ޝާހް ރުކް ޚާންގެ ދޮށީ ދަރިފުޅު އާރްޔަން ޚާން، ކްރޫޒް ޝިޕެއްގައި އޮތް ޑްރަގް ޕާޓީއަކުން ހައްޔަރުކޮށް ޖަލުގައި އެތައް ދުވަހެއް ވަންދެން ގެންގުޅުމަށް ފަހު މިހާރު ވަނީ މުޅިން މިނިވަން ވެފަ އެވެ. އަދި ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި މި މައްސަލަ އާ އޭނާއާ ގުޅުވައިގެން ހައްޔަރު ކުރީ ވަކި ބަޔަކު އަމިއްލަ ފައިދާއަށް ރާވައިގެން ކުރި ކަމެކެވެ. އާރްޔަންގެ ކުށެއް ނެތް ކަމަށް އިންޑިއާގެ އެންމެ މަތީ ކޯޓުން ވެސް މިހާރު ވަނީ ނިންމާފަ އެވެ.
އާރްޔަން ޖަލުން މިނިވަން ވިޔަސް ކޮންމެ ހުކުރު ދުވަހަކު މުމްބައިގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ގައި އޮންނަ ރަޖިސްޓްރީއެއްގައި ސޮއިކޮށް އެތާނގެ އޮފިޝަލުންގެ ސުވާލުތަކަށް ޖަވާބު ދޭން އެތަނަށް ހާޒިރުވާން އާރްޔަން އަށް ޖެހުނެވެ. ނަމަވެސް މިދިޔަ ހަފުތާގައި އެކަން ވެސް ވަނީ ނިމުމަކަށް އައިސް އޭނާއާ މެދު ކުރެވުނު ހުރިހާ ތުހުމަތަކުން މުޅިން ބަރީއަ ވެފަ އެވެ.
މުޅިން މިނިވަން ވުމުން އާރްޔަން ބޭނުންވީ ފިލްމު އުފެއްދުމާ ގުޅޭ ގޮތުން ބޭރު ގައުމެއްގައި ބާއްވާ ވޯކްޝޮޕެއްގައި ބައިވެރި ވުމަށް ފުރާށެވެ. އެއީ ބޮލީވުޑަށް ތައާރަފްވުމުގެ ކުރިން ފިލްމީ މަސައްކަތް ރަނގަޅަށް ދަސް ކުރުމަށެވެ. ނަމަވެސް އާރްޔަންގެ ޕާސްޕޯޓް އަދިވެސް ހިފަހައްޓާފައި ވާތީ އެކަން ކުރެވޭ ގޮތެއް ނުވި އެވެ.
މިހާރު ޝާހް ރުކް ވަނީ ދަރިފުޅު އޭނާގެ ލޯ ކުރިމަތީގައި އަބަދުވެސް ބަހައްޓައިގެން އުޅެން ނިންމާފަ އެވެ. އޭނާ ކުޅޭ ފިލްމުތަކުގެ ސެޓުތަކަށް އާރްޔަން ގޮވައިގެން ގޮސް ފިލްމު އުފެއްދުމުގެ އެކިއެކި މަރުހަލާތަކުގައި ކަން ކުރާ ގޮތް އޭނާއަށް ދަސް ކޮށްދޭށެވެ.
ހިންދީ ފިލްމު އިންޑަސްޓްރީގައި އޮތް އެންމެ ބޮޑު ދެ ފިލްމު ކުންފުނި ކަމަށްވާ ޔާޝް ރާޖް ފިލްމްސް އާއި ދަރްމާ ޕްރޮޑަކްޝަންގެ ވެރިން ކަމަށްވާ އަދިތުޔާ ޗޯޕްޅާ އާއި ކަރަން ޖޯހަރަކީ ޝާހް ރުކްގެ އެއް އަތް ކަހަލަ ބައެކެވެ. ވީމާ މިއިން ކޮންމެވެސް އެއް ތަނެއްގައި އާރްޔަން އަށް މަސައްކަތް ކުރެވޭނެ ފުރުސަތު ހޯދައިދީ އޭނާ އުޅޭ ނޫޅޭ ހިސާބު މޮނިޓާ ކުރެވޭ ފަދަ ތަނެއްގައި ބަހައްޓަން ޝާހްރުކް ވަނީ ނިންމާފަ އެވެ.
ދަރިފުޅު ހައްޔަރު ކުރުމާ ގުޅިގެން މީހުންނަށް ފިލައިގެން ޝާހް ރުކް އުޅޭތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެންމެ ފަހުން ވެސް އޭނާ ފޭނުންނާ ބައްދަލުކުރީ ޑިޖިޓަލް ކޮށެވެ. އެ އިވެންޓަށް އެހެން އެންމެން ހާޒިރުވެ ތިބިއިރު ޝާހްރުކް ފެންނަން އިނީ ކުރިމަތީހުރި ޓީވީންނެވެ.
މީގެ ދެ ދުވަހެއް ކުރިން ފެށިގެން "ޕަތާން" ގެ މަސައްކަތް ވެސް ޝާހްރުކް ފަށާފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. ޔާޝް ރާޖް ފިލްމްސްގެ އުފެއްދުމެއް ކަމަށްވާ "ޕަތާން" ގައި ޝާހް ރުކް އާއެކު ބައިވެރި ވަނީ ދީޕިކާ ޕަދުކޯން އާއި ޖޯން އަބްރަހަމް އެވެ.