ބޮލީވުޑް

"ނާޓޫ ނާޓޫ" ލަވަ އޮސްކާއަށް ނޮމިނޭޓްވެއްޖެ

މިއަހަރުގެ މާޗްގައި ބާއްވާ 95 ވަނަ އެކަޑަމީ އެވޯޑްސް ނޮމިނޭޝަންސްގައި އިންޑިޔާ އަށް ތިން ނޮމިނޭޝަންސް ލިބިއްޖެ އެވެ.

އެސްއެސް ރާޖާމޯލީގެ ތެލުގޫ ފިލްމު "އާރްއާރްއާރް"ގެ ލަވައެއް ކަމަށްވާ "ނާޓޫ ނާޓޫ" އަށް ބެސްޓް އޮރިޖިނަލް ސޯންގްގެ ކެޓަގަރީން ނޮމިނޭޝަންސް ލިބިފައިވެ އެވެ. މި ލަވައާ ވާދަކުރަން ނޮމިނޭޓް ވެފައިވާ އެހެން ލަވަ ތަކުގެ ތެރޭގައި "އެޕްލޯޒް"ގެ 'ޓެލް އިޓް ލައިކް އަ ވުމަން' އާއި "ޓޮޕް ގަން މާވެރިކް"ގެ 'ހޯލްޑް މައި ހޭންޑް'، "ބްލެކް ޕެންތާ"ގެ 'ލިފްޓް މީ އަޕް'، "އެވްރިތިން އެވްރިވެއާ އޯލް އެޓް ވަންސް"ގެ 'ދިސް އިޒް އަ ލައިފް' ހިމެނެ އެވެ.

"ނާޓޫ ނާޓޫ" އަކީ ސައުތު އިންޑިއާގެ މިއުޒިކް ޑައިރެކްޓަރު އެމްއެމް ކީރަވާނީ ކޮމްޕޯޒްކޮށްފައިވާ ލަވަ އެކެވެ.

މި ލަވައަށް އޮސްކާ ނޮމިނޭޝަންސް ލިބިފައި މިވަނީ ބެސްޓް ފޮރިން ފިލްމު ކެޓަގަރީން "އާރްއާރްއާރް" ނޮމިނޭޓް ވާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއްގައި ރާޖާމޯލީ އާއި ޓީމުން ތިއްބަ އެވެ. ނަމަވެސް އެ ފިލްމު ނޮމިނޭޓް ވެފައެއް ނުވެ އެވެ.

އިންޑިޔާއިން ރަސްމީކޮށް އޮސްކާ ނޮމިނޭޝަނަށް ހުށަހެޅި ޑައިރެކްޓަރު ޕެން ނާލިންގެ ގުޖްރާތީ ފިލްމު "ޗެއްލޯ ޝޯ" ނުވަތަ "ދަ ލާސްޓް ފިލްމު ޝޯ" ވެސް އޮސްކާ އަށް ނޮމިނޭޓް ނުވެ ވަނީ ފެއިލް ވެފަ އެވެ.

"ނާޓޫ ނާޓޫ"ގެ އިތުރުން އޮސްކާއަށް ދެން ނޮމިނޭޓްވީ ބެސްޓް ޑޮކިއުމެންޓްރީ ފީޗާ ފިލްމު ކެޓަގަރީން "އޯލް ތެޓް ބްރީތާޒް" އާއި ބެސްޓް ޑޮކިއުމެންޓްރީ ޝޯޓް ފިލްމު ކެޓަގަރީން "ދި އިލެފެންޓް ވިޝްޕާރާޒް" އެވެ.

"ގަންގޫބާއީ ކަތިއާވަޅީ" އިން އެންމެ މޮޅު ބަތަލާގެ އޮސްކާ އެވޯޑަށް އާލިއާ ބަޓް ނޮމިނޭޓް ވާނެ ކަމަށް ވެސް އިންޑިޔާ މީހުން ތިބީ ވަރަށް އުންމީދުކޮށްގެންނެވެ. ނަމަވެސް މި ކެޓަގަރީން އާލިއާ ނޮމިނޭޓެއް ނުވެ އެވެ.