ޝާހްރުކް ހާން

ޝާހުގެ އޮފީހުގައި 300 އެވޯޑްގެ ލައިބްރަރީއެއް

ޝާހް ރުކް ހާންގެ އޮފީހުގައި އެވޯޑުތަކުން ފުރިފައިވާ ލައިބްރަރީއެއް ހުންނަ ކަމަށް އޭނާ ބުނެފި އެވެ.

އެވޯޑް ދިނުމުގެ ރަސްމިއްޔާތުތަކަށް ވަރަށް ލޯބިކުރާ ކަމަށް ބުނެ، ޝާހް ބުނީ އޭނާގެ ނުވަ ބުރީގެ އޮފީހުގައި 300 އެވޯޑުގެ ލައިބްރަރީއެއް ހުންނަ ކަމަށެވެ.

"ކޮންމެ ފްލޯއެއްގައި ވަކި ވަރަކަށް އެވޯޑް ހުންނާނެ. އަހަރެންގެ ހުންނަނީ ޓްރޮފީ ރޫމެއް ނޫން، އިނގިރޭސި ލައިބްރަރީއެއްހެން ޑިޒައިން ކޮށްފަ ހުރި ލައިބްރަރީއެއް،" ޝާހް ބުންޏެވެ.

އޭނާ ބުނީ އެއްވެސް ލަދަކާ ނުލައި އެވޯޑް ލިބުމަށް އޭނާ ލޯބިކުރާ ކަމަށެވެ. ނަމަވެސް ބައިނަލްއަގްވާމީ ރަސްމިއްޔާތުތަކުގައި ވާހަކަދައްކަން ޖެހުމުން އަދިވެސް ފަސްޖެހޭ ކަމަށްވެސް ބުންޏެވެ.

ޝާހް ބުނީ ވާހަކަދައްކަން ފަސްޖެހޭ ސަބަބަކީ ސިނަމާއަކީ އިންޑިއާއަށް ވަރަށް މުހިއްމު އެއްޗަކަށް ވެފައި، ވާހަކަދައްކާއިރު މުޅި އިންޑިއާ ރަމްޒުކޮށްދޭން ޖެހޭތީ ކަމަށެވެ.

ބޮލީވުޑްގެ ފުރަތަމަ ފިލްމު 1992 ގައި ކުޅުނު ފަހުން މުޅި ދުނިޔެއަށް މަޝްހޫރު ޝާހް ވަނީ މިހާތަނަށް 100އަށް ވުރެ ގިނަ ފިލްމު ކުޅެފަ އެވެ. އަދި އެތައް އެވޯޑެއްވެސް ހޯދާފަ އެވެ. މީގެތެރޭގައި 14 ފިލްމްފެއާ އެވޯޑް ވެސް ހިމެނެ އެވެ.