ބޮލީވުޑް

25 އަހަރު ވަންދެން ޝާހް ރުކް ކެއީ މަންމަ އަތުން

ޝާހް ރުކް ޚާން އަކީ މޮޅު އެކްޓަރެއްގެ އިތުރުން ވަރަށް މޮޅަށް ވާހަކަ ކިޔައިދޭ މީހެކެވެ. އޭނާ ކިޔައިދޭ ވާހަކަތައް މީހުން ފޫހިކަމެއް ނެތި ކަނުލާ އަޑުއަހަން ތިބެ އެވެ. އެއީ އޭނާގެ ދޫ ފަރިތަ ވެފައި ވާހަކަ ދެއްކުމަށް ކުޅަދާނަ ކަމުންނެވެ.

ޝާހް ރުކް 2018 ގައި ދީފައިވާ އިންޓަވިއު އެއްގައި އޭނާގެ ކުޑައިރުގެ ބައެއް ވާހަކަތައް ހިއްސާ ކޮށްފައިވެ އެވެ.

އޭނާ ބުނި ގޮތުގައި ކުޑައިރު އޭނާ އަބަދުވެސް ބޭނުންވަނީ ވީހާވެސް އަވަހަށް ބޮޑުވާށެވެ. އަދި މިހާރު ބޮޑު މީހަކަށް ވުމުން ކުޑައިރުގެ ދުވަސްތައް މަތިން ވަރަށް ހަނދާންވެ ދެރަވެ އެވެ.

ކުޑައިރުގެ ހަނދާންތަކުގެ ތެރެއިން ޝާހް ރުކްގެ ހިތަށް އެންމެ އަސަރުކުރަނީ މަންމަގެ ހަނދާންތަކެވެ. މަންމަގެ އަތުން އޭނާއަށް ކާންދޭ ހަނދާނެވެ.

ޝާހް ރުކް ބުނި ގޮތުގައި އޭނާގެ އުމުރުން 25 ވަރަކަށް އަހަރު ވަންދެން އޭނާއަށް ކާން ދީފައިވަނީ މަންމަގެ އަތުންނެވެ. އޭނާ އަމިއްލަ އަތުން އެއްގޮތަކަށް ވެސް ކައެއް ނޫޅެ އެވެ.

"މަންމަ އަބަދުވެސް ކާންދޭނީ. އެހެންވެ އަހަރެންނަކަށް އަމިއްލަ އަތުން ކާކަށް އެހާ ފަސޭހައެއް ނޫން. އަތުން ކާއިރު އަހަރެންނަށް ވަރަށް ހެއްވާ ކަންތައް ކުރެވޭނީ. އެހެންވެ އަހަރެން އެއްވެސް އިރެއްގައި އަތުން ކައެއް ނޫޅެން،" ޝާހް ރުކް ބުންޏެވެ.

ޝާހް ރުކް ބުނި ގޮތުގައި އޭނާގެ ބައްޕަ އަކީ ޕަޓާން އެކެވެ. ޕަޓާނުންނަކީ ކެއުމަށް ވަރަށް ލޯބިކުރާ ބަޔަކަށް ވާތީ އޭނާގެ ބައްޕަ އަކީ ވެސް ކެއުމަށް ވަރަށް ލޯބިކުރި މީހެކެވެ. ކެއުމުގެ އިތުރުން ބައްޕަ އަކީ ކެއްކުމަށް ވެސް އެހާ މޮޅު މީހެއް ކަމަށް ޝާހް ރުކް ބުންޏެވެ.

"މަގޭ މަންމަ އަކީ ހައިދަރުއާބާދު މީހެއް. އެ ރަށު މީހުން ބަކަރި ބިރިޔާނީ ވަރަށް މީރުކޮށް ކައްކާނެ. އެހެންވެ މަންމަ އާއި ބައްޕައާ ދެމީހުން ވެގެން ވަރަށް މީރު ކާއެއްޗެތި ތައްޔާރުކޮށް އަހަންނަށް ކާންދޭ،" ޝާހް ރުކް ބުންޏެވެ.

ޝާހް ރުކް ބުނި ގޮތުގައި އޭނާގެ މައިންބަފައިން އެގޮތަށް ކަންތައް ކުރިޔަސް އޭނާގެ ދަރިންނަކަށް އޭނާ އެގޮތަކަށް ކަންތަކެއް ނުކުރާނެ އެވެ. އެހެން ހަދައިފިނަމަ ދަރިންތައް ރުޅިއައިސް ބައްޕަ ނޫން ކަމަށް ހަދާފާނެ ކަމަށް ޝާހް ރުކް ބުންޏެވެ.

"އަކަމަކު އަހަރެން ދަރިންނަށް ބައެއް އެއްޗެތި ފިހެދީ އަދި ޕާސްތާ ކައްކަ ދެން. އާރްޔަން ކުޑައިރު އަހަރެން ބެޓްމޭން ކުކީޒް ވެސް ފިހެދިނިން. ދެން އަހަންނަށް އެނގެނީ ބިސް ފެނުކައްކަންށާއި ސައި ހަދަން،" ޝާހް ރުކް ބުންޏެވެ.

ފިލްމީ ރޮނގުން ބަލާއިރު ޝާހް ރުކްގެ "ޕަޓާން" މިހާރު ވަނީ ރިލީޒްކޮށް ގިނަ ރެކޯޑްތަކެއް މުގުރާފަ އެވެ. މިހާރު އޭނާ މަސައްކަތް ކުރަމުން ދަނީ ޑައިރެކްޓަރު އަޓްލީ ކުމާރުގެ "ޖަވާން" އާއި ރާޖް ކުމާރު ހީރާނީގެ "ޑުންކީ" ނިންމުމަށެވެ.