ހޮލީވުޑް

ވެއްޓުނު މަންޒަރު ފޮޓޯ ނުނެގި ޕަޕަރާޒީންނަށް ޕްރިޔަންކާގެ ތައުރީފް

ހޮލީވުޑް ޕަޕަރާޒީންނަށް ޕްރިޔަންކާ ޗޯޕްރާ ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.

އޭނާގެ ފަހުގެ އިންޓަވިއު އެއްގައި ޕްރިޔަންކާ ބުނި ގޮތުގައި އޭނާގެ އާ ފިލްމު "ލަވް އެގެއިން"ގެ ޕްރެމިއާ އޮތް ރޭ އޭނާ ރަތް ދޫލައިގައި ހިނގަމުންދަނިކޮށް ކުއްލިއަކަށް ވެއްޓުނެވެ. އަދި އޭނާއަށް ކުރިމަތިވި އިންތިހާއަށް ލަދުގަންނަން ޖެހުނު މި ހާލަތު، އެ ވަގުތު އެތަނުގައި ތިބި ގިނަ އަދަދެއްގެ ޕަޕަރާޒީންނަށް ފެނުނު ނަމަވެސް އެމީހުން ފޮޓޯ ނުނަގައި ކެމެރާތައް ތިރިކޮށްލި ކަމަށް ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ ބުނި ގޮތުގައި އޭނާ އަރައިގެން ހުރި ފުންނާބު އުސްކުރި ފައިވާނުގައި ހިނގަން އުނދަގޫކަމުން އޭނާ ދޫލައިގައި އަޅައިގަނެ ވަރަށް ރީއްޗަށް ވެއްޓި އިނދަ ޖެހުނު ކަމަށެވެ. އަދި ލަދުން ގޮސް ހަލާކުވާވަރު އޭނާއަށް ވީއިރު އޭނާގެ ފޮޓޯ ނެގުމުގެ ބަދަލުގައި ފޮޓޯގްރާފަރުން ކެމެރާތައް ތިރިކޮށްލިތަން އޭނާއަށް ފެނުނުކަމަށް ޕްރިޔަންކާ ބުންޏެވެ.

އޭބީސީގެ "ދަ ވިއު" އަށް ޕްރިޔަންކާ ދީފައިވާ އިންޓަވިއުގައި ހޮލީވުޑް ޕަޕަރާޒީންނަށް އެހާ ބޮޑަށް ތައުރީފުކުރީ މި ސަބަބާ ހުރެ އެވެ.

އޭނާ ބުނި ގޮތުގައި އޭނާ ވެއްޓިފައި އޮއްވާ ނަގާފައިވާ އެންމެ ފޮޓޮއެއް ވެސް ސޯޝަލް މީޑިއާ އިން ވެސް ފެނިފައެއް ނުވެ އެވެ. އެއީ އޭނާއަށް ޕަޕަރާޒީން އަދާކުރި އިހްތިރާމެއްގެ ގޮތުގައި ޕްރިޔަންކާ ދެކެ އެވެ.

"އަހަރެން މީގެ ކުރިން މި ވާހަކައެއް ނުދައްކަން. ނަމަވެސް ޕަޕަރާޒީންނަށް އަހަރެންގެ ހިތުގައި އުފެދުނު ގަދަރާއި އިހްތިރާމްގެ ސަބަބުން މި ވާހަކަ މި ދައްކަނީ. އެ ދުވަހު އަހަރެން އަރައިގެން ހުރީ ވަރަށް ފުންނާބު އުސް ފައިވާނަކަށް. އަދި އަހަރެން ލައިގެން ހުރި ހެދުމުގެ ސަބަބުން އެ ފައިވާނުގައި ހިނގަން އިތުރަށް އުނދަގޫވި. އަދި ވަށައިގެން ފޮޓޯގްރާފަރުންތައް ކެނޑިނޭޅި ފޮޓޯ ނަގަމުން ދިއުމުން އިތުރަށް ފައިއޮޅޭގޮތްވެ ވެއްޓުނީ،" ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ އިތުރަށް ބުނި ގޮތުގައި އޭނާގެ 23 އަހަރުވީ އެކްޓިން ކެރިއަރުގައި މިފަދަ ކަމެއް ދުވަހަކުވެސް ނުދެކެ އެވެ. ހުރިހާ ފޮޓޯގްރާފަރުން އެމީހުންގެ ކެމެރާތައް ތިރިކޮށްލައި "ކަންބޮޑުނުވާށޭ ޕްރީ އޭ. މަޑުމަޑުން ތެދުވާށޭ" ބުނި ކަމަށް ޕްރިޔަންކާ ބުންޏެވެ.

"ވެއްޓުމުން ސިކުންތުކޮޅަކަށް އަހަރެން މަރުވި ފަދަ. ނަމަވެސް އަހަރެންގެ ވަށައިގެންވާ މީހުންގެ ހަރަކާތްތައް ހުރި ގޮތް ފެނިފައި އަހަރެންނަށް ތެދުވަން ހިތްވަރު ލިބުނު. އަހަރެންނަށް އެހީތެރިވާން ފިރިމީހާ ވަރަށް އަވަހަށް ހަރަކާތްކުރި. އަދި އިތުރު ފަސް މީހަކު އައިސް އެހީތެރިވި. އަހަރެން ތެދުވެ ހަމަޖެހިލުމުން އެމީހުން ކެމެރާތައް އުފުލާލައި އަލުން ފޮޓޯ ނަގަން ފެށީ،" ޕްރިޔަންކާ ކިޔައިދިފައި ވެއެވެ.