ބޮލީވުޑް

އާރްޔަން ޑައިރެކްޓްކުރާ ފުރަތަމަ ޕްރޮޖެކްޓް އިއުލާންކޮށްފި

ޝާހް ރުކް ޚާންގެ ފޭނުން އުންމީދުކޮށްގެން ތިބީ ބައްޕަ ފަދަ އެކްޓަރެއްގެ ގޮތުގައި ޝާޙް ރުކްގެ ދޮށީ ދަރިފުޅު އާރްޔަން ޚާން ބޮލީވުޑަށް ނުކުންނާނެ ކަމަށެވެ. އަދި ކޮއްކޮ ސުހާނާ ފަދައިން ފިލްމީ މަސައްކަތް ވަރަށް އަވަހަށް ފަށާފާނެ ކަމަށެވެ. ނަމަވެސް އާރްޔަން ހިންދީ ސިނަމާއަށް ތައާރަފްވާ ފުރަތަމަ ޕްރޮޖެކްޓް މިދިޔަ އަންގާރަ ދުވަހު އިއުލާންކުރުމުން އޭނާ ބޭނުންވަނީ އެކްޓަރަކަށް ވާން ނޫންކަން ވަނީ ޔަގީން ވެފައެވެ. އާރްޔަންގެ ސޯޝަލް މީޑީއާ އެކައުންޓުން ޝެއާ ކުރި މެސެޖުން ޔަގީން ވެފައިވާ ގޮތުގައި އޭނާ ހިންދީ ސިނަމާއަށް ތައާރަފްވާނީ ލިޔުންތެރިއެއް އަދި ޑައިރެކްޓަރެއްގެ ގޮތުގަ އެވެ.

މަޑުމައިތިރި މިޒާޖެއްގެ އާރްޔަންގެ މެސެޖުގައި ބުނެފައިވާ ގޮތުން އޭނާގެ ފުރަތަމަ ޕްރޮޖެކްޓް މިހާރު އޭނާ ވަނީ ލިޔެ ނިންމާފަ އެވެ. އަދި މި ފިލްމު ޑައިރެކްޓްކުރުމުގެ މަސައްކަތް ފަށައި "އެކްޝަން" ބުނާ ހިތުން ކެތްމަދުވެފައިވާ ކަމަށް ވެސް އާރްޔަން ލިޔެފައި ވެއެވެ.

"ލިޔެ ނިންމާލައިފިން. އެކްޝަން ބުނަން ކެތްތެރިކަމެއް ނެތި އިންތިޒާރު އެބަކުރަން،" އޭނާގެ ފުރަތަމަ ޕްރޮޖެކްޓާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ހިއްސާ ނުކޮށް އާރްޔަން، 25، ލިޔެފައި ވެއެވެ.

އެހެންކަމުން އާރްޔަންގެ ފުރަތަމަ ޕްރޮޖެކްޓަކީ ފިލްމެއް ކަމެއް ވެބް ސީރީޒް އެއް ކަމެއް އަދި ނަމަކީ ކޮބައިކަމާއި އެކްޓަރުންގެ ގޮތުގައި ހިޔާރުކުރަނީ ކޮން ބައެއްކަމެއް އަދި ނޭނގެ އެވެ.

މި ޕޯސްޓްގައި އާރްޔަން ވަނީ އޭނާގެ ފުރަތަމަ ޕްރޮޖެކްޓްގެ ސްކްރިޕްޓްގެ ތަންކޮޅެއް ފެންނަ ފޮޓޯއެއްވެސް ހިމަނާފަ އެވެ. މި ޕްރޮޖެކްޓް ޕްރޮޑިއުސްކުރާނީ އާރްޔަންގެ މައިންބަފައިންގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓުންނެވެ.

މީގެ ކުރިން ޚަބަރުތައް ފެތުރިފައިވާ ގޮތުގައި އާރްޔަންގެ ފުރަތަމަ ޕްރޮޖެކްޓަކީ ވެބް ސީރީޒް އެއް ކަމަށެވެ. ނަމަވެސް މިއީ ވެސް ތެދެއް ކަމެއް އަދި ޔަގީނެއް ނޫނެވެ. އަދި މި ޕްރޮޖެކްޓްގައި އާރްޔަން އެކްޓް ނުކުރާނެ ކަމެއް ވެސް ޔަގީނެއް ނޫނެވެ.

"ބަލާލާހިތުން ކެތްކުރެވެނީކީ ނޫން،" އާރްޔަންގެ ޕޯސްޓަށް އޭނާގެ މަންމަ ގޯރީ ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައި ވެއެވެ.
އަދި ބޮލީވުޑްގައި އުޅޭ ޝާހް ރުކް އާއިލާގެ އެކުވެރި ފަންނާނުންގެ ތެރެއިން ގިނަ ބަޔަކު އަރްޔަން އަށް މަރުހަބާ ކިޔައި މެސެޖުތައް ފޮނުވަމުން އެބަ ގެންދެއެވެ.

ފިލްމީ މަސައްކަތް ނޫނަސް ޝާހް ރުކްގެ އަމިއްލަ ވިޔަފާރީގެ ގިނަ މަސައްކަތްތަކެއްގައި އާރްޔަން އާއި ސުހާނާ ބައިވެރިވެ އެވެ. އެގޮތުން އޭނާގެ ކްރިކެޓް ކްލަބާއި އެނޫންވެސް ގިނަ މަސައްކަތްތަކެއްގައި އަމަލީ ގޮތުން އާރްޔަން އާއި ސުހާނާ ބައިވެރިވާތަން ވަރަށް ގިނައިން ފެނިފައި ވެއެވެ.