ޕްރިޔަންކާ ޗޯޕްރާ ބޮލީވުޑް ދޫކޮށްލި ސަބަބު މިހާތަނަށް އޭނާ ކިޔައިދީފައެއް ނުވެ އެވެ. ނަމަވެސް އިއްޔެ ވައިރަލް ވެގެން އުޅޭ ޕްރިޔަންކާގެ އާ އިންޓަވިއު އެއްގައި ޕްރިޔަންކާ ވަނީ މިކަމާ ގުޅޭ ގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކައި ބޮލީވުޑުން އޭނާ އާ ދޭތެރޭ ކަންތައްކުރި އިހާނެތި ގޮތްތައް ހާމަކޮށްފަ އެވެ. އަދި "ޑާޓީ ޕޮލިޓީކްސް"ގެ ސަބަބުން ހިންދީ ފިލްމު އިންޑަސްޓްރީ ދޫކޮށްލަން އޭނާއަށް މަޖްބޫރުވީ ކަމަށް ވެސް ޕްރިޔަންކާ ބުނެފައި ވެއެވެ.
ޕްރިޔަންކާ ބުނި ގޮތުގައި އޭނާގެ ހަމުގެ ކުލަ އަނދިރިވުމަކީ ވެސް ބޮލީވުޑް މީހުންނަށް ވަރަށް ބޮޑު މައްސަލަ އެކެވެ. އެހެންވެ ހުރިހާ ފިލްމެއްގައި ވެސް އެ ހުންނަނީ އަލި ގަދަކޮށްގެން އޭނާގެ ކުލަ އަލިކޮށް ދޮން މީހެއްގެ ގޮތަށް ދައްކާފަ އެވެ. އަދި ފެއާނެސް ކްރީސް (ހަންގަނޑު ދޮންކުރަން ބޭނުންކުރާ ކްރީމް)ގެ އިޝްތިހާރުތައް ކުޅުމުގެ ސަބަބުން ހީނުކުރާ ވަރުގެ ގެއްލުމެއް އޭނާއަށް ލިބުނުކަމަށް ވެސް ޕްރިޔަންކާ ބުންޏެވެ.
"އަހަރެން ފިލްމު ކުޅެން ފެށިއިރު އެންމެން ވެސް އަހަރެން "ކަޅު" ވާހަކަ ދައްކާ. ފިލްމީ ޚަބަރުތަކުގައި ވެސް ލިޔެފަ ހުރޭ "ޑަސްކީ އެކްޓްރެސް" އޭ. އަހަރެން އޭރުވެސް ސުވާލުކުރަން "ޑަސްކީ އަކީ ކޮބައިހޭ؟ ކޮބާހޭ އޭގެ މާނައަކީ؟" ޕްރިޔަންކާގެ އިންޓަވިއުގައި ކިޔައިދީފައި ވެއެވެ.
ޕްރިޔަންކާ ބުނި ގޮތުގައި ފެއާނެސް ކްރީމެއްގެ އިޝްތިހާރެއްގައި އޭނާ ބައިވެރިވީ އެއީ ބިއުޓީ ބްރޭންޑަކަށް ވާތީ އެވެ. އޭނާ ބައިވެރިވާ ބްރޭންޑެއްގެ އިޝްތިހާރަކަށް ވާތީ އެވެ. އެ ބްރޭންޑުން އުފެއްދި ދޮންވާ ކްރީމެއްގެ އިޝްތިހާރުގައި އޭނާ ބައިވެރިވި ސަބަބު ކިޔައިދެމުން ޕްރިޔަންކާ ބުންޏެވެ.
ޕްރިޔަންކާ ކިޔައިދިން ގޮތުގައި މި އިޝްތިހާރުގައި އޭނާ ކުޅެފައިވާނީ ވަރަށް ހަންގަނޑުގެ ކުލަ އަނދިރި މާ ވިއްކާ އަންހެންކުއްޖެއްގެ ރޯލެވެ. އެ ކުއްޖާ 'ކަޅު'ކަމުން ފިރިހެނަކު އޭނާއާ ދިމާލަށް ބަލާލަން ވެސް ބޭނުން ނުވި ކަމަށް އެ އިޝްތިހާރުގައި ދައްކަ އެވެ. އަދި ފަހުން އެ ކުއްޖާ ފެއާނެސް ކްރީމް ހާކައިގެން ދޮން ވުމުން، ރަނގަޅު ވަޒީފާ ލިބި އޭނާއާ ދިމާލަށް ބަލާނުލި ފިރިހެންމީހާ ވެސް ހާސިލު ކުރެވި އަންހެންކުއްޖާގެ ހުރިހާ ހުވަފެނެއް ހަގީގަތަކަށް ވީ މަންޒަރު އިޝްތިހާރުގައި ދައްކަ އެވެ.
"ފިލްމުތަކަށް ބަތަލާއިން ހޮވާއިރު ހަންގަނޑު އަލިވުމަކީ ވަރަށް ބޮޑު އެޑްވާންޓޭޖެއް. އަހަރެން ކުޅެފައިވާ ވަރަށް ގިނަ ފިލްމުތަކުގައި ވެސް އަހަރެންގެ ކުލަ ފަހުން ހުންނަނީ އަލިކޮށްފައި،" ޕްރިޔަންކާ ބުންޏެވެ.