އެމްޑަބްލިއުއެސްސީގެ އީ-ޕޯޓަލްގެ ހިދުމަތްތައް އަޕްގްރޭޑްކޮށް އާ ބައިތަކެއް ހިމަނައި މިއަދު ތައާރަފުކޮށްފި އެވެ.
އާ ފީޗާތަކާއެކު މި ޕޯޓަލް ތައާރަފުކޮށް ދެއްވީ އެމްޑަބްލިއުއެސްސީގެ ޗެއާޕާސަން ޝަމްހޫޒާ އަހުމަދާއި މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ.
އެމްޑަބްލިއުއެސްސީގެ އީޕޯޓަލް ގެނައި އަޕްގްރޭޑުތަކުގެ ތެރޭގައި އީ-ފާސް ބޭނުންކޮށްގެން ހިދުމަތްތަކަށް އެދި ހުށަހެޅުމާއި އެޕްލިކޭޝަންތަކުގެ އެކި މަރުޙަލާތަކުގެ އަޕްޑޭޓް ބެލުން ހިމެނެ އެވެ.
ޕޯޓަލް ތައާރަފުކުރުމުގެ ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން ވިދާޅުވީ އަލަށް ގެނައި ބަދަލުތަކާއެކު އީ-ޕޯޓަލް ބޭނުންކުރުމުގައި ކަސްޓަމަރުންނަށް އިތުރަށް ފަސޭހަ ވާނެ ކަމަށެވެ.
އާ އަޕްގްރޭޑާއެކު ކޮންމެ ވަގުތެއްގައި ކޮންމެ ތަނެއްގައި ހުރެގެންވެސް ކަސްޓަމަރުންނަށް އެކައުންޓް މެނޭޖްކޮށްލެވޭނެ އެވެ.
މި ގޮތުން އެކި ފެން މީޓަރުގެ މައުލޫމާތާއި ކުރިން ފައިސާ ދައްކާފައިވާ ބިލްތަކުގެ ސްޓޭޓްމެންޓް ބެލޭނެ އެވެ. އެއް މީޓަރަށްވުރެ ގިނަ މީޓަރަށް އެއްފަހަރާ ފައިސާ ދެއްކޭނެ ނިޒާމު އާ އަޕްޑޭޓްގައި ވަނީ ހިމަނާފަ އެވެ.
މީގެ އިތުރުން ސްމާޓް މީޓަރު ހަރުކޮށްފައިވާ ގޭބިސީތަކުގައި ކޮންމެ ދުވަހެއްގެ ޔޫސޭޖް -- ފެން ބޭނުންކުރެވޭ މިންވަރު ބަލައިލެވޭ ގޮތަށް ހިމަނާފައިވެ އެވެ. އަދި ޗެޓް ސަޕޯޓް ހިދުމަތް ވަނީ ހިމަނައިފަ އެވެ.