވީ 2018 ގައެވެ.

ޝްރެޔަސް ތަލްޕަޅޭ އާއި އަންހެނުން ދީޕްތީ ވެސް 2018ގެ މޭ މަހު ދަރިއަކު ހޯދީ ސަރަގޭޓް މަންމައެއް މެދުވެރިކޮށެވެ. މި ދެ މީހުން މިގޮތަށް ދަރިއަކު ހޯދީ ކައިވެނިކޮށްގެން އުޅޭތާ 14 އަހަރު ފަހުންނެވެ.

ލީސާ ރޭ އާއި ފިރިމީހާ ޖޭސަން ޑެހްނީ އަށް ވެސް މިހާރު ވަނީ ސަރަގޭޓް މަންމައެއް މެދުވެރިކޮށް އެއްމާބަނޑު ދެބެން ލިބިފަ އެވެ. ޖޫން 2018ގައި އުފަންވީ މި ދެބެންނަށް ކިޔަނީ ސޫފި އާއި ސޮލެއިލް އެވެ. ލީސާ އަކީ ކެންސަރު ބައްޔަށް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ކޮށްފައިވާ މީހެކެވެ. އޭނާ ކެންސަރުގެ ފަރުވާ ފެށުމުގެ ކުރިން ބިސް ނަގައި ރައްކާކުރި ކަމަށް ތަންކޮޅެއް ކުރިން އޭނާ ދީފައިވާ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.