ބޮލީވުޑް

ބަލިވެ އުޅޭތީ މިހާރު ކެވެނީ މުގުރިހައާ ބަތާ: ޝާހް ރުކް

ޝާހް ރުކް ޚާންގެ "ޕަތާން" ރިލީޒްވާން ކައިރިވެފައިވާތީ އޭނާ މިހާރު ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވްކޮށް އެބަ އުޅެ އެވެ. އެގޮތުން ޓުވިޓާގައި "އާސްކް މީ އެނީތިން" ކިޔާ އިންޓަރެކްޓިވް ސެޝަން ފޭން އާއެކު އޭނާ ބާއްވާފައި ވެއެވެ. މި ސެޝަންގައި ފޭނުން ކުރަމުންދިޔަ ގިނަ ސުވާލުތަކަށް ވަރަށް ސާދާ އެހާމެ މަޖާ ޖަވާބުތައް އޭނާ ދީފައި ވެއެވެ.

އޭނާގެ ކެއުމުގެ އާދަ ގެންގުޅޭ ގޮތާ ބެހޭ ގޮތުން މި ސެޝަންގައި ފޭނަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ޝާހް ރުކް ވަނީ އޭނާއަށް އިންފެކްޝަނެއް ޖެހި ވަރަށް ބަލިވެ އުޅޭކަމަށް ބުނެފަ އެވެ. އަދި ބަލިން އަރައިގަންނަން މަސައްކަތްކުރާއިރު ކެއުން ވެސް ވަރަށް ލުއި ގޮތަކަށް ގެންގުޅޭކަމަށް އޭނާ ބުންޏެވެ.

"މިހާރު ކަނީ މުގުރިހަ ކޮޅަކާ ބަތް ކޮޅަކާ،" ޝާހް ރުކް ބުނެފައި ވެއެވެ.

ޝާހް ރުކް މިހެން ބުނުމުން ބައެއް ފޭނުން އޭނާއަށް ހެޔޮ ދުއާކޮށް ޓުވީޓްތައް ކުރި އެވެ.

ދާދިފަހުން ޝާހް ރުކް ވަނީ ސައޫދީ އަރަބިޔާގައި އޮތް "ޑުންކީ"ގެ ޝޫޓިން ނިންމާފަ އެވެ. އަދި އެ ގައުމުގައި އޮތް ރެޑް ސީ ފިލްމް ފެސްޓިވަލުގައި ވެސް ބައިވެރިވި އެވެ. އަދި އެނބުރި އިންޑީޔާ އަށް ގޮސް "ކޮލްކަތާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލު 2022"ގައި ވެސް ބައިވެރިވި އެވެ.

މި ފެސްޓިވަލުގައި ވާހަކަ ދައްކަމުން "ޕަތާން"ގެ މިހާތަނަށް ރިލީޒްކޮށްފައިވާ ލަވައަށް ކުރިމަތިވަމުންދާ ފާޑުކިޔުންތަކާ ގުޅޭ ގޮތުން ވެސް ޝާހް ރުކް ވާހަކަ ދައްކާފައި ވެއެވެ.

އޭނާ ބުނި ގޮތުގައި ފިލްމެއް އިޝްތިހާރުކުރުމާއި ހަލާކުކޮށްލުމުގައި ސޯޝަލް މީޑީއާގެ ދައުރު މިޒަމާނުގައި ވަރަށް ބޮޑެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މިހާރު ސިނަމާ އަށް ކުޅެން ޖެހިފައިވާ ރޯލު ވަރަށް މުހިއްމެވެ. ސޯޝަލް މީޑިއާގައި މިހާރު ގިނައިން ހަރަކާތްތެރިވަނީ ނެގެޓިވް ހިޔާލުގެ މީހުންނަށް ވާތީ އެމީހުންނަށް ފެންނަ އަދި އަޑުއިވޭ ކޮންމެ އެއްޗެއް ވެސް ނެގެޓިވްކޮށް ނަގަ އެވެ. އަދި މިއީ މީހުންނަށާއި މީހުން އުފައްދާ ފިލްމު ފަދަ އެއްޗިއްސަށް ވަރަށް ގެއްލުން ހުރި ކަމެކެވެ.

ސިދާރްތު އާނަންދް ޑައިރެކްޓްކޮށްފައިވާ "ޕަތާން" ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ.