ވިޔަފާރި

ރާއްޖެ - އިންޑިޔާ މެޗަށް ދާން މޯލްޑިވިއަން އިން ހާއްސަ ފެއާއެއް!

މިހާރު އިންޑިއާގެ ޓްރިވެންޑްރަމްގައި ކުޅެމުންދާ ސާފް ސުޒުކީ ކަޕް ފުޓު ބޯޅަ މުބާރާތުގައި އިންޑިއާ އާ ދެކޮޅަށް ރާއްޖެ ކުޅޭ ސެމީ ފައިނަލް މެޗު ބަލަން ދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ އަގުތަކެއް މޯލްޑިވިއަނުން ކަނޑައަޅައިފި އެވެ.

މޯލްޑިވިއަން އިން ބުނީ އެމެޗު ބަލަން ދާން ބޭނުންވާ މީހުންނަށް އަގުހެޔޮކޮށް ޓިކެޓް ވިއްކަން ނިންމާފައިވާ ކަމަށެވެ. މި މެޗު ބަލަންދާ ފަރާތްތަކަށް ދެކޮޅަށް 150 ޑޮލަރަށް ޓިކެޓް ވިއްކަން މިހާރު ނިންމާފައިވާ ކަމަށް މޯލްޑިވިއަނުން މައުލޫމާތު ދެއެވެ.

މިމެޗުގެ އިތުރުން މި މުބާރާތުގެ ފައިނަލް މެޗު ބަލަންދާ ފަރާތްތަކަށްވެސް ހާއްސަ އަގެއްގައި ޓިކެޓް ވިއްކުމަށް ނިންމާފައިވާ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

ޓިކެޓް ރިޒަވޭޝަން ހައްދަވަން ބޭނުން ފުޅުވާ ފަރާތްތަކުން މިއަދުން ފެށިގެން 3335544 އަދި 3331282 ނަމްބަރަށް ގުޅުއްވުމުން ރިޒަވޭޝަންގެ ކަންތައް ހަމަޖެހިގެންދާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މުބާރާތުގެ ސެމީ ފައިނަލް ފުރަތަަމަ މެޗުގައި ރާއްޖެ އާއި އިންޑިޔާ ބައްދަލުކުރާނީ ބުރާސްފަތި ހަވީރު 03:00 ގައެވެ. އަފްގާނިސްތާނާއި ސްރީލަންކާ ކުޅޭނީ އެދުވަހު އިރުއޮއްސޭއިރު އެވެ.