ބޮލީވުޑް

އާރްޔަން ޑައިރެކްޓްކުރާ ފުރަތަމަ އިޝްތިހާރުގައި ބައްޕަ ޝާހް

ދަރިންގެ ކާމިޔާބީން އެންމެ ބޮޑު އުފަލެއް ލިބެނީ މައިންބަފައިންނަށެވެ. އެގޮތުން ޝާޙް ރުކް ޚާންގެ ދޮށީ ދަރިފުޅު އާރްޔަން ޚާން ޑައިރެކްޓަރެއްގެ ތޮފި އަޅައިގެން ފެށި ދަތުރުގައި ވެސް އޭނާއަށް އެންމެ ގާތުން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭން ހުރީ އޭނާގެ ބައްޕަ އެވެ.

ޝާހް ލައްވާ އިޝްތިހާރެއް ކުޅުވުމަކީ އެތައް ކްރޯޑެއް ޚަރަދުވާނެ ކަމަކަށް ވިޔަސް ދަރިފުޅަށްޓަކައި ޝާހް ރުކް ކެމެރާއާ ކުރިމަތިލީ އެއްވެސް ޝަރުތެއް ނެތި އެވެ. އެގޮތުން ޝާޙް ރުކް ވަނީ ޑައިރެކްޓަރެއްގެ ހައިސިއްޔަތުން އާރްޔަން އުފައްދާ ފުރަތަމަ އިޝްތިހާރަށް މޮޑެލް ކޮށްދީފަ އެވެ. މިއީ އަންހެނުންނާއި ފިރިހެނުން އަޅާ ހެދުންތަކެއްގެ ލަގްޒަރީ ބްރޭންޑެއްގެ އިޝްތިހާރެކެވެ.

އާރްޔަން އާއި ޝާހް ރުކް ވަނީ އެމީހުންގެ ރަސްމީ ސޯޝަލް މީޑީއާ އެކައުންޓްތަކުން މި އިޝްތިހާރާ ބެހޭ މައުލޫމާތު ހިއްސާ ކޮށްފަ އެވެ.

މި އިޝްތިހާރުގެ އިތުރުން ވެސް އާރްޔަން ވެބް ސީރީޒް އެއް ޑައިރެކްޓްކުރުމުގެ މަސައްކަތް ވެސް ކުރަމުން އެބަ ގެންދެ އެވެ. މި ވެބް ސީރީޒް ލިޔެފައިވަނީ ވެސް އާރްޔަން އެވެ. އަދި ވަރަށް އަވަހަށް ޝޫޓިން ފަށަން ތައްޔާރުވަމުންދާ ކަމަށް އާރްޔަން ބުނެފައި ވެއެވެ.

ޝާހް ރުކްގެ އަމިއްލަ ފިލްމު ކުންފުނި ރެޑް ޗިލީޒް ޕްރޮޑަކްޝަނުން އުފައްދާ މި ސީރީޒް ލިޔެ ނިންމާލުމަށްފަހު އިންސްޓަގްރާމްގައި އާރްޔަން ޝެއާ ކުރި މެސެޖެއްގައި ސްކްރިޕްޓް ލިޔެ ނިންމާފައިވާ ކަމަށާއި ޝޫޓްކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށް ބުނެފައި ވެއެވެ. މި ސްކްރިޕްޓް ލިޔުމުގައި ލިޔުންތެރިޔާ ބިލާލް ސިއްދީގީގެ އެހީތެރިކަން އާރްޔަން އަށް ލިބިފައި ވެއެވެ.

ފިލްމީ ތަރިންގެ ދަރިންގެ ތެރެއިން ގިނަ ކުދިން ބޭނުންވަނީ އެކްޓަރެއްގެ ގޮތުގައި ފިލްމުތަކުގައި ބައިވެރިވާށެވެ. ނަމަވެސް އެކްޓަރަކަށް ވުމުގެ ވިސްނުމެއް އާރްޔަންގެ ނެތެވެ. އޭނާ މަތީ ތައުލީމު ހާސިލު ކުރީ ވެސް އަދި މަސައްކަތް ކުރަމުން ދަނީ ވެސް ފިލްމު އުފެއްދުމުގެ ރޮނގުން ކުރިޔަށް ދިއުމަށެވެ.

ކަރަން ޖޯހަރް ފަދަ މަޝްހޫރު ޑައިރެކްޓަރުން ބަތަލެއްގެ ގޮތުގައި އާރްޔަން ލޯންޗުކުރުމުގެ ޒިންމާ ނަގަން ބޭނުންވެގެން އޭނާއަށް ގިނަ ހުށަހެޅުންތަކެއް ހުށަހަޅާފައިވީނަމަވެސް އާރްޔަން ވަނީ އެ ހުށަހެޅުންތައް ރައްދުކޮށްފަ އެވެ. އަދި އޭނާ ކުރިޔަށް ދާން ބޭނުންވަނީ ފިލްމު އުފެއްދުމުގެ ރޮނގުން ކަމަށް އާރްޔަން ބުނެފައި ވެއެވެ.

ނަމަވެސް އާރްޔަން ލޯންޗުކުރުމަށް ކަރަންގެ ހިތުގައި އޮތް އަޒުމަށް އަދިވެސް ބަދަލެއް ނާދެ އެވެ. ކަރަން ގަބޫލުކުރާ ގޮތުގައި އާރްޔަން އަކީ އަދި ކުޑަ ކުއްޖެކެވެ. އަދި އޭނާގެ އަމިއްލަ ދަރިއެއް ކަހަލަ ކުއްޖެކެވެ. ވީމާ ދުވަސްކޮޅަކު އެހެން އުޅެލާފައި އަމިއްލައަށް ފިލްމު ކުޅެން ބޭނުންވެގެން އަންނާނެ އެވެ. ނަމަވެސް މިހާތަނަށް އެތައް ފަހަރަކު ކަރަން އަށް އާރްޔަން ވަނީ ތަކުރާރުކޮށް ނޫނެކޭ ބުނެފަ އެވެ.