ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އޮނަރަރީ ކޮންސުލްސް ސްކޮލަޝިޕް އިފްތިތާހުކޮށްފި

Apr 19, 2022
1

އޮނަރަރީ ކޮންސުލްސް ސްކޮލަޝިޕް ޕްރޮގްރާމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހު ކޮށްދެއްވައިފި އެވެ.

މި ސްކޮލަޝިޕް ޕްރޮގްރާމްގެ ދަށުން 2022-2023 އަށް 44 ސްކޮލަޝިޕް ފުރުސަތު ވަނީ ހުޅުވައިލައިފަ އެވެ. މި ފުރުސަތުތަކަކީ ހަތް އޮނަރަރީ ކޮންސުލްސް އެއްގެ އެހީތެރިކަމާއެކު ހުޅުވާލާފައިވާ ފުރުސަތުތަކެކެވެ.

ފޮރިން މިނިސްޓްރީގައި މިއަދު މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ރާއްޖެއިން ބޭރުގައި ދިވެހިންނަށް ކޮންސިއުލާ ހިދުމަތްތައް ފޯރުކޮށްދިނުމުގައްޔާއި ރާއްޖޭގެ އިގްތިސޯދީ އަދި ސަގާފީ މަސްލަހަތުތައް ކުރިއެރުވުމާއި އެ ގައުމުތަކުގައި ރާއްޖެ އަދި ދިވެހިން ތަމްސީލުކުރުމުގައި އޮނަރަރީ ކޮންސުލްސް ތަކުން އަދާކުރަމުންދަނީ މުހިންމު ރޯލެއް ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި، ހިލޭ ޑިގްރީ ޕްރޮގްރާމާއި، ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން މަތީ ތައުލީމުގެ ސްކޮލަޝިޕްގެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރާ ކަން ފާހަގަކުރެއްވި އެވެ. އަދި 2023 ވަނަ އަހަރުގެ ނިޔަލަށް މަދުވެގެން 20،000 ދަރިވަރުންނަށް ހިލޭ މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޮނަރަރީ ކޮންސުލްސް ސްކޮލަޝިޕް ޕްރޮގްރާމް ތައާރަފްކުރުމުގެ މަސައްކަތް 2019 ވަނަ އަހަރު ފެށީ މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދެއްވުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށެވެ.

މި ސްކޮލަޝިޕް ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.