ބޮލީވުޑް

ގޯހަރް އާއި ޒައިދަށް ދަރިއަކު ލިބެނީ

ބަތަލާ އަދި ނެށުންތެރިޔާ ގޯހަރް ޚާން އާއި އޭނާގެ ފިރިމީހާ އަދި މިއުޒީޝަން ޒައިދު ދަރްބާރް އަށް ދަރިއަކު ލިބެން އުޅޭކަން އިއުލާން ކޮށްފި އެވެ. ގޯހަރްގެ ބަނޑަށް މިހާރު ފަސް މަސް ކަމަށާއި އޭނާ ވިހާނީ އަންނަ އަހަރުގެ އެޕްރީލްމަހު ކަމަށް ވެސް އިންޑިޔާގެ ނޫސްތަކުން ބުނެފައި ވެއެވެ.

ގޯހަރްގެ ފިރިމީހާ ޒައިދު އަކީ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އިސްމާއިލް ދަރްބާރްގެ ދަރިއެކެވެ. އެހެންވެ ކާފަ ދަރިއަކު ލިބޭތީ އެންމެ އުފާވެފައިވަނީ އިސްމާއިލެވެ.

ސޯޝަލް މީޑީއާގައި އިސްމާއިލް ދަރްބާރް ޝެއާ ކުރި ޕޯސްޓެއްގައި ކާފައަށް ވުމުގެ ނަސީބު ލިބޭތީ ވަރަށް އުފާވެއްޖެ ކަމަށް ބުނެފައި ވެއެވެ. އަދި ކާފަ ދަރިއަކު ލިބުމަކީ އޭނާ ޒަމާނުއްސުރެ ދެކެމުން އަންނަ ހުވަފެނެއް ކަމަށް ވެސް މިއުޒިކް ޑައިރެކްޓަރު ބުނެފައި ވެއެވެ.

ގޯހަރް އާއި ޒައިދު ކައިވެނިކުރީ ޑިސެމްބަރު 25، 2020 ވަނަ ދުވަހު އެވެ. އެ ދެމަފިރިން ދާދިފަހުން ވަނީ އެމީހުންގެ ކައިވެންޏަށް ދެ އަހަރު ފުރުން ފާހަގަ ކޮށްފަ އެވެ. އަދި މިއަހަރު އެ ދެމަފިރިން ދާދި ފަހުން ވަނީ މައްކާއަށް ގޮސް އުމުރާގެ އަޅުކަން ވެސް ފުރިހަމަ ކޮށްފަ އެވެ.