ބޮލީވުޑް

އާރްޔަން ބަލަހައްޓަން ބޮޑީގާޑެއް

މަސްތުވާ ތަކެތި ވިއްކުމާއި ބޭނުން ކުރުމުގެ ތުހުމަތުގައި 25 ދުވަހު ޖަލުގައި ހޭދަ ކުރުމަށްފަހު ޝާހް ރުކް ހާންގެ ދަރިފުޅު އާރްޔަން ހާން މިދިޔަ ހޮނިހިރު ދުވަހު ވަނީ ކަފާލާތުގެ ދަށުން މިނިވަން ވެފަ އެވެ. މިހާރު އާރްޔަން ހުރީ މަންމަ އާއި ބައްޕަ އާއެކު އެމީހުންގެ "މަންނަތު" ކިޔާ ބަންގްލޯގަ އެވެ.

ދަރިފުޅު އުޅޭ ނޫޅޭގޮތް މީގެ ކުރިން މާބޮޑަށް ނުބެލިޔަސް އާރްޔަން އުޅޭ ނޫޅޭ ބަލައި އޭނާ ރައްކާތެރި ކުރަން ބޮޑީގާޑުން ލާން މިހާރު ޝާހް ރުކް އާއި އަންހެނުން ގޯރީ ނިންމާފައި ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފައި ވެއެވެ.

ޝާހް ރުކްގެ ކައިރީގައި އޭނާގެ ބޮޑީ ގާޑު ރަވީ ސިންގް އަބަދު ވެސް ހުންނަ ގޮތަށް މީގެ ފަހުން އާރްޔަން ކައިރީގައި ވެސް މިގޮތަށް އޭނާގެ ހިޔަނި ފަދައިން ބޮޑީ ގާޑެއް ހުންނާނެ އެވެ.

ބޮލީވުޑްލައިފް އޮންލައިން ނޫހުގައި ބުނެފައިވާ ގޮތުގައި ދޮށީ ދަރިފުޅަށް މި ކުރިމަތިވި ބޮޑު ކަންތައްގަނޑުން ޝާހް ރުކް އަށް ވަނީ ވަރަށް އަސަރު ކޮށްފަ އެވެ. އެހެންވެ މީގެ ފަހުން ބޮޑީގާޑެއް ނެތި ދަރިފުޅު އެއްވެސް ތަނަކަށް ނުފޮނުވަން ޝާހް ރުކް ވަނީ ނިންމާފަ އެވެ.

އާރްޔަންގެ ކަފާލާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ކަންކަން ފުރިހަމަކޮށް ދިނީ ޝާހް ރުކްގެ ކޯސްޓާރު އަދި އެކުވެރިޔާ ޖޫހީ ޗައުލާ އެވެ. ކަފާލާތުގެ ދަށުން އާރްޔަން މިނިވަން ކުރީ ވަރަށް ގިނަ ޝަރުތުތަކާ އެކުގަ އެވެ. އެ ޝަރުތުތަކުގެ ތެރޭގައި އިންޑިޔާއިން ފުރައިގެން ނުދިއުމާއި ޕާސްޕޯޓް ހަވާލު ކުރުން، އަދި ކޮންމެ ހުކުރު ދުވަހު މެންދުރު 11.00 އާއި 2.00 އާ ދޭތެރޭ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއަށް ހާޒިރުވުން ހިމެނެ އެވެ.

ރައްޓެހިންނާއެކު ޕާޓީތަކަށް ދިއުމާއި ބޭރަށް ނިކުމެ އުޅުން ޝާހްރުކް އާއި ގޯރީ ވަނީ އެމީހުންގެ ދަރިފުޅަށް މުޅިން މަނާ ކޮށްފަ އެވެ. މަދުވެގެން ދެ ތިން މަސް ވަންދެން އާރްޔަން ގޭން ބޭރަށް އެންމެ ފިޔަވަޅެއް ވެސް އެޅިޔަ ނުދޭން އޭނާގެ މައިންބަފައިން ވަނީ ނިންމާފަ އެވެ.

އާރްޔަން ހައްޔަރު ކުރުމާ ގުޅިގެން ޝާހް ރުކް އަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ފާޑު ކިޔާފައި ވެއެވެ. އެމީހުން ބުނަނީ ދަރިފުޅު މަސްތުވާތަކެތީގެ ވަބާގައި ޖެހިގެން އެތައް އަހަރެއް ވީއިރުވެސް ޝާހް ރުކް އާއި ގޯރީ އެއްވެސް ފިޔަވަޅެއް ނާޅާ އޭނާ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލާފައި ހުރި ކަމަށެވެ. އަދި މި ދިމާވި ކަންތައްތަކަކީ ރަނގަޅު ތަރުބިއްޔަތެއް ނުލިބުމުން ދިމާވާނެ ކަންތައްތައް ކަމަށެވެ.