ބޮލީވުޑް

ރަވީނާގެ ރާޝާ އާއި އަޖޭއަށް ބޮޑުބޭބެ ކިޔާ އާމަންގެ ފިލްމެއް

ސްޓާރުންގެ ދަރިން ވަރަށް ގިނައިން ފިލްމީ ދުނިޔެއަށް ވަންނަމުންދާ މި ދުވަސްވަރު ފިލްމީ އާއިލާތަކަށް ނިސްބަތްވާ މުޅިން އާ ދެ އެކްޓަރަކު ބޮލީވުޑަށް ނުކުންނަން ތައްޔާރު ވެއްޖެ އެވެ.

އެގޮތުން ޑައިރެކްޓަރު އަބީޝެކް ކަޕޫރު އުފައްދާ ފިލްމެއްގެ ލީޑް ރޯލަށް އަޖޭ ދޭވްގަން އަށް ބޮޑުބޭބެ ކިޔާ އާމަން އާއި ރަވީނާ ޓަންޑަންގެ އަންހެން ދަރިފުޅު ރާޝާ ޓަޑާނީ ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

މި ފިލްމާ ގުޅުން ހުރި މީހަކު ބުނި ގޮތުގައި ފިލްމުގައި 17 އަހަރުގެ ރާޝާ ކުޅެނީ ވަރަށް ޚާއްސަ ކެރެކްޓާ އެކެވެ. ރާޝާ އާއެކު ފެންނާނީ އާމަން ދޭވްގަން އެވެ.

ޑައިރެކްޓަރު އަބީޝެކް ގަބޫލުކުރާ ގޮތުގައި އޭނާގެ ފިލްމުގެ ކެރެކްޓާ އަށް ރާޝާ ވަރަށް ފުރިހަމައަށް ފިޓްވެ އެވެ.

ރާޝާ އާއި އާމަން މިހާރު ގެންދަނީ އެމީހުން ކުޅެން ޖެހޭ ރޯލަށް ތައްޔާރުވަމުންނެވެ.

މި ފިލްމުގެ އެންމެ އިސް މީހެއްގެ ގޮތުގައި ހުރީ ވެސް އަޖޭ އެވެ. އަދި އޭނާ ފިލްމުގައި މުހިއްމު ރޯލެއް ވެސް ކުޅެން ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ރާޝާ ތައުލީމު ހާސިލުކޮށް ނިންމާލުމަށްފަހު އެކްޓިން ވޯކްޝޮޕެއް ދަނީ ފުރިހަމަ ކުރަމުންނެވެ. ރާޝާ އަކީ ވަރަށް ރީތި ކުއްޖަކަށް ވާތީ ސޯޝަލް މީޑިއާގައި މިހާރު ވެސް އޭނާ ވަރަށް މަޝްހޫރެވެ.