ބޮލީވުޑް ދޫކޮށްލައި ހޮލީވުޑުން ފުރުސަތު ހޯދަން މަސައްކަތް ފެށީ އޭނާއާ ދޭތެރޭ އިންޑަސްޓްރީން ނާއިންސާފުން ކުރި ކަންތައްތަކުގެ ސަބަބުން ކަމަށާއި ހިންދީ ފިލްމު އިންޑަސްޓްރީ ދޫކޮށްލިއިރު އޭނާ ހުރީ އެއް ފަރާތު ކަނަކަށް ކޮއްޕާލާފައި ކަމަށް ޕްރިޔަންކާ ބުނެފި އެވެ.
"އާމްޗެއާ އެކްސްޕާޓް" ޕޮޑްކާސްޓްގެ ހޯމަ ދުވަހުގެ އެޕިސޯޑުގައި ބައިވެރިވެ ވާހަކަ ދައްކަމުން ޕްރިޔަންކާ ބުނީ ބޮލީވުޑްގެ ނުފޫޒު ގަދަ ބަޔެއްގެ ސަބަބުން އޭނާއަށް އެއްވެސް މީހަކު އޭނާ ފިލްމުތަކުގައި ބައިވެރި ނުކުރަން ފެށި ކަމަށެވެ. އަދި އޭނާއާ ދެކޮޅަށް ބަޔަކު ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކުރިކަމަށާއި މި ވާހަކަތައް މީގެ ކުރިން ނުދައްކާ ކަމަށެވެ.
"މެޓްރިކްސް ރެސަރެކްޝަންސް"ގެ ބަތަލާ ބޮލީވުޑް ދޫކޮށްލީ އެއްވަނަ ދަރަޖައިގެ ބަތަލާއިންގެ ތެރޭގައި ގުނެމުން ދަނިކޮށެވެ. އަދި އެމެރިކާއަށް ދިރިއުޅުން ބަދަލުކުރީ ބޮލިވުޑްގައި އޮތް ޕޮލިޓިކްސް ދެކެ ފޫހިވެ ވަރުބަލިވެގެންނެވެ.
"އަހަރެން އަސްލުވެސް ބޮލީވުޑުން ބްރޭކެއް ބޭނުންވި،" ޕްރިޔަންކާ ބުންޏެވެ.
ބޮލީވުޑް ފިލްމުތައް ކުޅުމާ ދުވަސްކޮޅަކަށް ދުރަން ދާން ޕްރިޔަންކާ ވިސްނަމުން ދިޔައިރު އެމެރިކާއަށް އޭނާ ކުރި ދަތުރެއްގައި ލަވަކިޔުންތެރިއެއްގެ ގޮތުގައި ކުރިޔަށް ދާނެ ފުރުސަތުތަކެއް އެ ގައުމުން ތަނަވަސްވި އެވެ. އަދި 2010ގެ އަހަރުތަކުގައި އޭނާ ބައެއް ލަވަތައް ކިޔާފައި ވެސް ވެއެވެ.
"ލަވަކިޔުމުގެ ފުރުސަތު އެމެރިކާއިން ލިބުނީމަ ހިތަށް އެރި ހެވޭ ކޮންމެ ގޮތެއް ވިޔަސް އެމެރިކާއަށޭ ދާނީ،" ޕްރިޔަންކާ ބުންޏެވެ.
ޕިޓްބުލް އާއި ވިލީ.އަމް ފަދަ ލަވަކިޔުންތެރިންނާއެކު އެމެރިކާގައި ޕްރިޔަންކާ މަސައްކަތް ކުރުމުން އޭނާއަށް އެކްޓީންގެ ރޮނގުން ކުރިޔަށް ދާން މާ ފަސޭޙަކަން ޕްރިޔަންކާ އަށް އިހްސާސްވި އެވެ. އަދި އެމެރިކާއިން ފިލްމު ކުޅޭނެ ފުރުސަތުތައް ލިބޭތޯ ހޯދަން ފެށި އެވެ.
"އޭރު އަމިއްލަ ގައުމުގައި އަހަރެން ވަނީ ބާކީ ވެފައި. އެއްވެސް މީހަކު ރަނގަޅު ފިލްމެއް ހުށައެއް ނާޅާ އޭރަކު،" ޕްރިޔަންކާ ބުންޏެވެ.
