ބޮލީވުޑް

މައިކަލް ޖެކްސަން އާ ބައްދަލުކުރަން އޭ.އާރް ރަހްމާން ދެކޮޅު ހެދި!

ކޮންމެ ކޮންމެ މީހަކަށް އޭނާ އަމިއްލަ ނަފްސަށާއި އެންމެ ލޯބިވާ މީހުންނަށްވާ ވައުދުތަކެއް ނުފުއްދޭނެ އެވެ. ނަމަވެސް އޮސްކާ އެވޯޑެއް ލިބުމަށް ފަހު ނޫނީ މައިކަލް ޖެކްސަން އާ ބައްދަލު ނުކުރަން އިންޑިޔާގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އޭ.އާރް ރަހްމާން އަމިއްލަ ނަފްސަށް ވީ ވައުދު އޭނާ ވަނީ ފުއްދާފަ އެވެ.

އޭ.އާރް ރަހްމާނަށް އޮސްކާގެ ދެ އެވޯޑު ލިބުނު ދުވަސް ކަމަށްވާ ފެބްރުއަރީ 23، 2003 އަކީ އިންޑިޔާގެ ގިނަ ބަޔަކަށް ހަނދާނުން ފޮހެލަން ދަތި ތާރީހީ ދުވަހެކެވެ. އަދި މި އެވޯޑާއެކު ރަހްމާނަށް މައިކަލް ޖެކްސަން އާ ބައްދަލު ކުރާނެ ފުރުސަތު ވެސް ލިބުނެވެ.

ރަހްމާން ބުނި ގޮތުގައި އޮސްކާ އެވޯޑު ލިބުމުގެ މާ ކުރިން މައިކަލް ޖެކްސަން އާ ބައްދަލު ކުރެވިދާނެ ގޮތެއް ހޯދޭތޯ މަސައްކަތް ކޮށްދޭން އޭނާގެ މެނޭޖަރުގެ ކިބައިން އޮތީ އެދިފަ އެވެ. ރަހްމާންގެ މެނޭޖަރު އޭނާގެ ރައްޓެއްސަކާ ގުޅައިގެން މައިކަލް ޖެކްސަންގެ އީމެއިލް އެޑްރެހަށް އީމެއިލް ކުރި އެވެ. ރަހްމާން އޭނާ އާ ބައްދަލު ކުރަން ބޭނުން ކަމަށް ބުނެފަ އެވެ.

މައިކަލް އާ ބައްދަލު ކުރުމުގެ ފުރުސަތު ރަހްމާނަށް ލިބުނީ ކުއްލިއަކަށެވެ. އޭނާ އޮސްކާ އެވޯޑަށް އޭރު އޮތީ ނޮމިނޭޓް ވެފަ އެވެ.

އެއް ދުވަހަކު ހަމަ ކުއްލިއަކަށް ރަހްމާންގެ މެނޭޖަރު އައިސް އޭނާ އާ ބައްދަލު ކޮށްލަން މައިކަލް ބޭނުންވާ ކަމަށް ބުނުމާއެކު ރަހްމާންގެ ޚިޔާލު ބަދަލުވި އެވެ. އޮސްކާ އެވޯޑު ލިބިޖިއްޔާ ނޫނީ މައިކަލް އާ ބައްދަލު ނުކުރަން އޭނާ ގަސްތުކުރީ ހަމަ ކުއްލިއަކަށް އައި ވިސްނުމެއްގަ އެވެ.

"އަހަރެން ބުނިން އަހަރެން މައިކަލް އާ ބައްދަލު ކުރާނީ އޮސްކާ ކާމިޔާބު ކުރެވުނިއްޔާއޭ. އެހެން ނޫނީ ނުކުރާނަމޭ،" ރަހްމާންގެ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.

އޮސްކާ ލިބުމަށް ފަހު މައިކަލް އާ ބައްދަލުވި ދުވަހުގެ ހަނދާންތައް އާ ކުރަމުން ރަހްމާން ބުނި ގޮތުގައި އޭނާ ގޮސް މައިކަލް ހުރި ކޮޓަރީގައި ޓަކި ޖެހުމުން ދޮރުހުޅުވީ ވެސް މައިކަލް އެވެ. އޭރުވެސް އޭނާ ހުރީ އަބަދުވެސް އަޅައިގެން ހުންނަ އަވިއައިނު އަޅައި އަތަށް އަންގި ލައްވައިގެންނެވެ.

"އަހަރެމެން އެ ދުވަހު ދެ ގަޑިއެއްހާއިރު ވާހަކަ ދެއްކިން. އަހަރެމެން ލޯބިކުރާ ކަންތައްތަކާއި ނަފްރަތުކުރާ ކަންތައްތަކުގެ ވާހަކަ ވެސް ޝެއާ ކުރިން. އަހަންނަށް އޮސްކާ ލިބުނު 'ޖެއި ހޯ' ލަވަ އާ ގުޅޭ ގޮތުން ވެސް މައިކަލް ވާހަކަ ދެއްކި. މައިކަލް ބުނި އަހަރެންގެ މިއުޒިކް ފަދައިން އޭނާގެ ޑާންސް މޫވްތަކަކީ ވެސް ރޫހާ ގުޅިފައިވާ އެއްޗެކޭ. އަދި ކުއްލިއަކަށް ތެދުވެ އަހަންނަށް ނެށުމުގެ ހަރަކާތްތަކެއް ވެސް ދައްކައި ދިން،" ރަހްމާނުގެ އިންޓަވިއު ގައި ކިޔައިދީފައި ވެއެވެ.