ބޮލީވުޑް

ޖޫހީގެ ޕާޓީއަށް ޝާހްރުކު ދިޔައީ ދަންވަރު!

ބޮލިވުޑްގެ ހުރިހާ ތަރިންނާ ވެސް ޝާހް ރުކް ޚާން އާ ވަރަށް ގާތް ރަނގަޅު ގުޅުމެއް އޮވެ އެވެ. ޚާއްސަކޮށް ޖޫހީ ޗައުލާ އާއި ޝާހް ރުކްގެ ގާތްކަން ވަރަށް ބޮޑެވެ. ދެ މީހުން އެކުގައި ގިނަ ފިލްމުތަކެއް ކުޅުމުގެ އިތުރުން ބައެއް ވިޔަފާރީގައި ވެސް ދެ މީހުން ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެ އެވެ. އަދި ދެ މީހުން ގުޅިގެން ކްރިކެޓް ޓީމެއް ވެސް ސްޕޮންސާ ކޮށްފައި ވެއެވެ.

ނަމަވެސް ޝާހް ރުކް އަކީ އަބަދުވެސް ތަންތަނަށް ގަޑިޖެހިގެން ދާ މީހަކަށް ވާތީ ބައެއް ފަހަރަށް އޭނާގެ އެންމެ ގާތް މީހުންނަށް ވެސް ލަދު ގަންނަން ޖެހޭ ކަހަލަ ކަންކަމާ ކުރިމަތިވެ އެވެ.

ދާދިފަހުން ޖޫހީ ދީފައިވާ އިންޓަވިއު އެއްގައި އޭނާގެ ގޭގައި އޮތް ޕާޓީއަކަށް ޝާހް ރުކަށް ދައުވަތު ދިނުމުން ވީ މަޖާ ގޮތް ކިޔައިދީފައި ވެއެވެ.

ޖޫހީ ބުނި ގޮތުގައި އެ ގޭގައި ޕާޓީ އެއް ބާއްވާނަމަ އަބަދުވެސް ޝާހް ރުކަށް ދައުވަތު ދެ އެވެ. އެއީ ޝާހް ރުކް އާއެކު ގިނަ ފިލްމުތަކެއް ކުޅުމުން އުފެދިފައި އޮތް އެކުވެރިކަމުގެ އިތުރުން ކުޅިވަރު ޓީމެއްގެ ވެސް ޕާޓްނަރުންނަށް ވާތީ އެވެ.

"އެއްފަހަރު އަހަރެން ބޭއްވި ޕާޓީއަކަށް ޝާހް ރުކަށް ދައުވަތު ދިނިން. އެކަމާ އަހަރެންގެ ސްޓާފުންނާއި ޕާޓީއަށް ދިޔަ އެންމެން ވެސް ތިބީ ވަރަށް އުފަލުން. ޝާހް ރުކް އާއެކު ފޮޓޯއެއް ނަގާނެ ފުރުސަތު ލިބިދާނެ ކަމުގެ އުންމީދު އޮތީމަ. އަހަރެން އޭނަ ކައިރި ބުނިން ރޭގަނޑު 11.00 ހާއިރު އަންނަން. އޭނަ ބުނި ތަންކޮޅެއް ލަސް ވާނޭ،" ޖޫހީ ކިޔައި ދިނެވެ.

ޖޫހީ ބުނި ގޮތުގައި އެ ޕާޓީއަށް އެންމެ ފަހުން ޝާހް ރުކް އައީ ދަންވަރު 2.30 ވީ ފަހުންނެވެ. އޭރު އޭނާ އޮތީ ނިދާފަ އެވެ. ޕާޓީއަށް އައި ހުރިހާ މެހެމާނުން ގެޔަށް ހިނގައްޖެ އެވެ. އަދި ޕާޓީގެ ކަންތަކުގައި އުޅުނު އޭނާގެ ސްޓާފުން ވެސް ގެއަށް ހިނގައްޖެ އެވެ. އަދި ޕާޓީއަށް ތައްޔާރުކުރި ހުރިހާ ކާ އެއްޗެތި ވެސް ހުސްވެއްޖެ އެވެ.

ޖޫހީ ނޫނަސް ފަރާ ޚާން ވެސް ޝާހް ރުކް ގަޑި ޖެހިގެން ތަންތަނަށް ދާ ވާހަކަ ދައްކަ އެވެ. ފަރާ ބުނެފައިވާ ގޮތުގައި ޝާހްރުކް ކައިރީގައި ހެނދުނު 9:00 ޖަހާއިރު ޝޫޓިންގް އަކަށް ދާން ބުނެފިނަމަ އޭނާ ދައްކާލާނީ މެންދުރުފަހު 2.00 ވާ ފަހުންނެވެ. އެހެންވެ އެމީހުން އަބަދުވެސް ޝޫޓިންގް ރާވަނީ އެކަމަށް ވިސްނާފަ އެވެ.

"މައްސަލަ ދިމާވަނީ އެހާ ލަހުން އަންނަ މީހަކު ކުއްލިއަކަށް މާ އަވަހަށް އަންނަ ދުވަސް ދުވަހު. އެ ކަހަލަ ދުވަސްދުވަހު ދެން ޖެހެނީ އެންމެން ހާސް ވެގެން ތެޅިފޮޅެން. އެހެންވެ ލަހުން އަންނަންޏާ އަބަދުވެސް ލަހުން އައުމޭ ރަނގަޅީ އަހަރެން ބުނަނީ،" ފަރާ ބުނެފައި ވެއެވެ.