ބޮލީވުޑް

ސުހާނާ އާއި ޚުޝީ ބޮލީވުޑަށް ތައްޔާރު

ފިލްމީ ތަރިންގެ ދަރިންގެ ތެރެއިން ސާރާ އަލީ ޚާން، ޖާންވީ ކަޕޫރު، އަނަންޔާ ޕާންޑޭ އަދި އާލިއާ ބަޓް މިހާރު ވަނީ ފިލްމު ކުޅެން ފަށައި ބޮލީވުޑްގައި އެމީހުންގެ މަގާމު ވަރުގަދަ ކުރަން މަސައްކަތް ފަށާފަ އެވެ. އަނަންޔާގެ "ގެހެރާއިޔާން" ޕާފޯމަންސް އާއި ސާރާގެ "އަތުރަންގީ ރޭ"ގެ ޕާފޯމަންސުން މި ތަރިންގެ ހުނަރު ސާބިތުކޮށްދީ އެމީހުންނަށް ފިލްމު އިންޑަސްޓްރީގައި ފައިތިލަ ސާބިތު ކުރެވިފައި ވަނީ ހަމައެކަނި އެމީހުންގެ މައިންބަފައިންގެ ނުފޫޒުން ނޫންކަން ވަނީ ސާބިތު ވެފައެވެ.

ޝާހް ރުކް ޚާންގެ ދަރިފުޅު ސުހާނާ އާއި ޝްރީދޭވީގެ ހަގު ދަރިފުޅު ޚުޝީ ކަޕޫރު އަދި ސަންޖޭ ކަޕޫރުގެ ދަރިފުޅު ޝަނާޔާ ކަޕޫރު ވެސް މިހާރު ވަނީ ބޮލީވުޑަށް ނުކުންނަން މުޅިން ތައްޔާރުވެފަ އެވެ.

ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ގިނަ މިހާރު ފިލްމު ކުޅޭ އެކްޓަރުންގެ ދަރިންގެ ތެރެއިން މި ތަރިން ބޮލީވުޑް ފިލްމުތަކުން ފެންނާނެކަމަށް ބެލެވެ އެވެ.

ސުހާނާ ޚާން: ސުހާނާ ފިލްމުކުޅެން ޝައުގުވެރިވާކަން ޝާހް ރުކް ވަނީ ބުނެފަ އެވެ. އަދި އޭނާ އެމެރިކާއިން މަތީ ތައުލީމު ހާސިލުކުރީ ވެސް ޕާފޯމަންސް އާޓްގެ ދާއިރާއިންނެވެ. ބައެއް ޚަބަރުތައް ބުނާ ގޮތުގައި ސުހާނާގެ ފުރަތަމަ ފިލްމަކީ "އާޗީޒް ކޮމިކް" ސީރީޒްގެ މައްޗަށް އުފައްދާ ޒޯހާ އަޚްތަރު ޑައިރެކްޓްކުރާ ހިންދީ ފިލްމެކެވެ.

އާރްޔަން ޚާން: ޝާހް ރުކްގެ ދޮށީ ފިރިހެން ދަރިފުޅު އާރްޔަން ޚާން ވެސް މަތީ ތައުލީމު ހާސިލުކުރީ ޕާފޯމިން އާޓްސްގެ ރޮނގުންނެވެ. ނަމަވެސް އޭނާ ސްކްރީނުން ފެނިދާނެކަމާ މެދު ޝާހް ރުކް އަށް ޝައްކެވެ. ޝާހް ރުކްގެ ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި ބުނެފައިވަނީ އެކްޓަރަކަށް ވުމުގެ ވިސްނުން އާރްޔަން ނުގެންގުޅޭ ކަމަށެވެ. އޭނާ ބޮޑަށް ބޭނުންވަނީ ފިލްމު ޑައިރެކްޓްކުރުމަށް ކަމަށެވެ. ޝާހްރުކް ބުނި ގޮތުގައި އާރްޔަން ފިލްމު ކުޅެން ބޭނުން ނުވަނީ މީހުން އޭނާ އާއި އޭނާގެ ބައްޕަ އާ އަޅާ ކިޔާނެތީ އެވެ. އަދި ބައްޕަގެ ހިޔަނި އޭނާގެ އެކްޓިން ކެރިއަރަށް އެޅޭނެކަން ޔަގީން ވާތީ އެވެ.

ޚުޝީ ކަޕޫރު – ޚުޝީ އަކީ ޝްރީ ދޭވީ އާއި ޕްރޮޑިއުސަރު ބޯނީ ކަޕޫރުގެ ހަގު ދަރިފުޅެވެ. އަދި ޖާންވީ ކަޕޫރުގެ ކޮއްކޮ އެވެ. ޚުޝީގެ ފިލްމު ކުޅުމުގެ ޝައުގުވެރިކަން އޭނާ ވަނީ ހާމަކޮށްފަ އެވެ. ޚުޝީ ބުނެފައި ވަނީ އޭނާ ބޭނުން ވަނީ ކަރަން ޖޯހަރްގެ ފިލްމަކުން ބޮލީވުޑަށް ނުކުންނާށެވެ.

ޖުނައިދު ޚާން – އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ވެސް މިހާރު ވަނީ ފިލްމީ މަސައްކަތް ފަށާފަ އެވެ. ޖުނައިދުގެ ކޮށް އައިރާ ޚާން ވަނީ ޖުނައިދުގެ ފުރަތަމަ ފިލްމުގެ ސެޓުގައި ހުރެ ނަގާފައިވާ ފޮޓޮއެއް ޝެއާކޮށް އޭނާގެ ބޭބެގެ ޕްރޮފެޝަނަލް ކަމަށް ތައުރީފުކޮށްފަ އެވެ. އައިރާ ބުނި ގޮތުގައި ބޭބެގެ ފުރަތަމަ ފިލްމުގެ އެއްވެސް ތަފްސީލެއް އޭނާއަކަށް ނުދިނެވެ. އަދި އެކަމާ ވަރަށް ހިތްހަމަނުޖެހިފައި ހުރުމުން ބޭބެގެ ފިލްމު ސެޓަށް އައިސް ކުޑަކޮށް ފިލްމުގެ ޚަބަރުތައް ހޯދާލަން މަސައްކަތް ކުރަނީކަމަށެވެ.

ސަންޖޭ ކަޕޫރުގެ ދަރިފުޅު ޝަނާޔާ އާއި ސައިފް އަލީ ޚާންގެ ހަގު ދަރިފުޅު އިބްރާހިމް އަލީ ޚާން ވެސް ބޮލީވުޑު ދަތުރު ވަނީ ފަށާފަ އެވެ. އެމީހުން އަދި ފިލްމެއް ކުޅެން ސޮއި ނުކުރިޔަސް ފިލްމު އިންޑަސްޓްރީއަށް ވަނުމުގެ ތައްޔާރީތައް ވަނީ ވަމުންނެވެ. އެގޮތުން ޝަނާޔާ ވަނީ ޕެރިސް ފެޝަން ވީކެއްގައި މޮޑެލް ކޮށްފަ އެވެ. އަދި ކަރަން ޖޯހަރް މިހާރު އުފައްދަމުންދާ ފިލްމެއްގައި އޭނާގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި އިބްރާހިމް ދަނީ މަސައްކަތް ކުރަމުންނެވެ.