މަސްތުވާތަކެތީގެ މައްސަލައެއްގައި މި އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ޖަލުގައި ހައްޔަރު ކޮށްފައިވާ ޝާހް ރުކް ހާންގެ ދަރިފުޅު އާރްޔަން ހާން ފުރަތަމަ ފަހަރަށް އޭނާގެ މައިންބަފައިންނާއި ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިއްޖެ އެވެ. އާރްޔަންއަށް 10 މިނިޓްގެ ވީޑިއޯ ކޯލެއް ކުރުމުގެ ފުރުސަތު ލިބުމުން އޭނާ ވަނީ ބައްޕަ ޝާހް ރުކް އާއި މަންމަ ގޯރީ އާ ވާހަކަ ދައްކާފަ އެވެ.
މިއީ ހައްޔަރުކޮށް ޝަރީއަތް ނުފެށޭ މީހުންނަށް ދޭ ފުރުސަތެކެވެ. މި ފުރުސަތު އާރްޔަން، 23، އަށް ދިނުމުން އޭނާ ޖަލުގެ ކަމާ ބެހޭ މީހުންނަށް ދިނީ އޭނާގެ މަންމަ ގޯރީގެ ފޯނު ނަންބަރެވެ. އެހެންވެ ޖަލުގެ އޮފިޝަލުން އެތަނުގެ ފޯނެއް މެދުވެރިކޮށް 10 މިނިޓްގެ ކޯލެއް ކުރުމުގެ ފުރުސަތު އާރްޔަން އަށް ތަނަވަސް ކޮށްދިނީ އެވެ.
މުމްބައިގެ އާތާ ރޯޑު ޖަލުގައި ތިބޭ މީހުންނަށް މަހަކު ދެ ފަހަރު ނުވަތަ ތިން ފަހަރު މިގޮތަށް އާއިލާ އާ ވާހަކަ ދައްކާނެ ފުރުސަތު ދެއެވެ. މިކަމަށް ބޭނުން ކުރަން 10 އާއި 12 ވަރަކަށް ފޯނު ޖަލުގައި އޮވެ އެވެ.
މީގެ ކުރިން އާރްޔަން އާ ބައްދަލު ކުރަން ޝާހް ރުކް އާއި ގޯރީ ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފަ އެވެ. ކޮވިޑް-19 އިގެ ޕެންޑެމިކް ފެށުނު ފަހުން ޖަލުގެ ބައްދަލުވުންތައް ހުއްޓާލާފައި ވާތީ އެއްވެސް މީހަކަށް އެ ފުރުސަތު ނުލިބޭތީ އެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައި ވަނީ ޖަލުގައި އާރްޔަން ހޭދަ ކުރަމުންދާ ދުވަސްތަކުގައި އޭނާ ކަނީ ކެންޓީނުން ގަންނަ ބިސްކޯދު އެކަންޏެވެ. ޖަލުން ފޯރުކޮށް ދޭ އެއްވެސް ކާނާއެއް އޭނާ ނުކަ އެވެ.
ޖަލުގައި ތިބޭ މީހުންގެ އާއިލާ ތަކަށް އެމީހުންނަށް ފަހަރަކު ފޮނުވެނީ އެންމެ 4500 ރުޕީސް އެވެ. އާރްޔަން އަށް ވެސް އޭނާގެ އާއިލާއިން އެ ފައިސާ ވަނީ ފޮނުވާފަ އެވެ. އަދި އެ ފައިސާއިން ކެންޓީނުން ބިސްކޯދާއި ފެން ގަނެގެން އާރްޔަން ހުންނަނީ ހަމައެކަނި އެ އެއްޗެތި ކައިގެން ކަމަށް ވެއެވެ. އަދި އެންމެން ވަންނަ ފާހާނާ އަށް ވަންނަން ޖެހޭތީ އާއި ފާހާނާ ހަޑިކަމުން އޭނާ ވީހާވެސް މަދުން ފާހާނާއަށް ވަންނަން ބޭނުންވާތީ ފެން ވެސް ބޮނީ ވަރަށް މަދުން ކަމަށް ވެއެވެ.
އާރްޔަންގެ ބެއިލްގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ބޭއްވި ނަމަވެސް އެ އަޑުއެހުން ވެސް ނިންމާލީ އޭނާ އަށް ބެއިލް ނުދީ އެވެ. ދެން އަޑުއެހުމެއް ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. އެ ދުވަހާ ހަމައަށް ޔަގީނުން ވެސް އާރްޔަން އަށް ޖަލުގައި މަޑުކުރަން ޖެހޭނެ އެވެ.
ދަރިފުޅު ޖަލަށް ލުމާ ގުޅީގެން ޝާހްރުކް އާއި ގޯރީގެ ހާލަތު ވަރަށް ގޯސްވެ ދެ މީހުންނަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.