މިފަހަރުގެ އޮސްކާ އެވޯޑުގައި އިންޑިޔާ ފިލްމު "އާރްއާރްއާރް"ގެ 'ނާޓޫ ނާޓޫ' ލަވަ ޕާފޯމްކުރާ ނެށުންތެރިޔަކަށް އެމެރިކާގެ އެކްޓަރު އަދި ނެށުންތެރިޔާ ލޯރެން ގޮޓިލެބް ހަމަޖެހިއްޖެ އެވެ.
ލޯރެން ވަނީ ހިންދީ ފިލްމު "އޭބީސީޑީ"ގައި ވެސް މުހިއްމު ރޯލެއް ކުޅެއްފަ އެވެ. އަދި އިންޑިޔާގެ ބައެއް ޑާންސް ރިއަލިޓީ ޝޯތަކުގައި ހާއްސަކޮށް ކޯރިއޮގްރާފަރު ރޭމޯ ޑިސޫޒާގެ ވަރަށް ގިނަ ޝޯތަކުގައި ލޯރެން ނެށުންތެރިއެއްގެ ހައިސިއްޔަތުން ބައިވެރި ވެފައި ވެއެވެ.
ލޯރެން ޕާފޯމްކުރަން ހަމަޖެހިފައިވާ "ނާޓޫ ނާޓޫ" ލަވަ ވަނީ "ބެސްޓް އޮރިޖިނަލް ސޯންގް"ގެ ކެޓަގަރީން އޮސްކާ އަށް ނޮމިނޭޓް ވެފަ އެވެ.
އޮސްކާގައި ޕާފޯމްކުރުމުގެ ފުރުސަތު ލިބުނުކަން މިދިޔަ ހުކުރު ދުވަހު އިއުލާން ކޮށްފައިވަނީ ޚުދް ލޯރެން އެވެ.
"ޚާއްސަ ހަބަރެއް. މިފަހަރުގެ އޮސްކާގައި އިންޑިއާ ތަމްސީލުކުރުމުގެ ފުރުސަތު އަދި 'ނާޓޫ ނާޓޫ' ލަވަ ޕާފޯމް ކުރުމުގެ ފުރުސަތު ލިބުމުން އަހަރެން މިހިރީ ވަރަށް އުފަލުން،" ލޯރެންގެ މެސެޖުގައި ވެއެވެ.
ލޯޜެން މި މެސެޖު ޝެއާ ކުރުން ވަރަށް ގިނަ މިއުޒީޝަނުންނާއި ފަންނާނުން ލޯރެން އަށް މަރުހަބާ ކިޔައި ސޯޝަލް މީޑިއާގައި ގިނަ މެސެޖުތަކެއް ޕޯސްޓް ކޮށްފައި ވެއެވެ.
ކުރިން ގިނަ ބަޔަކު ހީކުރީ އޮސްކާ އެވޯޑުގައި 'ނާޓޫ ނާޓޫ" ލަވަ ޕާފޯމްކުރާނީ "އާރްއާރްއާރް"ގައި އެ ލަވަޔަށް ނެށި ސައުތު އިންޑިއާ ދެ އެކްޓަރުން ކަމަށްވާ ރާމް ޗަރަން އާއި ޖޫނިއާ އެންޓީއާރް އަދި އެ ފިލްމުގައި ނެށި ޓީމުން ކަމަށެވެ. ނަމަވެސް އޮސްކާގައި އޭނާ ޕާފޯމްނުކުރާކަން ރާމް ވަނީ ޔަގީން ކޮށްދީފަ އެވެ.
އޭނާ ބުނި ގޮތުގައި އޭނާ ޕާފޯމް ނުކުރިޔަސް "ނާޓޫ ނާޓޫ" ލަވަ އުފެއްދި މިއުޒިކް ޑައިރެކްޓަރު އެމްއެމް ކީރަވާނީ ޕާފޯމް ކުރާނެ އެވެ. އަދި މިފަހަރުގެ އޮސްކާ އަކީ ގިނަ ގޮތްގޮތުން އިންޑިޔާގެ ފިލްމުތަކާއި ފަންނާނުންގެ ހުނަރު ފެނިގެންދާނެ ފަހަރަކަށް ވާނެ ކަމަށެވެ.