ބޮލީވުޑް

ޝާހް ރުކްގެ "ޖަވާން" ރިލީޒްކުރުން ފަސްކޮށްފި

ޝާހް ރުކް ޚާންގެ "ޕަޓާން"އަށް ލިބުނު ހީނުކުރާ ވަރުގެ ބޮޑު ކާމިޔާބަށްފަހު އޭނާގެ ފިލްމުތަކަށް ފޭނުން ކުރާ އިންތިޒާރު އެތައް ގުނައެއް އިތުރުވެފައި ވެއެވެ. އަދި މިހާރު އޭނާ ކުޅެމުންދާ ފިލްމުތައް ރިލީޒްކުރާނެ ދުވަހަކަށް ފޭނުން ތިބީ ބަލަބަލަ އެވެ.

ކުރިން ހަމަޖެހިފައި އޮތީ ޝާހް ރުކްގެ "ޖަވާން" އަންނަ ޖޫން 2 ވަނަ ދުވަހު ބަލާލުމުގެ ފުރުސަތު ފޭނުންނަށް ލިބޭނެ ކަމަށެވެ. މިއީ ސައުތު އިންޑީއާ ޑައިރެކްޓަރެއް ކަމަށްވާ އަޓްލީ ކުމާރު ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމުގައި ޝާހް ރުކް ފިޔަވައި ދީޕިކާ ޕަދުކޯން މެހެމާނެއްގެ ރޯލުން ފެންނާނެ އެވެ. މައިގަނޑު ކެރެކްޓާތައް ކުޅޭ އެހެން ތަރިންގެ ތެރޭގައި ހިމެނެނީ ސައުތު އިންޑިއާ ބަތަލާ ނަޔަންތާރާ އާއި ބަތަލު ވިޖޭ ސެތުޕަތީ އެވެ.

ޖޫން 2 ގައި ރިލީޒްކުރާނެކަމަށް އިއުލާންކޮށްފައިވާ "ޖަވާން" ރިލީޒްކުރުން ލަސްކޮށް މިހާރު މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު އެވެ.

މި ފިލްމު ރިލީޒްކުރާ ތާރީޚް ފަސް ކުރުމާއެކު އިތުރު ފަސް ފިލްމެއް ރިލީޒްކުރާ ތާރީޚަށް ބަދަލު ގެނެސްފައި ވެއެވެ. ސަބަބަކީ "ޖަވާން" ރިލީޒްކުރާ ދުވަސްވަރާ ކައިރިކޮށް އެހެން ފިލްމުތައް ރިލީޒްކުރަން ޕްރޮޑިއުސަރުން ފަސް ޖެހުމެވެ. ޖޫން 2ގައި "ޖަވާން" ރިލީޒް ނުކުރާނެކަން ޔަގީންވުމާއެކު އެހެން ފިލްމެއް އެ ދުވަހު ރިލީޒްކުރާނެކަން މިހާރު ވަނީ އިއުލާން ކޮށްފަ އެވެ. އެއީ ވިކީ ކޯޝަލް އާއި ސާރާ އަލީ ޚާންގެ "ލުއްކާ ޗުއްޕީ 2" އެވެ. މިއީ ލަކްޝްމަން އުޓޭކަރް ޑައިރެކްޓްކުރާ ރޮމެންޓިކް-ކޮމެޑީ އެކެވެ.

ރިލީޒްކުރާ ދުވަސް ބަދަލުކޮށްފައިވާ އަނެއް ފިލްމަކީ އަޖޭ ދޭވްގަންގެ ސްޕޯޓްސް-ޑްރާމާ "މައިދާން" އެވެ. ކުރިން އިއުލާން ކޮށްފައިވަނީ މި ފިލްމު އަންނަ ޖޫން 28 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށެވެ. ނަމަވެސް މިހާރު މި ފިލްމު ރިލީޒްކުރުން ވަނީ އަންނަ ސެޕްޓެމްބަރު 7 ނުވަތަ 8 އަށް ލަސްކޮށްފަ އެވެ.

އަޔޫޝްމާން ކުރާނާގެ "ޑްރީމް ގާލް 2" ކުރިން ހަމަޖެހިފައި އޮތީ އޮގަސްޓް 25ގައި ރިލީޒްކުރާ ގޮތަށެވެ. ނަމަވެސް "ޖަވާން" އެ މަހު ރިލީޒްކުރަން ހަމަޖެހުމުން "ޑްރީމް ގާލް 2" ރިލީޒްކުރާނެ އާ ތާރީޚެއް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ޚަބަރު ލިބެ އެވެ.

އަކްޝޭ ކުމާރާއި ރާދިކާ މަދަން އަދި ޕަރޭޝް ރާވަލްގެ "ސްޓާޓް އަޕް" ރިލީޒްކުރަން ކުރިން ހަމަޖެހިފައި އޮތީ ސެޕްޓެމްބަރުގަ އެވެ. ނަމަވެސް މި ފިލްމު ރިލީޒްކުރާ ތާރީޚުވެސް ބަދަލުކުރަން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެކްސެލް އެންޓަޓައިންމަންޓްގެ "ފުކްރޭ 3" ރިލީޒްކުރާ ދުވަސް ވެސް ބަދަލުކުރާނެ ކަމަށް ފަހުގެ ޚަބަރުތައް ބުނެ އެވެ.

މިއަހަރު ރިލީޒްކުރާނެކަން އިއުލާންކޮށްފައިވާ ފިލްމުތަކުގެ ތެރެއިން ކަނޑައެޅިފައިވާ ތާރީޚުގައި ރިލީޒްކުރާނެކަމަށް ބެލެވޭ ފިލްމުތަކުގެ ތެރޭގައި "އަޅިޕުރުޝް"، "ސަތުޔަޕްރޭމް ކީ ކަތާ"، "ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ"، "ސަލާރް"، "ލިއޯ"، "ޓައިގާ 3"، "ޑުންކީ" އަދި "އެނިމަލް" ފަދަ ބޮޑެތި ފިލްމުތައް ހިމެނެ އެވެ.