ބޮލީވުޑް

އާރްޔަން ފްރޭމްކޮށް ޝާހް އަތުން ފައިސާ ހޯދަން ސަމީރް އުޅުނު!

ޝާހް ރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން ޑްރަގް މައްސަލައެއްގައި ބައްދައި، އޭނާ ހައްޔަރުކުރުމަށްފަހު ޝާހް ރުކް އަށް ބިރުދައްކައި އޭނާ އަތުން 25 ކްރޯޑު ހޯދަން މަސައްކަތްކުރި ކަމުގެ ތުހުމަތު އެކަމުގައި ނާކޮޓިސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)ގައި އޭރު އެންމެ އިސްކޮށް މަސައްކަތްކުރި އޮފިސަރު ސަމީރް ވެންކެޑެގެ މައްޗަށް ކޮށްފި އެވެ.

އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެސްބީއައި)އިން މިހާރު ވަނީ ސަމީރް އާއި އޭނާއަށް މިކަމުގައި އެހީތެރިވި މީހުންނާ ދެކޮޅަށް މައްސަލަ ހުށަހަޅާފަ އެވެ.

ޝާހް އަށް ބިރުދައްކައި ފައިސާ އަތުލަން މަސައްކަތް ކޮށްފައިވަނީ އާރްޔަންއާ އެކު ސެލްފީއެއް ނަގައި އެ ސެލްފީ ވައިރަލް ކޮށްލުމަށްފަހު އޭނާއާ ދެކޮޅަށް ހެކިބަސް ދިން ކޭޕީ ގޯސާވީ ކިހާ މީހަކު މެދުވެރިކޮށެވެ. އެމީހާ މި މަސައްކަތްކުރީ އޭރު އެންސީބީގެ ޒޯނަލް ޑައިރެކްޓަރުގެ މަގާމުގައި ހުރި ސަމީރްގެ ރޭވުމެއްގެ ދަށުން އޭނާ ބުނެގެން ކަމަށް ސީބީއައި އިން ފައިލް ކުރި އެފްއައިއާރްގައި ބުނެފައި ވެއެވެ.

ސީބީއައިގެ އެފްއައިއާރްގައި އެންސީބީގައި މަސައްކަތްކުރާ އިތުރު އޮފިސަރުންތަކެއްގެ ނަންތައް ވެސް ހުއްޓެވެ. މީގެތެރޭގައި އެންސީބީގެ ސުޕްރިންޓެންޑެންޓް ވީވީ ސިންގް އާއި އާރްޔަންގެ ޑްރަގް ކޭސްގެ ތަހުގީގުގައި އިސްކޮށް އުޅުނު އިންވެސްޓިގޭޓިވް އޮފިސަރު އަޝިޝް ރަންޖަން ހިމެނެ އެވެ. އަދި ތުހުމަތުކުރެވޭ ގޯސާވީގެ އިތުރުން އޭނާއަށް މިކަމުގައި އެހީތެރިވީ ޑިސޫޒާ ކިޔާ މީހެއްގެ ވާހަކަވެސް މިފަހަރު ހުށަހެޅި މައްސަލައިގައި ވެއެވެ.

ސަމީރު އާއި އޭނާއާއެކު މިކަމުގައި ބައިވެރިވީ މީހުން ޑިމާންޑް ކުރީ އާރްޔަން މި މައްސަލައިގައި ފްރޭމް ނުކުރާ މަތިން 25 ކްރޯޑު ޝާހް ރުކް އެމީހުންނަށް ދިނުމަށް ކަމަށް ސީބީއައި އިން ހުށަހެޅި މައްސަލައިގައި ބުނެފައި ވެއެވެ.

މި މައްސަލައިގައި އާރްޔަން ބައްދާލާފައިވަނީ ސަމީރުގެ ރޭވުމުގެ ދަށުން ކުރި މަސައްކަތްތަކެއްގެ ތެރޭގަ އެވެ. މިހާރު ވަނީ ސަމީރު އާއި މިކަމުގައި ބައިވެރިވި އެންމެން ވެސް ވަޒީފާއިން ވަކިކޮށްފަ އެވެ. އަދި ވަރަށް އަވަހަށް މި އެންމެންނަށް ދައުވާ ކުރާނެކަމަށް އިންޑިއާގެ ނޫސްތަކުގައި ވެއެވެ.