ބޮލީވުޑް

ދަރިއަކު ހޯދި ގޮތާމެދު ފާޑުކިޔާ މީހުންނަށް ޕްރިޔަންކާގެ ހޫނު ރައްދެއް

ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި އޭނާގެ ފިރިމީހާ ނިކް ޖޯނަސް ފުރަތަމަ ފަހަރަށް މައިންބަފައިންނަށްވީ ޖެނުއަރީ 2022ގަ އެވެ. އެމީހުންގެ ފުރަތަމަ ދަރިފުޅު މާލްތީ މާރީ ޖޯނަސް އުފަންވުމާ ގުޅިގެންނެވެ. މި އުފާވެރި ޚަބަރު އިންސްޓަގްރާމް މެދުވެރިކޮށް އެމީހުން މުޅި ދުނިޔެއާ ހިއްސާ ކުރި އެވެ.

އަލަތު ދަރިފުޅު ލިބުނުކަން އިއުލާން ކުރުމުން ޕްރިޔަންކާ އާއި ނިކް އަށް ގިނަ ބަޔަކު މަރުހަބާކީއިރު މަލާމާތުގެ ގޮތުގައި ނެގެޓިވް ކޮމެންޓުތައް ކުރި މީހުން ވެސް މަދެއް ނޫނެވެ.

ޕްރިޔަންކާގެ ކެރިއަރަށް ގެއްލުންވާނެތީ ބަނޑުބޮޑުވާން ބޭނުން ނުވެގެން "ރަހިމު" ކުއްޔަށް ހިފައިގެން ދަރިއަކު ހޯދީ ކަމަށް ވެސް ބައެއް މީހުން ތުހުމަތުކުރި އެވެ. އަނެއް ބަޔަކު ބުނީ ވިހަން ބޭނުން ނުވާތީ ރެޑީ-މޭޑް-ބޭބީ އެއް ގަތީ ކަމަށެވެ. އަދި މިފަދަ ކުއްޖަކާއެކު މައިވަންތަކަމުގެ ލޯބި ނުއުފެދޭނެކަމަށް ވެސް ބަޔަކު ބުނެފައި ވެއެވެ.

ފާޑުކިޔައި މަލާމަތްކޮށް ނެގެޓިވް ކޮމެންޓުތައް ކުރި މީހުންނަށް ޕްރިޔަންކާ މިހާތަނަށް ޖަވާބެއް ނުދީ ހުރުމަށްފަހު ވޯގް މެގަޒިން އަށް ވަރަށް ފަހުން ދިން އިންޓަވިއު އެއްގައި މި ކަން ވީ ގޮތް ވަރަށް ރަނގަޅަށް އޮޅުން ފިލުވައިދިނެވެ. އަދި ނެގެޓިވް ކޮމެންޓުތަކުގެ ސަބަބުން އޭނާގެ ހިތަށް ފުން އަސަރުތަކެއް ކުރިކަން ވެސް ހާމަކުރި އެވެ.

"ދަރިފުޅާ ގުޅުވައިގެން ފާޑުފާޑުގެ ވާހަކަ ދެއްކީމަ ހަގީގަތުގައި ވެސް ވަރަށް ދެރަވޭ. ސަބަބަކީ އެ ވާހަކަތައް އަމާޒުވަނީ އަހަރެންނަށް އެކަނި ކަމަށް ނުވާތީ. ތުއްތު ކުއްޖެއް ވެސް މިކަމުގައި ޝާމިލު ވާތީ،" ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ ބުނި ގޮތުގައި ސަރަގޭޓް މަންމައެއް ހޯދައިގެން އެމީހާ ލައްވާ ކުއްޖަކު ވިއްސަން ޖެހުނީ އޭނާގެ ހުރި ސިއްހީ ބޮޑެތި މައްސަލަތަކެއްގެ ސަބަބުން ދަރިއަކު ލިބޭނެ ގޮތެއް ނެތިގެން ކަމަށެވެ. އަދި މިފަދަ ގޮތަކަށް ވެސް ކުއްޖަކު އޭނާއަށް ލިބުނީތީ ވަރަށް އުފާވާ ކަމަށެވެ.

އޭނާ މިގޮތަށް ދަރިއަކު ހޯދި ހަގީގީ ސަބަބު ނޭނގި ތިބެ އޭނާއާ ދިމާލަށް ހިތު ހުރިހާ އެއްޗެއް ކީ މީހުންނަށް ޕްރިޔަންކާ ވަނީ ވަރަށް ހޫނު ރައްދެއް ދީފަ އެވެ.

