ބޮލީވުޑް

ބާގްޔާޝްރީގެ ދަރިއަކަށް ވީމަ ގެއްލުންތަކެއް ހުރޭ

މި ހަފުތާގައި ރިލީޒްކުރި "ނިކައްމާ"ގެ ބަތަލު އަބިމަންޔޫ ދަސާނީ އަކީ މަޝްހޫރު ފިލްމު "މައިނޭ ޕިޔާރް ކިޔާ"ގެ ބަތަލާ ބާގްޔާޝްރީގެ ފިރިހެން ދަރިފުޅެވެ. ނަމަވެސް ބަތަލާއެއްގެ ދަރިއަކަށް ވީތީ ލިބޭ ފައިދާ އަށް ވުރެ މާގިނަ ކަންކަން އޭނާ އާ ދެކޮޅަށް ވަމުންދާ ކަމަށް އަބިމަންޔޫ ބުންޏެވެ. އޭގެ ތެރެއިން އޭނާ ފާހަގަކުރި ކަމަކީ "ނިކައްމާ" ރިލީޒްވުމާ ދިމާކޮށް އޭނާއަށް މަލާމާތްކޮށް މީހުން ފޮނުވާފައިހުރި އެތައް ސަތޭކަ މެސެޖެވެ.


"މަރްދް ކޯ ދަރްދް ނެހީ ހޯތާ"އިން ބޮލިވުޑަށް ތައާރަފްވީ އަބިމަންޔޫ ބުނީ އޭނާއަށް އެކްޓްކުރަން ނޭނގޭ ކަމަށާއި ބޮލީވުޑަކީ އޭނާއާ ގުޅޭ ތަނެއް ނޫން ކަމަށް ބުނެ މީހުން އޭނާއަށް މެސެޖުކުރާތީ ވަރަށް ހައިރާންވާ ކަމަށެވެ.

އަބިމަންޔޫ ވަނީ އެކްޓަރަކަށް ވާން އޭނާ ކުރި ބުރަ މަސައްކަތްތައް ވެސް ކިޔައިދީފަ އެވެ. އެގޮތުން އުމުރުން 15 އަހަރުން ފެށިގެން މައިންބަފައިން ދޭ ފައިސާގައި ނުޖެހޭ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ބޭނުމީ އަމިއްލަ ހިތްވަރާއި މަސައްކަތުން ކެރިއަރެއް ބިނާކުރަން. އެހެންވެ މައިންބަފައިން އަތުން ފައިސާ ނާތުލާތީ ޕާސަނަލް ޓްރޭނާ އެއް ވެސް ނެގޭ ގޮތެއް ނުވި. ޕްރޮޓީން ގަންނަން ވެސް ފައިސާ ނެތް. އެހެންވީމަ ކައިރި ފިހާރައަކަށް ގޮސް ކުކުޅު ބިސް ގަނެގެން ރޯ ކުކުޅުބިސް ބޮނީ،" އަބިމަންޔޫ ބުންޏެވެ.

އަބިމަންޔޫ ވަނީ 2021ގައި ނެޓްފްލިކްސް އިން ރިލީޒްކުރި "މީނާކްޝީ ސުންދަރޭޝްވަރް" ގައި ވެސް ލީޑް ރޯލު އަދާކޮށްފަ އެވެ.