ބޮލީވުޑް

"މައުސޫމް"ގެ މަގްބޫލުކަން ޖުގަލްއަށް ނުހިފެހެއްޓުނު

"މައުސޫމް"ގައި ކުޅުނު ލޯބިލޯބި ކުޑަ ފިރިހެން ކުއްޖެއްގެ ރޯލާއެކު ޖުގަލް ހަންސްރާޖްއަށް ވަރަށް ގިނަ ބައެއްގެ މަގްބޫލުކަން ލިބުނެވެ. އަދި އޭނާ ބޮޑުވެގެން ފިލްމު ކުޅެ މަޝްހޫރު ތަރިއަކަށް ވާނެ ކަމަށް އުއްމީދުކުރި މީހުން ވެސް މަދެއް ނޫނެވެ. ނަމަވެސް މީހުން ހީކުރި ގޮތާ ޚިލާފަށް ޖުގަލްގެ ފިލްމީ ކެރިއަރަށް އެއްވެސް ކުރިއެރުމެއް ނުލިބި ވަޅުޖެހީ އެވެ.

ޒުވާން އެކްޓަރެއްގެ ގޮތުގައި "ޕާޕާ ކެހެތޭ ހޭ" އާއި "މުހައްބަތޭން" ފަދަ ފިލްމުތައް ޖުގަލް ކުޅުނެވެ. ނަމަވެސް އޭގެ ފަހުން އޭނާއަށް އެކްޓްކުރުމުގެ މާރަނގަޅު ފުރުސަތުތަކެއް ލިބިފައެއް ނުވެ އެވެ. އެންމެ ފަހުން މާޔޫސްވެގެން ލިޔުންތެރިކަމާއި ޑައިރެކްޝަންގެ މަސައްކަތް ޖުގަލް ފެށި އެވެ.

ޑައިރެކްޓްކުރުމާއި ލިޔުންތެރިކަމުގެ ރޮނގުން ނެޝަނަލް އެވޯޑު ޖުގަލް ހާސިލްކޮށްފައި ވެއެވެ. މިހާރުވެސް ތިން ފޮތެއް ލިޔުމުގެ މަސައްކަތް ކުރަމުންދާ ޖުގަލް ބުނީ "މައުސޫމް"ގައި ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި މަސައްކަތްކުރިއިރު ވަރަށް ގިނަ އިޝްތިހާރުތައް ވެސް ކުޅެން ލިބުނު ކަމަށެވެ. ނަމަވެސް އުމުރުން 13-14 އަހަރުގައި އޭނާ ފިލްމު ކުޅުމާ ދުރަށް ދިޔައީ އެވެ. ކިޔެވުމަށް ބޮޑަށް ފޯކަސް ކުރަން ވެގެންނެވެ. ޒުވާނެއްގެ ގޮތުގައި އޭނާ އަލުން ފިލްމު ކުޅެން ފެށީ އުމުރުން 21 އަހަރުގަ އެވެ.

ޒުވާން އެކްޓަރެއްގެ ގޮތުގައި އޭނާ ތައާރަފްވީ "މައުސޫމް"ގައި އޭނާގެ ދައްތަގެ ރޯލު ކުޅެފައިވާ ބަތަލާ އުރުމިލާ މަޓޯންޑްކަރްއާ އެކުގަ 1994 ވަނަ އަހަރު އެވެ. ނަމަވެސް އޭރު ގިނަ ބަޔަކު ޖުގަލް މަތިން ހަނދާން ނެތިއްޖެ އެވެ. އެހެންވެ ކުޑައިރު ލިބުނު ވަރުގެ ލޯތްބާއި މަގުބޫލުކަމެއް ޒުވާން އެކްޓަރެއްގެ ގޮތުގައި ޖުގަލްއަށް ނުލިބުނީ އެވެ.

ޖުގަލް ބުނި ގޮތުގައި 90ގެ އަހަރުތަކުގައާއި 2000ގެ އަހަރުތަކުގައި އޭނާއަށް 35 ވަރަކަށް ފިލްމު ކުޅެން ލިބި ދެންމެ ދެންމެ ފެށިދާނެހެން ހީވި ވަގުތު ވެސް ދިޔަ އެވެ. ނަމަވެސް މީގެން އެއްވެސް ފިލްމެއް ފެށޭ ގޮތް ނުވެ ވަނީ ހުއްޓިފަ އެވެ. އޭނާގެ ފިލްމީ ކެރިއަރު އެހާ ބޮޑަށް ވަޅުޖެހީ މި ފިލްމުތައް ހުއްޓުމުންނެވެ.

ޖުގަލް "މައުސޫމް" ކުޅުނުތާ 40 އަހަރު ފާއިތުވީއިރު އޭނާގެ ވެސް ޒުވާންކަން ގެއްލި ބޮލުގައި ނުރަ ޖަހައި ސިފައަށް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. މިހާރު އޭނާ ފެނުނަސް އެއީ "މައުސޫމް"ގައި ލީޑް ރޯލު ކުޅުނު ކުޑަ ފިރިހެން ކުއްޖާ ކަމެއް އެކަކަށް ވެސް ނޭނގޭނެ އެވެ. އެހާ ބޮޑަށް އޭނާގެ ސިފަ ވަނީ ބަދަލުވެފަ އެވެ.