ބޮލީވުޑް

ޝާހް ރުކްގެ "ޖަވާން"ގައި ސަންޖޭ ދަތުގެ ވަރުގަދަ ރޯލެއް

"ޕަތާން"ގެ ރެކޯޑް މުގުރާލި ކާމިޔާބަށްފަހު ޝާހް ރުކް ޚާން މިހާރު ވަނީ "ޖަވާން"ގެ މަސައްކަތް ފަށާފަ އެވެ.

ސައުތު އިންޑިއާގެ ޑައިރެކްޓަރެއް ކަމަށްވާ އަޓްލީ އުފައްދާ މި ފިލްމުގައި ސަންޖޭ ދަތު ވެސް މިހާރު ވަނީ ބައިވެރިވެފަ އެވެ.

ފިލްމުގައި ސަންޖޭގެ ރޯލު އެހާ ދިގު ނޫން ނަމަވެސް ވަރަށް ބާރުގަދަ ވާނެ ކަމަށް ފިލްމު އިންޑަސްޓްރީގެ މީހުން ބުނެފައި ވެއެވެ.

އިއްޔެއިން ފެށިގެން ކުރިއަށްދާ "ޖަވާން"ގެ ޝޫޓިންގައި ސަންޖޭ ގެންދަނީ ބައިވެރިވަމުންނެވެ.

މިހާރު ކުރިއަށްދާ ޝޫޓިންގައި ޝާހް ރުކް އާއި ސަންޖޭގެ މެދުގައި ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ދަނީ ނަގަމުންނެވެ.

މި ފިލްމުގައި ސަންޖޭ ދަތު ބައިވެރިކުރަން ޑައިރެކްޓަރު ބޭނުންވީ އޭނާ ކަހަލަ ޝަޚްސިއްޔަތެއްގެ ވެރިއަކު މި ރޯލަށް މުހިއްމު ވީމަ ކަމަށް ޑައިރެކްޓަރު ބުނެފައި ވެއެވެ.

މި ފިލްމުގައި ދީޕިކާ ޕަދުކޯން ވެސް މެހެމާނެއްގެ ރޯލު އަދާކުރާ ކަމަށާއި މާޗް 27 އަދި 28 ގައި މި ފިލްމުގެ ޝޫޓިންގައި ދީޕިކާ ބައިވެރިވާން ހަމަޖެހިފައިވާ ކަމަށް ބައެއް ޚަބަރުތައް ބުނެ އެވެ.

ކުރިން އިއުލާން ކޮށްފައިވާ ގޮތުން "ޖަވާން" ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޖޫން މަހު އެވެ. ނަމަވެސް ސެޕްޓެމްބަރު ހިސާބަށް ފިލްމު ރިލީޒްކުރުން ފަސްކުރި ކަމުގެ ވާހަކަތަކެއް ވެސް ދެކެވިފައި ވެއެވެ. ނަމަވެސް މި ވާހަކަތައް ފިލްމުގެ ޕްރޮޑިއުސަރުން ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.

"ޖަވާން"ގެ އިތުރުން ޝާހް ރުކް މިހާރު ކުޅެމުންދާ އަނެއް ފިލްމަކީ ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީގެ "ޑުންކީ" އެވެ. މި ފިލްމުގެ ބަތަލާ އަކީ ތާޕްސީ ޕަންނޫ އެވެ.