ޖޫހީ ޗައުލާ އާއި ޝާހް ރުކް ޚާން އަކީ އެކުގައި ފިލްމު ކުޅުނު ކޯ-ސްޓާރުންގެ އިތުރުން ބިޒިނަސް ޕާޓްނަރުންނެވެ. އަދި ޒަމާނުއްސުރެ ވަރަށް ގާތް އެ އެކުވެރިންނެވެ. މި ދެ ތަރިންގެ އޮތް ގާތްކަން މިހާރު އެމީހުންގެ ދަރިން ކަމަށްވާ އާރްޔަން އާއި ސުހާނާ އަދި ޖާންވީގެ މެދުގައި ވެސް އޮވެ އެވެ.
ދާދިފަހުން ޖޫހީގެ ދަރިފުޅު ޖާންވީ ވަނީ ކޮލަމްބިއާ ޔުނިވަސިޓީން ތައުލީމު ފުރިހަމަކޮށް ގްރެޖުއޭޓްވެފަ އެވެ. އަދި މިކަމާ އެންމެ ބޮޑަށް އުފާވީ ޝާހް ރުކް އެވެ. ޖާންވީ ގްރެޖުއޭޓްވުމާ ގުޅިގެން ޝާހް ރުކް ވަނީ ޖާންވީ އަށް ތަހުނިޔާ ކިޔައި ސޯޝަލް މީޑިއާގައި މެސެޖެއް ޕޯސްޓްކޮށްފަ އެވެ.
ގްރެޖުއޭޝަން ފޮޓޮއެއް ޖާންވީ ޕޯސްޓްކުރުމުން ޝާހް ރުކް ތަހުނިޔާ ކިޔާފައިވަނީ ޖާންވީގެ ޕޯސްޓް އަލުން ޝެއާ ކުރުމަށް ފަހުގަ އެވެ.
"ތީ ވަރަށް ފުރިހަމަ ކާމިޔާބެއް. ޖާންވީއާ އެކު މި ކާމިޔާބީ ފާހަގަކުރަން ކެތްތެރިކަމެއް ނެތި އެބަ އިންތިޒާރުކުރަން. ތި ހޯދި ކާމިޔާބަށް ވަރަށް ފަޚުރުވެރިކަން އިހްސާސްވޭ. ވަރަށް ލޯބިވޭ ޖާންޒް،" ޝާހްރުކްގެ ޕޯސްޓްގައި ވެއެވެ.
ދަރިފުޅު ހޯދި ކާމިޔާބުން އުފަލުން ފޮޅިފައި ހުރި ޖޫހީ އިންޑިއާގެ ނޫހަކާ ވާހަކަ ދައްކަމުން ބުނެފައިވާ ގޮތުގައި އަމިއްލަ ދަރިންނަށް ތައުރީފުކުރުމަކީ މީހުން އާއްމުކޮށް ކޮށްއުޅޭ ކަމެއް ނޫން ނަމަވެސް ޖާންވީ އަށް ތައުރީފުކުރުން ހައްގު ކަމަށެވެ. ސްކޫލްގައި ކިޔެވި ދުވަސްވަރުން ފެށިގެން ޖާންވީ އަކީ ކިޔެވުމަށް ވަރަށް މޮޅު، ވިސްނުންތޫނު ކުއްޖެއް ކަމަށް ޖޫހީ ބުންޏެވެ.
"އައިޖީސީއެސްއީ އިމްތިހާނުގައިވެސް ޖާންވީ ވަރަށް ރަނގަޅު ކާމިޔާބެއް ހޯދި. އިންޑިއާއިން ހިސްޓްރީން އެއްވަނަ ހޯދީ އޭނާ. އަދި އެނޫން އިމްތިހާނުތަކުން ވެސް މުޅި ސްކޫލުން އެއްވަނަ ހޯދި. ކޮލަމްބިއާ ޔުނިވަސިޓީން ނިންމި ޑިގްރީގައިވެސް ޑީންސް ލިސްޓްގައި އޭނާ ހިމެނުނު،" ޖޫހީ ބުންޏެވެ.
ޖާންވީ ކުރިއަށް ދާން ބޭނުންވާ ރޮނގާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޖޫހީ ބުނީ ޖާންވީ އަކީ ކްރިކެޓަށް އާދަޔާޚިލާފު ލޯތްބެއް ޖެހިފައިވާ ކުއްޖެއް ކަމަށެވެ. ކްރިކެޓްގެ ވާހަކަ ދައްކާއިރު އޭނާގެ މޫނު ހުންނާނީ އުފަލުން ފޮޅިފައި ކަމަށް ޖޫހީ ބުންޏެވެ.
"އޭނާއަށް އެނގޭނެ ކްރިކެޓްގެ ޚަބަރެއް ވެއްޖިއްޔާ. އަދި ކްރިކެޓް ކުޅޭ އެންމެން ވެސް އެނގޭނެ ވަރަށް ރަނގަޅަށް. އަހަރެން ހިތަށް އަރާ މި ހުރިހާ މައުލޫމާތެއް އޭނާއަށް އެނގެނީ ކިހިނެއް ބާއޭ؟" ޖޫހީ ބުންޏެވެ.
ޖޫހީ ބުނި ގޮތުގައި އެކްޓަރުންގެ ދަރިން ބޮލީވުޑް ކެރިއަރެއް ފެށުމުގެ ޝައުގުވެރިކަމުގައި ވަރަށް ގަދައަޅާ މަސައްކަތް ކުރަމުންދާތަން އޭނާއަށް ފެނެ އެވެ. ނަމަވެސް ޖާންވީގެ އެފަދަ ޝައުގެއް ނެތުމުން ކޮންމެހެން ޕްރެޝަރު ކޮށްގެން އޭނާ ލައްވާ ފިލްމު ކުޅުވާކަށް ބޭނުމެއް ނުވެ އެވެ.
ޖާންވީ އަކީ ޖޫހީގެ ދޮށީ ދަރިފުޅެވެ. ދެން ހުންނަނީ އަރްޖުން ކިޔާ ފިރިހެން ކުއްޖެކެވެ.