މަޝްހޫރު ސީރީޒް "ކުއަންޓީކޯ"އަށް އޮޑިޝަން ދީ އެ ސީރީޒް ކުޅެން ޕްރިޔަންކާ ހޮވުނީ އެނބުރި އިންޑީޔާ އަށް ނުދާންވެގެން އެމެރިކާގައި ފުރުސަތުތައް ހޯދަން ކުރި މަސައްކަތުންނެވެ.
"ކުއަންޓިކޯ"ގެ ތިން ސީޒަންގައި 2015 އިން 2018 އާ ދެމެދު ޕްރިޔަންކާ މަސައްކަތް ކޮށްފައި ވެއެވެ. އަދި މި ސީރީޒް އަށް ފަހު ޕްރިޔަންކާ އަށް ފަހަތަށް އެނބުރި ބަލާލާކަށް ނުޖެހުނެވެ. ހޮލީވުޑް ގިނަ ފިލްމުތަކަކާއި ސީރީޒްތަކެއްގައި އޭގެ ފަހުން އޭނާ ބައިވެރިވި އެވެ. އަދި މިހާރު ވެސް އޭނާގެ އަތުގައި ވަރަށް ގިނަ ޕްރޮޖެކްޓްތައް އެބަހުއްޓެވެ.
ޕްރިޔަންކާގެ މި އިންޓަވިއު ސޯޝަލް މީޑިއާގައި ވައިރަލް ވުމުން ބޮލީވުޑްގެ ބައެއް ފަންނާނުން މި ވާހަކަ ތެދުކޮށް ކޮމެންޓް ކޮށްފައި ވެއެވެ. އެގޮތުން މިއުޒިކް ޑައިރެކްޓަރު އަމާލް މަލިކު ލިޔެފައިވާ ޣޮތުގައި ޚުދް އޭނާއަށް ވެސް މި މައްސަލަ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދިމާވެ އެވެ.
"ފޭނުން އަހާނެ އަހަރެން ކައިރީ ކީއްވެހޭ ބޮލީވުޑް ފިލްމުތަކަށް މިއުޒިކް ތައްޔާރުނުކުރަނީ. މިހާރު އެންމެންނަށް ވެސް މީގެ ހަގީގަތް އެނގޭނެ ކަމަށް އުންމީދުކުރަނީ. ބޮލީޥުޑްގައި އޮންނަނީ ގްރޫޕް ގްރޫޕް އަދި ކޭމްޕް ކޭމްޕް. އެ ކޭމްޕެއްގައި އުޅޭ މީހުންނަށް އެ ކޭމްޕެއްގެ މީހުން އުފައްދާ ފިލްމުތަކުން ޖާގަ ލިބޭނީ. އަދި ހަމަ ގްރޫޕްތަކުގައި ވެސް އޮންނަނީ މި އުސޫލު،" ޕްރިޔަންކާގެ ހިތްވަރާއި ކެރުމަށް ވަރަށް ބޮޑަށް ތައުރީފުކުރަމުން އަމާލް ލިޔެފައި ވެއެވެ.
އަމާލް ނޫނަސް ވަރަށް ގިނަ ޑައިރެކްޓަރުންނާއި އެކްޓަރުން ޕްރިޔަންކާގެ މި އިންޓަވިއު އަކީ ހަގީގަތުގައި ވެސް ބޮލީވުޑްގައި ކަން ހިނގާ ގޮތް ކަމަށް ބުނެ ޕްރިޔަންކާ އަށް ތާއީދުކޮށް ކޮމެންޓްތައް ކުރަމުން އެބަ ގެންދެ އެވެ. އަދި ހަމަ އެއާއެކު އޭނާ ދެއްކި ވާހަކަތަކަށް މަލާމާތާއި ފުރައްސާރަ ކުރަމުންދާ މީހުން ވެސް ސޯޝަލް މީޑީއާގައި އުޅެ އެވެ. އެމީހުން ގެންދަނީ ޕްރިޔަންކާގެ ވާޙަކަތަކަށް މަލާމާތްކުރަމުންނެވެ.