ބޮލީވުޑް

ޝާހް އާއެކު ސެލްފީ ނަގަން އުޅުނު މީހަކު ކޮއްޕާލުމުން ފާޑުކިއުން

ޝާހް ރުކް ޚާންގެ "ޕަޓާން"ގެ ބޮޑު ކާމިޔާބީން އޭނާއަށް ވެސް ކޮންމެވެސް ކަހަލަ ބޮޑާކަމެއް ލިބިފައިވާ ކަމަށް ފޭނުން ގަބޫލު ކުރެ އެވެ. ސަބަބަކީ ކުރިން ނުކުރާ ކަހަލަ ބައެއް ކަންތައް އޭނާގެ ފަރާތުން ފެންނާތީ އެވެ.

އެފަދަ އެއް ހާދިސާއަކީ ދާދިފަހުން އޭނާ އިންޑިޔާއިން ބޭރުގައި އުޅެފައި އެނބުރި އައިސް މުމްބައިގެ އެއާޕޯޓަކަށް ފޭބިތަނާ ދިމާވި ކަމެކެވެ. އެއާޕޯޓު ތެރޭން ނުކުމެގެން ޝާހް ރުކް އޭނާގެ ކާރަށް އަރަން ދަނިކޮށް އެ ވަގުތު އެތަނުގައި ތިބި ގިނަ އަދަދެއްގެ ބަޔަކު އައިސް އޭނާ ވަށާލި އެވެ. އެމީހުން އެންމެ ލޯބިވާ ސުޕަސްޓާރު ހަމަ ލޮލުން ދެކިލުމުގެ ބޭނުމުގަ އެވެ.

ފޭނުންނާ އަތުން ހަނާއަޅާ ސަލާމް ކުރަމުން ޝާހް ރުކް ކާރަށް އަރަން ދަނިކޮށް ފޭނަކު ކުއްލިއަކަށް އޭނާގެ ކުރިމައްޗަށް އަރައި ސެލްފީއެއް ނަގަން މަސައްކަތް ކުރި އެވެ. އެ ވަގުތު ޝާހްރުކްގެ ކައިރީގައި ހުރީ އޭނާގެ މެނޭޖަރު ޕޫޖާ ދަދްލާނީ އެވެ.

މިކަން ހިނގައި ދިޔަ ގޮތުގެ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާއިރު ވީޑީއޯ އިން ފެންނަނީ ސެލްފީ ނަގަން ވެގެން ކުރިމައްޗަށް އެރި އަތުގައި އަޅާ ކޮއްޕާލުމަށްފަހު އޭނާއަށް ފޮޓޯއެއް ނަގަން ފުރުސަތު ނުދީ ދިޔަ ގޮތަށް ގޮސް ކާރަށް އަރާ މަންޒަރެވެ.

މި ވީޑީއޯ ބެލި ގިނަ ބަޔަކު މިކަމާ ވަރަށް ހިތްހަމަނުޖެހި ޝާހް ރުކް އަށް ފާޑު ކިޔާފައި ވެއެވެ. އަދި މިހާރު އޭނާ ވެސް އެހެން ގިނަ ފިލްމީ ތަރިން ފަދައިން މާ ފޮނި ވެއްޖެ ކަމަށް ފާޑުކީ މީހުން ބުނެފައި ވެއެވެ.

ޝާހް ރުކް ނޫނަސް މި ފަހަކަށް އައިސް ވަރަށް ގިނަ ފިލްމީ ތަރިން މިގޮތަށް ފޭނުން ކޮއްޕާ ދުރަށް ލާ މަންޒަރުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވެފައި ވެއެވެ. އެގޮތުން ރިތިކް ރޯޝަން ވެސް ދާދިފަހުން މިގޮތަށް ފޭނަކު ކޮއްޕާ ދުރަށް ލައި އޭނާއަށް ސެލްފީ އެއް ނެގުމުގެ ފުރުސަތު ނުދީ ގޮސްފައި ވެއެވެ.

ޝާހް ރުކްގެ ފިލްމީ ކެރިއަރަށް ބަލާއިރު އޭނާ ދެ ފިލްމެއްގެ މަސައްކަތް މިހާރު ކުރަމުން އެބަދެ އެވެ. ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީގެ "ޑުންކީ" އާއި ޑައިރެކްޓަރު އަޓްލީގެ "ޖަވާން" އެވެ.