ބޮލީވުޑް

ޝާހް ކަމަށް ހެދިގެން އުޅެނިކޮށް ޖަލަށް ދާން ޖެހިއްޖެ

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ މައު ޑިސްޓްރިކްޓްގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކައިވެނީގެ ރަސްމިއްޔާތެއްގައި އަޖައިބެއް ފަދަ ކަމެއް ހިނގައި ކައިވެނި ކެންސަލް ކުރަން ޖެހިއްޖެ އެވެ.

ކައިވެނި ކެންސަލް ކުރަން ޖެހުނީ ކައިވެނިކުރަން އުޅުނު މީހާ ސްޓޭޖަށް އަރައި ޝާހް ރުކް ޚާން ހެދިގެން ޝާހް ރުކްގެ ފިލްމެއްގެ ލަވައެއް މާ އަޑުގަދަކޮށް ކިޔަން ހަދައިގެން ދެ ފަރާތުގެ އާއިލާގެ މެދުގައި ޒުވާބު ފެށިގެންނެވެ.

ކައިވެންޏަށް ފިރިހެން މީހާ އޭނާގެ އާއިލާގެ މީހުންނާއި އެކުވެރިންނާއެކު ލަވަ ކިޔާ ނަށަމުން އައިސް ކައިވެނިކުރަން ހަމަޖެހިފައިވާ ސްޓޭޖް މައްޗަށް އެރި އެވެ. އަދި ދެ މީހުން ކަރުގައި މާފަތި އަޅުވަން ތައްޔާރުވިތަނާ ކުއްލިއަކަށް ފިރިހެންމީހާ އަޑުގެ ނެތް ތަނަށް ޝާހް ރުކްގެ ފިލްމެއްގެ ލަވައެއް ކިޔަން ފެށި އެވެ.

"މަރްތޭ ދަމް ތަކް ލޭކަރް ޖާއޫންގާ ދުލްހަން. އާޝިގް ހު މޭ، ގާތިލް ބި ހޫން، ސަބްކެ ދިލޯންމޭ ޝާމިލްބި ހޫން" (އެންމެ ފަހު ނޭވާޔާ ހަމައަށް ވެސް ދުލްހަން (ކައިވެނިކުރާ އަންހެންމީހާ) ގޮވައިގެން ދާނީ. އަހަރެންނަކީ ލޯބިވެރިއެއް. ގާތިލެއް. އެންމެންގެ ހިތުގައި އަހަރެން ރަސްކަން ކުރާނަން. އަހަރެން ވައުދު އުވައެއް ނުލާނަން. އަހަރެން މަރު ދެކެ ބިރެއް ނުގަނޭ) އެމީހާ ހަޅޭއްލަވަމުން ސްޓޭޖްމަތީގައި ކީ ލަވައިގައި ކިޔަނީ މި ކަހަލަ ވާހަކަ ތަކެކެވެ.

އެމީހާ މިގޮތަށް ހަޅޭއްލަވަން ފެށުމުން އަންހެންމީހާގެ އާއިލާއިން ހީކުރީ ފިރިހެންމީހާ ކޮންމެވެސް ކަމަކާ ރުޅިއައިސްގެން އުޅެނީ ކަމަށެވެ. ދެން އެމީހުން ބެލީ ކައިވެނީގެ އިންތިޒާމްތަކުގައި ފިރިހެންމީހާ ރުޅި އަންނާނެ ކަހަލަ އެއްވެސް މައްސަލައެއް ހުރިތޯ އެވެ. އެފަދަ ކަމެއް ވެސް ނެތްކަން ޔަގީންވުމުން ކައިވެނިކުރަން އުޅުނު އަންހެންމީހާ ރުޅިގަދަވެ ކައިވެނިކުރަން ދެކޮޅު ހެދީ އެވެ. މި ކައިވެނީގެ ރަސްމިއްޔާތަށް ގޮސް ތިބި މެހެމާނުންގެ ތެރެއިން ވެސް ގިނަ މީހުން ހީކުރީ ފިރިހެންމީހާ މޮޔަވީ ކަމަށެވެ.

އޭރު ފިރިހެންމީހާ ސްޓޭޖު މަތީގައި ހުރި އެއްޗެހިތައް އުކާ މުޅި ތަން ވަނީ ގަޑުބަޑުވެފަ އެވެ. އެހިސާބުން އަންހެންމީހާގެ އާއިލާގެ މީހުން ފުލުހުންނަށް ގުޅައިގެން ފުލުހުން އައިސް ފިރިހެންމީހާ ވަނީ ހައްޔަރުކޮށްގެން ގެންގޮއްސަ އެވެ.

ފުލުހުން ބުނި ގޮތުގައި އެމީހުން ނަސޭޙަތް ދިނުމުން ވެސް ފިރިހެންމީހާ އަޑެއް ނޭހި އެވެ. އެހެންވެ އޭނާ ހައްޔަރުކުރަން ޖެހުނީ އެވެ. ފިރިހެންމީހާ އާއެކު އޭނާގެ ފިރިހެން ކޮއްކޮ އަކާއި އަންހެންމީހާގެ ފިރިހެން ކޮއްކޮ އެއްވެސް ވަނީ ހައްޔަރުކޮށްފަ އެވެ.