ބޮލީވުޑް

ޖޫހީ އާއި ޝާހް ރުކްގެ ދަރިން މައިންބަފައިން މަސައްކަތުގައި

ޝާހް ރުކް ޚާނާއި ޖޫހީ ޗައުލާ އަކީ ވަރަށް ގިނަ ފިލްމުތަކެއް އެކުގައި ކުޅެފައިވާ ކޯސްޓާރުންގެ އިތުރުން ވަރަށް ގާތް ދެ އެކުވެރިންނެވެ. އަދި ބިޒިނަސް ޕާޓްނަރުންނެވެ. މިހާރު އެމީހުންގެ ދަރިން ބޮޑެތި އެ ދަރިންގެ މެދުގައި ވެސް އެފަދަ ގާތް އެކުވެރިކަމެއް ވަނީ އުފެދިފަ އެވެ. އަދި މައިންބަފައިންގެ ބައެއް މަސައްކަތްތަކުގައި އެމީހުންގެ ދައުރު މިހާރު އެމީހުންގެ ދަރިން ވަނީ އަދާކުރަން ފަށާފަ އެވެ.

އިންޑިއަން ޕްރެމިއާ ލީގު 2022 ގެ ކުޅުންތެރިންގެ ނީލަމުގައި ޖޫހީ އާއި ޝާހް ރުކްގެ ކްރިކެޓް ޓީމު ކޮލްކަތާ ނައިޓް ރައިޑާސް ތަމްސީލު ކޮށްފައި ވަނީ މިފަހަރު އެމީހުންގެ ދަރިންނެވެ. ޝާހްރުކްގެ ދެ ދަރިން ކަމަށްވާ އާރްޔަން އާއި ސުހާނާ އަދި ޖޫހީގެ ދަރިފުޅު ޖާންވީ މެހެތާ އެވެ.

މިކަން ފާހަގަކޮށް އިންސްޓަގްރާމްގައި ޖޫހީ ޝެއާ ކުރި މެސެޖެއްގައި އޭނާ އާއި ޝާހްރުކްގެ ދަރިން މިހާރު އެމީހުން ތަމްސީލު ކުރާތީ އުފާކުރާ ކަމަށް ބުނެފައި ވެއެވެ. އަދި ޝާހް ރުކް އާއި އޭނާގެ އޮތް ގާތް އެކުވެރިކަން އެ މީހުންގެ ދަރިންގެ މެދުގައި އޮތުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށް ޖޫހީ ބުނެފައި ވެއެވެ.