"އެކަކަށް ވެސް އަހަރެންނެއް ނޭނގޭނެ. އަހަރެން ތަހައްމަލުކުރީ ކޮން ކޮން ވޭންތަކެއް ކަމެއް ވެސް ނޭނގޭނެ. އަހަރެންގެ ހުރި ސިއްހީ މައްސަލަތައް ދުނިޔެއަށް ހާމަ ނުކުރުމަކީ އަހަރެންގެ ނިންމުންތަކާ މެދު ފާޑުކިޔަންޖެހޭ ސަބަބެއްކަމަކަށް ނުދެކެން. ނުވަތަ އަހަރެންގެ ދަރިފުޅާ ގުޅޭ ގޮތުން ފާޑުފާޑު އެއްޗެތި ކިޔަން ޖެހޭނެ ކަމެއް ކަމަކަށް ވެސް ނުދެކެން،" ޕްރިޔަންކާ ބުންޏެވެ.

މާލްތީ އުފަންވީ އެންމެ 28 ހަފުތާގަ އެވެ. މިވެސް ޕްރިޔަންކާގެ ހުރި މައްސަލަތަކަކާ ހުރެ ކަމަށް އޭނާ ބުންޏެވެ.
މާލްތީގެ ހަޔާތުގެ ފުރަތަމަ ތިން މަސް އޭނާ ހޭދަކުރީ ނިއޯނެޓަލް ކްރިޓިކަލް ކެއާ ޔުނިޓްގައި މަރާ ހަނގުރާމަ ކުރާ ހާލުގަ އެވެ. އެ ތުއްތު ހަށިގަނޑުގައި އެކި ތަންތަނަށް ހޮޅިތައް ގުޅާފައި ހުއްޓެވެ.

"އޭރު އަހަންނަށް އެއްވެސް ޔަގީންކަމެއް ނެތް މާލްތީ ދުނިޔޭގައި އޮންނާނެ ކަމުގެ،" ޕްރިޔަންކާ ބުންޏެވެ.
ދަރިފުޅުގެ ފުރާނަ ސަލާމަތްވީ އެހާ ގިނަ ދުވަހު އެހާ ގިނަ ބޭސް ފަރުވާ ކޮށްގެން ކަމަށް ވާތީ އެ ދަރިފުޅާމެދު އޭނާ ވަރަށް ރައްކާތެރިވެގެން އުޅޭކަމަށް ޕްރިޔަންކާ ބުންޏެވެ.

"ދަރިފުޅުގެ އެނދުގެ ވަށައިގެން ހަތް ކެމެރާ ހަރުކޮށްފައި ހުންނާނެ. އޭނާއަށް ކަމެއް ވެދާނެތީ އަހަރެން އެހާވެސް ބިރުގަނޭ. ތުއްތު ތުއްތު އަތުން ނާރު ހޯދަން ނަރުހުން މަސައްކަތް ކުރިއިރު ހިތަށް ކުރި އަސަރު އެފަދަ މަންމައަކަށް ނޫނީ ބަޔާން ކޮށެއް ނުދެވޭނެ،" ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ، 40، އޭނާގެ ފިރިމީހާ އަދި ދަރިފުޅާއެކު މިހާރު ދިރިއުޅެނީ ލޮސް އެންޖަލިސްގައެވެ.

ހޮލީވުޑާއި ބޮލީވުޑްގައި ގިނަ ކާމިޔާބުތަކެއް ހޯދާފައިވާ ޕްރިޔަންކާ ދަރިފުޅު ލިބުމާއެކު އެއް އަހަރުގެ ޗުއްޓީއެއް ނެގި އެވެ. އަދި އޭނާގެ ހުރިހާ ވަގުތެއް ދަރިފުޅަށް ހުސްކުރި އެވެ.

"ވިހި އަހަރު ވަންދެން އަހަރެން ބުރަކަށީ ބިނދޭ ވަރަށް މަސައްކަތް ކޮށްފިން. އޭރު އަހަރެން ހުންނަނީ އަބަދުވެސް ބިޒީކަމުން ނޭވާ ނާރާފަ. ނަމަވެސް އަހަރެންގެ ސިކުނޑިއަށް މިހާރު ހަމަޖެހުން ލިބިއްޖެ. ސަބަބަކީ އަހަރެން މިހާރު ނިންމާ ކޮންމެ ނިންމުމެއްގެ ކުރިން އެންމެ ފުރަތަމަ ވިސްނަނީ ދަރިފުޅާމެދުގައި،" ޕްރިޔަންކާ ބުންޏެވެ.