ބޮލީވުޑް

އިންޑިއާ އިން އޮސްކާއަށް ފޮނުވި "ޗެއްލޯ ޝޯ"ގެ ރާހޫލް މަރުވެއްޖެ

އިންޑިއާ އިން މިފަހަރު އޮސްކާ އަށް "ބެސްޓް އިންޓަނޭޝަނަލް ފީޗާ ފިލްމު" ކެޓަގަރީން ވާދަކުރަން ފޮނުވި ގުޖުރާތީ ފިލްމު "ޗެއްލޯ ޝޯ" (ލާސްޓް ފިލްމު ޝޯ)ގައި މުހިއްމު ރޯލެއް އަދާކުރި ކުޑަ ކުއްޖެއް ކަމަށްވާ ރާހޫލް ކޯލީ މަރުވެއްޖެ އެވެ. އުމުރުން 15 އަހަރުގެ ރާހޫލް މަރުވީ ކެންސަރު ޖެހިގެންނެވެ.

ރާހޫލް އަށް ލޭގެ ކެންސަރު ޖެހިފައިވާކަން އެނގުނީ މީގެ ހަތަރު ވަރަކަށް މަސް ކުރިންނެވެ.

ޑައިރެކްޓަރުގެ ޕަން ނާލިންގެ "ޗެއްލޯ ޝޯ"ގައި އެންމެ މުހިއްމު ރޯލުތަކެއް ކުޅެފައިވަނީ ރާހޫލް އާއި އިތުރު ފަސް ކުއްޖެކެވެ.

ޓައިމްސް އޮފް އިންޑިއާއާ ވާހަކަ ދައްކަމުން ރާހޫލްގެ ބައްޕަ ރާމޫ ކޯލީ ވަނީ އޭނާގެ ދޮށީ ދަރިފުޅު މަރުވިކަން ޔަގީން ކޮށްދީފަ އެވެ.

"އޮކްޓޯބަރު 2 ވީ އާދިއްތަ ދުވަހު ހެނދުނު ސައި ބުއިތާ އިރުކޮޅެއް ތެރޭ ރާހޫލް ހުންގަދަވެ ހާލު ބޮޑުވާން ފެށީ. އަދި ހޮސްޕިޓަލަށް ގެންދިޔަތަނާ މަރުވީ،" ރާހޫލްގެ ބައްޕަ ބުންޏެވެ.

ރާހޫލް މަރުވީ އޭނާ ކުޅުނު "ޗެއްލޯ ޝޯ" ރިލީޒްކުރުމުގެ ކުރިން ކަމަށްވާތީ އެ ފިލްމު ބަލާލުމުގެ ނަސީބު ޚުދު އޭނާއަށް ވެސް ލިބިފައެއް ނެތެވެ.

"ޗެއްލޯ ޝޯ" އިންޑިޔާގައި ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ.

މި ފިލްމު ޗެންނައިގެ މީޑިއާގެ ބައެއް ފަރާތްތަކަށް ދާދިފަހުން ދައްކާފައި ވެއެވެ. އަދި ފިލްމު ބެލި މީހުން މި ފިލްމަށް ހޫނު ތަރުހީބެއް ދިން ކަމަށް ޚަބަރުތަކުގައި ބުނެފައި ވެއެވެ.

"ޗެއްލޯ ޝޯ" އަކީ ސެމީ-އޮޓޮބައިގްރޮފިކަލް ވާހަކަ އެކެވެ. ނުވަ އަހަރު ކުއްޖެއް ފިލްމު ކުޅޭހިތުން ކުރާ މަސައްކަތްތަކެއް ދައްކުވައިދޭ ފިލްމެކެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި މި ފިލްމުގައި ދައްކަނީ ޑައިރެކްޓަރު ޕެން ނާލިން ކުޑައިރުގެ ދުވަސްތަކުގެ ހަގީގީ ވާހަކަ ތަކެކެވެ.