ޝާހު ރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާންގެ މައްޗަށް ކުރަމުންދިޔަ ޑްރަގާ ގުޅޭ ތުހުމަތުތަކުން އޭނާ ބަރީއަ ވެއްޖެ އެވެ. ކްރޫޒް ޝިޕެއްގައި ޑްރަގް ބޭނުން ކުރިކަމުގެ ތުހުމަތުގައި އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން އާރްޔަން ހައްޔަރުކޮށް 26 ދުވަހު ޖަލުގައި ބެހެއްޓި އެވެ.
އާރްޔަންގެ ގާނޫނީ ވަކީލު މިއަދު ސޯޝަލް މީޑިއާގައި ޝެއާ ކުރި މެސެޖެއްގައި ބުނެފައިވާ ގޮތުގައި މި މައްސަލައިގައި އާރްޔަންގެ މައްޗަށް ކުރެވުނީ ދޮގު ތުހުމަތުތަކެއް ކަމާއި އޭނާއާ މިކަމާ އެއްވެސް ގުޅުމެއް ނެތް ކަމަށް އެންސީބީން މިހާރު ވަނީ ނިންމައި އެފަރާތަށް އެކަން އަންގާފަ އެވެ.
"ލަހުން ނަމަވެސް ހަގީގަތް ހާމަވެ އިންސާފު ލިބިއްޖެ،" ގާނޫނީ ވަކީލު ބުނެފައި ވެއެވެ.
އެންޑީޓީވީ އާ ވާހަކަ ދައްކަމުން އާރްޔަންގެ ވަކީލު މުކުލް ރޯހަތުގީ ބުނި ގޮތުގައި މި ނިންމުމާއެކު ޝާހް ރުކް އާއި އާރްޔަން އަށް ހަމަޖެހުމުގެ ނޭވާއެއް ލެވިއްޖެ ކަމަށެވެ.
އާރްޔަންގެ މައްޗަށް ކުރެވުނީ ދޮގު ތުހުމަތެއް ކަން އެނގިހުރެ މިހާތަނަށް މައްސަލަ ދަންމަމުން ގެންގޮސްފައިވާކަން ގާނޫނީ ވަކީލު ފާހަގަ ކުރި އެވެ.
"އާރްޔަން އަތުން މަސްތުވާ އެއްޗެހި ފެނިފައެއް ނުވޭ. އެހެންވެ އޭނާ ހައްޔަރުކުރީ އެއްވެސް ކަހަލަ ހެއްކެއް ގަރީނާއެއް ނެތިކަން އަހަރެމެން އަބަދުވެސް ބުނަމުން ދިޔައީ،" ގާނޫނީ ވަކީލު ބުންޏެވެ.
އާރްޔަން ހައްޔަރުކުރުމުގައި އިސްކޮށް އުޅުނު އެންސީބީގެ ކުރީގެ އޮފިޝަލް ސަމީރް ވަންކެޑޭ އާ ދެކޮޅަށް ފިޔަވަޅު އަޅަން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން މިހާޜު ވަނީ ކަމާ ބެހޭ އިދާރާތަކަށް އަންގާފަ އެވެ.
މި ތުހުމަތުތަކުން އާރްޔަން މުޅިން ބަރީއަވެ އެ އާއިލާއަށް އުފާވެރިކަން ލިބުނު ދުވަސް ވެފައިވަނީ ޝާހް ރުކްގެ އެންމެ ހަގު ދަރިފުޅު އަބްރާމްގެ އުފަން ދުވަހަށެވެ. އެހެންކަމުން ޝާހް ރުކްގެ ގޭގައި މިއަދު ދެ ޕާޓީ ބާއްވާނެ ކަމަށް ބެލެވެ އެވެ.