މަސްތުވާތަކެތި ބޭނުން ކުރުމާއި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މިދިޔަ މަހު ހައްޔަރުކޮށް ގިނަ ދުވަސް ތަކަކު ޖަލުގައި ބެހެއްޓި ޝާހް ރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން ކުށެއް ކުރި ކަމުގެ އެއްވެސް ހެއްކެއް މުމްބާއިގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ދެއްކިފައި ނުވާކަން ހާމަ ވެއްޖެ އެވެ.
ކަފާލާތުގެ ދަށުން އާރްޔަން މިނިވަން ކުރަން އިންޑިއާގެ ހައި ކޯޓުން ކުރި ހުކުމް މިހާރު ރިލީޒް ކޮށްފައިވާއިރު އެ ހުކުމްގައި ބުނެފައި ވަނީ އާރްޔަން ހައްޔަރު ކުރުމަށް ފަހު އޭނާ ބަލާ ފާސް ކޮށްގެން ވެސް އަދި އޭނާގެ ގެންގުޅުނު ފޯނުގައިވާ ޑާޓާތައް ކިޔައިގެން ވެސް އޭނާ ކުށްވެރިއަކަށް ހެދޭ ވަރުގެ އެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށެވެ. އަދި އާރްޔަން އާއެކު ހައްޔަރުކުރި އޭނާގެ ދެ އެކުވެރިން ކަމަށްވާ އަރްބާޒް މާޗެންޓް އާއި މުންމުން ދަމޭޗާ ވެސް މަސްތުވާ ތަކެތި ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުމުގައި ބައިވެރިވާކަމުގެ ހެއްކެއް ނެތެވެ.
މި މީހުންގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅޭ އެއްވެސް ކަމެއްގެ ވާހަކަ މި ތިން މީހުން ފޯނުން ދައްކާފައި ނެތް ކަމަށާއި އެ މީހުން ކުށްވެރި ކުރެވޭ ކަހަލަ އެއްވެސް މެސެޖެއް އެ ފޯނުތަކުގައިވާ މެސެޖުތަކުގައި ނެތް ކަމަށް ވެސް ހުކުމްގައި ބުނެފައި ވެއެވެ.
މިހާރު ގިނަ ބަޔަކު ޝައްކު ކުރާ ގޮތުގައި ބަޔަކު އޮޅުވާލައިގެން އާރްޔަން އަށް ލަނޑު ދިނުމުގެ ގޮތުން ކްރޫޒް ޝިޕަށް ގެންދިޔައީ އެވެ. އެ ކްރޫޒްގައި އޮތް ޕާޓީއެއްގައި މަސްތުވާ ތަކެތި ބޭނުން ކުރާނެކަން އެނގި ތިބެ އާރްޔަން އެތަނަށް ގެންދިޔައީ މިކަމުގައި އޭނާ ބައްދަން ކަން ވެސް މިހާރު ވަނީ ޔަގީން ވެފަ އެވެ. އަދި މިއީ ޝާހް ރުކް އާ ދެކޮޅަށް އޭނާއަށް ލަނޑެއް ދޭން ބަޔަކު ކުރި ކަމެއް ކަމަށް ޝާހް ރުކްގެ ފޭނުން ތުހުމަތު ކުރެ އެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު އާރްޔަން ހައްޔަރުކުރީ މުމްބާއީ އިން ގޯއާއަށް ދިއުމަށް ފުރަން ތައްޔާރުވެފައި އޮތް ކްރޫޒް ޝިޕް އަކުންނެވެ. އޭރު އެ ބޯޓުގައި ހާހަކަށް ވުރެ ގިނަ މީހުން ތިއްބެވެ. ނަމަވެސް އެންސީބީން ބޯޓު ރެއިޑްކޮށް ހައްޔަރުކުރީ އާރްޔަން އާއި އޭނާގެ އެކުވެރިން އަދި އެމީހުންނާއެކު ތިބި މަދު ބައެކެވެ.
ބާވީސް ވަރަކަށް ދުވަހު ޖަލުގައި ބެހެއްޓުމަށް ފަހު ކަފާލާތުގެ ދަށުން އާރްޔަން ވަނީ މިނިވަން ވެފަ އެވެ. ނަމަވެސް ކޮންމެ ހުކުރު ދުވަހަކު އަދިވެސް އެންސީބީގެ އޮފީހަށް ހާޒިރީގައި ސޮއި ކުރަން އޭނާ ދާން ޖެހެ އެވެ. އޭނާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފަ އެވެ.