ޝާހް ރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރުމުން ފިލްމު އިންޑަސްޓްރީގެ ގިނަ މީހުން ތިބީ އެކައްޗެއް ވެސް ނުބުނެ ހިމޭނުންނެވެ. ގިނަ ބަޔަކު ސިއްރު ސިއްރުން ޝާހް ރުކަށް މެސެޖުކޮށް އެމީހުން އޭނާއާ އެއްކޮޅަށް ތިބިކަމަށް ބުންޏަސް ފާޅުގައި ޝާހް ރުކާ އެއްކޮޅަށް ވާހަކަ ދައްކާފައި ވަނީ މަދު ފަންނާނުން ތަކެކެވެ.
ޝާހް ރުކް އަށް ދިމާވި ވަރަށް ހިތްދަތިވާ ކަހަލަ މި ދަނޑިވަޅުގައި އޭނާ ހާސްވެފައި ހުންނާނެ މިންވަރު އެނގިގެން އެހީތެރިކަމުގެ އަތެއް ދިއްކޮށްލީ ޝާހް ރުކްގެ އެކުވެރި ސަލްމާން ޚާނެވެ.
ޝާހް ރުކް ދިރިއުޅޭ ބަންގްލޯ މަންނަތު އަށް ސަލްމާން ވަންނަނިކޮށް ޕަޕަރާއީޒް ވަނީ ފޮޓޯ ނަގާފަ އެވެ. އޮސްޓްރިއާގައި ފިލްމެއްގެ ޝޫޓިންގްގައި ގިނަ ދުވަސް ތަކަކު އުޅެފައި ސަލްމާން އެނބުރި މުމްބާއި އަށް ގޮސްފައިވަނީ ދާދިފަހުންނެވެ. ނަމަވެސް އެކުވެރި ޝާހްރުކް އަށް އެންމެ ދަތިވީ ވަގުތު އޭނާގެ ހާލު ނުބަލައި ސަލްމާނަށް ނުހުރެވުނީ އެވެ. އަނެއްކޮޅުން ސަލްމާންގެ ގެ ހުންނަނީ ވެސް ޝާހްރުކްގެ ބަންގްލޯ އާ ވަރަށް ކައިރީގަ އެވެ. އެހެންވެ އެ ގެއަށް ދާން އޭނާއަށް މާ ގިނަ އިރެއް ނުވެސް ނުނެގި އެވެ.
ސަލްމާން ބައްދަލުކުރި ފަހުން ޝާހް ރުކް، އޭނާގެ ދަރިފުޅުގެ ގާނޫނީ ވަކީލަކަށް ސަލްމާންގެ މައްސަލަތަކުގައި ވަކާލާތު ކޮށްދޭ ގާނޫނީ ވަކީލު ހަމަޖައްސާފައިވާ ކަމަށް ވެސް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.
ޝާހް ރުކް އަށް އެންމެ ހާސްވާން ޖެހުނު ވަގުތު އޭނާގެ އެހީތެރިކަމަށް ސަލްމާން އިސް ނެގުމުން ސަލްމާންގެ ފޭނުން ވަނީ ސޯޝަލް މީޑިއާގައި މިކަން ވަރަށް ބޮޑަށް ފާހަގަކޮށް ސަލްމާނަށް ތައުރީފު ކޮށްފަ އެވެ.
އަނެއްކޮޅުން ޝާހް ރުކް ދެކެ ރުޅި އަންނަ ގިނަ އަދަދެއްގެ ބަޔަކު މިހާރު ގެންދަނީ ސޯޝަލް މީޑިއާގައި އޭނާއާ ދިމާކޮށް މުޅި އާއިލާއަށް ވެސް ހަޑި ހުތުރު ބަސްތައް ރައްދު ކުރަމުންނެވެ.
އާރްޔަން، 23، ހައްޔަރުކުރީ މުމްބައިގެ ބޭރުގައި އޮތް ކުރޫޒް ޝިޕެއްގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އޮތް ޕާޓީއަކުންނެވެ. މުމްބާއިގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ބުނެފައިވަނީ އެ ކްރޫޒްގައި އޮތީ ޑްރަގް ޕާޓީއެއް ކަމަށެވެ.
އަދި ހޯމަ ދުވަހު އޭނާ ކޯޓަށް ހާޒިރު ކުރުމުން އިތުރު ތިން ދުވަހު އެންސީބީގެ ކަސްޓަޑީގައި ބަހައްޓަން ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ. މި ތިން ދުވަހުގެ ތެރޭގައި އާރްޔަން މި މައްސަލައިގައި ކުށްވެރިވާނަމަ އެކަމުގެ ހެކި އަދި ކުށްވެރި ނުވާނަމަ އެކަމުގެ ހެކި ދެ ފަރާތުގެ ގާނޫނީ ވަކީލުންނަށް ދައްކަން ޖެހޭނެ އެވެ.
ޝާހް ރުކްގެ އިންޑަސްޓްރީ އެކުވެރިން ބުނަނީ މިއީ އާރްޔަން ބައްދާލަން ރާވައިގެން ކުރާ ކަމެއް ކަމަށެވެ. އެ ކުރޫޒްގައި 1300 ވަރަކަށް މީހުން ތިބި އޭގެ ތެރެއިން އާރްޔަން އާއި އޭނާގެ އެކުވެރި ދެ ކުއްޖެއް އެކަނި ހައްޔަރު ކުރުމުން މިކަން ވަރަށް ރަނގަޅަށް ހާމަވާ ކަމަށް ބައެއް މީހުން ބުނެފައި ވެއެވެ.
ސަލްމާނާއި ޝާހްރުކް އަކީ ވަރަށް ކުރީގައި ވެސް ގާތް އެކުވެރިންގެ ގޮތުގައި އުޅުނު ދެ މީހުންނެވެ. ނަމަވެސް މި ދެ އެކްޓަރުންގެ މެދުގައި މައްސަލަތަކެއް ޖެހި ވާހަކަ ނުދައްކާ ވެސް ފަސް ވަރަކަށް އަހަރު ތިއްބެވެ. ފަހުން އަނެއްކާ ވެސް އެކުވެރިކަން ގާއިމް ކުރި ފަހުން ދެ މީހުން ފެންނަނީ މާ ގާތް ދެ މީހުންގެ ގޮތުގަ އެވެ.