ބޮލީވުޑް

ނޭފަތުގެ ސާޖަރީއަށް ފަހު މޫނު ހަލާކުވުމުން ވަރަށް ދެރަވި: ޕްރިޔަންކާ

ޕްރިޔަންކާ ޗޯޕްރާ
0%
0%
0%

ޕްރިޔަންކާ ޗޯޕްރާގެ ފޭނުން މިލިއަނުން ގުނާލެވެ އެވެ. މީގެ ތެރެއިން ބައެއް މީހުން އޭނާއަށް ސަޕޯޓްކުރަނީ އޭނާގެ އެކްޓިން ހުނަރު މޮޅުކަމުންނެވެ. އަނެއް ބަޔަކަށް ކަމުދަނީ އޭނާ ހެދުން އަޅާ ގޮތެވެ.

ޕްރިޔަންކާގެ ކައިވެނީގެ ވާހަކަ އާއި ދަރިއަކު ހޯދި ގޮތުގެ ވާހަކަތަކަކީ ވެސް ވަރަށް ވައިގައި ހިފި ވާހަކަ ތަކެވެ.

ޕްރިޔަންކާގެ އާ ފިލްމު "ލަވް އެގެއިން" ޕްރޮމޯޓްކުރުމުގެ ގޮތުން އޭނާ ދުނިޔޭގެ އެކި މީޑިއާތަކަށް މިހާރު އިންޓަވިއުތައް ދެމުންދާއިރު މި އިންޓަވިއު ތަކުގައި އޭނާގެ ހަޔާތުގެ ވަރަށް ގިނަ ވާހަކަތައް ދަނީ ހިއްސާ ކުރަމުންނެވެ.

އެގޮތުން އޭނާ ވަރަށް ފަހުން ދިން އިންޓަވިއު އެއްގައި ނޭފަތުގެ ސާޖަރީއެއް ހަދައިގެން ސިފަޔަށް ބޮޑު ބަދަލެއް އައިގޮތުގެ ވާހަކަތައް ވެސް ހިއްސާ ކޮށްފައި ވެއެވެ.

އޭނާ ބުނި ގޮތުގައި 2000 ވަނަ އަހަރު މިސް. ވޯލްޑްގެ ފަޚުރުވެރި ތާޖު ލިބުމަށްފަހު އޭނާ ނޭފަތުގެ ބޮޗް ސާޖަރީއެއް ހެދި އެވެ. އަދި ސާޖަރީ ހަދައިގެން މޫނަށް ބޮޑު ބަދަލެއް އައުމުން ވީ ދެރައިން ޑިޕްރެޝަންގެ ފުން ވަޅުގަނޑަކަށް އޭނާ ވެއްޓުނެވެ.

ޕްރިޔަންކާ ބުނި ގޮތުގައި އޭނާ ނޭފަތުގެ ސާޖަރީ ހެދީ ކޮންމެހެން ނޭފަތް ހުތުރުވެގެން ރީތިކުރާކަށް ނޫނެވެ. އަބަދު ރޯގާ ނުފިލާ ހުރުމާއި ނޭފަތުން ނޭވާލުމުގައި އުނދަގޫތަކެއް ހުރުމުންނެވެ.

"ނޭފަތުގެ މައްސަލަތައް ބޮޑުވެގެން ޑޮކްޓަރަށް ދެއްކުމުން ނޭފަތު ތެރޭގައި ޕޮލިޕްއެއް (ރޯވެފައިވާ މަސްކޮޅެއް) އިންކަން އެނގުނު. އެހެންވެ ސާޖަރީ ހެދީ އެ ނަގަން ވެގެން. ނަމަވެސް ސާޖަރީގެ ކަންތައް ދިޔައީ ރޭވި ގޮތަކަށް ނޫން. ޕޮލިޕް ނަގަން ނޭފަތު ތެރެ ކަހާލިއިރު ޑޮކްޓަރަށް އެކްސިޑެންޓަކުން އަހަރެންގެ ނޭފަތުން ބަޔެއް ވެސް ކަހާލެވި ނޭފަތަށް ގެއްލުންވެ އެލޭ ގޮތްވީ،" ޕްރިޔަންކާ ކިޔައިދިނެވެ.

ފަހުން ނޭފަތް ރަނގަޅުވިއިރު ޕްރިޔަންކާގެ މޫނަށް ބޮޑު ބަދަލެއް އައިސްފައި ހުރުމުން އެކަމާ ވީ ދެރައިން ޑިޕްރެޝަންގެ ޝިކާރައަކަށްވި ކަމަށް ޕްރިޔަންކާ ބުންޏެވެ.

"އޭރު އަހަރެން އެންމެ ތިން ފިލްމު ކުޅުނީ. ކުއްލިއަކަށް މޫނަށް މިހެން ދިމާވުމުން ހިތަށް އެރި ކެރިއަރުގެ ދުވަސް ދިޔައިއްޔޭ މި. އޭރު ބައްޕަ ދުނިޔޭގައި ހުރި. އަދި އަހަރެން އަލުން ހަމައަކަށް އެޅުނީ ބައްޕަ ދިން ނަސޭހަތް އަޑުއެހީމަ. ބައްޕަ ބުނި އަލުން ނޭފަތް ރަނގަޅުކުރަން ސާޖަރީއެއް ހަދާށޭ. އެ ވަގުތު ބައްޕަ އަހަރެންގެ އަތުގައި ހިފައި އަހަންނަށް ހިނގަންވީ މަގު ދައްކައިދިންކަމުން އަހަރެންގެ ގެއްލުނު އިތުބާރު އަލުން ލިބި ސަލާމަތްވީ،" ޕްރިޔަންކާ ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345