ބޮލީވުޑް

އާރްޔަންގެ ކަފާލާތު ފައިސާއަށް ޒިންމާވީ ޖޫހީ

ޝާހް ރުކް ޚާން އާއި ޖޫހީ ޗައުލާއަކީ ގިނަ ފިލްމުތަކެއް އެކުގައި ކުޅެފައިވާ އަދި ވަރަށް ޒަމާނުއްސުރެ ގާތް ދެ އެކުވެރިންނެވެ. އެހެންކަމުން ޝާހް ރުކްގެ ހަޔާތުގައި ވެސް ކުރިމަތިވީ އެންމެ ބޮޑު މައްސަލައިގައި ވެސް އޭނާގެ އެހީތެރި ކަމަށް އިސްނެގީ ޖޫހީ އެވެ.

މަސްތުވާ ތަކެތީގެ މައްސަލައެއްގައި ޝާހް ރުކްގެ ދޮށީ ދަރިފުޅު އާރްޔަން ޚާން ޖަލުގައި ހުންނަތާ 21 ދުވަސް ފަހުން ހުކުރު ދުވަހު އިންޑިޔާ ކޯޓަކުން ވަނީ އާރްޔަން ކަފާލާތުގެ ދަށުން މިނިވަން ކޮށްފަ އެވެ. ކަފާލާތު އަމުރުގައި އެއް ލައްކަ ރުޕީސްގެ ޕާސަނަލް ބޮންޑެއް ބަހައްޓަން އާރްޔަންގެ މައްޗަށް ހުކުމް ކޮށްފައި ވެއެވެ.

އާރްޔަން ޖަލުން ސަލާމަތް ކުރަން ކޯޓުގައި ކުރި ގިނަ މަސައްކަތްތަކުގައި ޖޫހީ ވަނީ ވަރަށް މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.
ކޯޓަށް ދައްކަން ޖެހޭ ފައިސާއާ ޒިންމާ ވުމާއި އެކަމާ ގުޅޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމުގައި ޖޫހީ އަމަލީ ގޮތުން ބައިވެރިވި އެވެ. އޭނާ އެތަނަށް ގޮސް އެހާ މަސައްކަތް ނުކޮށްދިން ނަމަ މުމްބައިގެ އާތާ ރޯޑު ޖަލުން އާރްޔަން ސަލާމަތް ކުރަން ބޭނުންވާ ލިޔެކިޔުންތައް ވެސް އެހާ އަވަހަށް ފުރިހަމަ ނުކުރެވުނީސް ކަމަށް ވެއެވެ.

އާރްޔަން ސަލާމަތްކުރަން ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށްފަހު ޖޫހީ ވަނީ ކޯޓުގެ ސްޓާފަކާއެކު ސެލްފީ އެއް ނަގަން އެދުނު އެދުމަށް އިޖާބަދީ އޭނާއާއެކު ސެލްފީ ވެސް ނަގާފަ އެވެ.

އާރްޔަން ދައްކަން ޖެހޭ އެއް ލައްކަ ރުޕީސްގެ ޕާސަނަލް ބޮންޑްގެ ލިޔުމުގައި ޖޫހީ ސޮއި ކުރީ ކީއްވެ ހެއްޔެވެ؟ އަދި އޭގެ މާނައަކީ ކޮބައި ހެއްޔެވެ؟ މި ލިޔުމުގައި ޖޫހީ ސޮއި ކުރީ އާރްޔަން ދައްކަން ޖެހޭ ފައިސާ އާ އޭނާ ޒިންމާވާ ގޮތަށެވެ.

އާރްޔަން ހައްޔަރު ކުރުމުން ބޮލީވުޑްގެ ގިނަ ފަންނާނުން ޝާހް ރުކް އަށް ހިތްވަރުދީ އޭނާއަށް ތާއީދުކުރާ ކަން ހާމަކޮށްފައި ވެއެވެ. ނަމަވެސް މި އެންމެންގެ ތެރެއިން ވެސް ޖޫހީ ހާއްސަވީ އާރްޔަން ސަލާމަތް ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން އޭނާ ބައިވެރިވެފައި ވާތީ އެވެ.

"ޑަރް"، "ބިރް ބީ ދިލް ހޭ ހިންދުސްތާނީ"، "ޑުޕްލިކޭޓް"، "ޔެސް ބޮސް"، "ވަން 2 ކަ 4" ފަދަ ފިލްމުތައް ޖޫހީ އާއި ޝާހް ރުކް އެކުގައި ކުޅެފައި ވެއެވެ. އަދި ދެ އެކްޓަރުންނަކީ ވިޔަފާރީގެ ޕާޓްނަރުން ވެސް މެއެވެ. އަދި އިންޑިއަން ޕްރެމިއާ ލީގު (އައިޕީއެލް) ގެ ކްރިކެޓް ޓީމް ކަލްކަތާ ނައިޓް ރައިޑާސް އަކީ ވެސް ދެ ތަރިންގެ ޓީމެކެވެ.

އައިޕީއެލް ޕްލެޔާޒް އޮކްޝަންގައި ދާދިފަހުން ޖޫހީގެ ދަރިފުޅު ޖާންވީ އާއި ޝާހް ރުކްގެ ދަރިފުޅު އާރްޔަން ބައިވެރިވި އެވެ.
ހުކުރު ދުވަހު އާރްޔަން އަށް ކަފާލާތު ލިބުނަސް އެ ދުވަހު އޭނާ ޖަލުން ނެރެވޭ ގޮތެއް ނުވި އެވެ. ޖަލުގެ ރަސްމީ މަސައްކަތްތައް ހަވީރު 5.30 ގައި ނިމުނުއިރުވެސް އާރްޔަން ވަކީލުންނަށް އޭނާ ސަލާމަތް ކުރަން ބޭނުންވާ ލިޔެކިޔުންތައް ކޯޓަށް ހުށަހެޅިފައި ނުވާތީ އެވެ.

މިހާރު ލަފާ ކުރެވެނީ މިއަދު ހެނދުނުގެ ވަގުތެއްގައި އާރްޔަން އަށް ޖަލުން ނުކުމެވޭނެ އެވެ.