އައްޑޫ ސިޓީ

އައްޑޫ ބިން ހިއްކަން ވަރަށް އަވަހަށް ފަށާނެ: ވެން އޫޑް

Apr 23, 2022
1

އައްޑޫގެ ބިން ހިއްކުން ކުރިއަށް ގެންދާނީ ތިމާވެށި ހިމާޔަތް ކުރަން އިސްކަންދީގެން ކަމަށާ އެ މަޝްރޫއު ވަރަށް އަވަހަށް ފަށާނެ ކަމަށް މަޝްރޫއާ ހަވާލުވެފައިވާ ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖިން ކުންފުނިން ބުނެފި އެވެ.

ވެން އޫޑްއާ އައްޑޫން 194 ހެކްޓަރުގެ ބިން ހިއްކަން ހަވާލުކުރީ މިދިޔަ މަހު އައްޑޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މިމަޝްރޫއުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވަނީ ހިތަދު އާއި މަރަދޫ އަދި މަރަދޫ ފޭދޫން ބިން ހިއްކާނެ އެވެ. މަޝްރޫއު ނިންމަންޖެހެނީ 18 މަސް ދުވަހުންނެވެ.

ވެން އޫޑް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އައްޑޫގެ ބިން ހިއްކާއިރު ތިމާވެށި ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ގޮތަކަށް އަދި ގެއްލުން ކުޑަގޮތަކަށް މަޝްރޫއު ކުރިއަށް ގެންދަން އިސްކަން ދޭނެ ކަމަށެވެ. ބިން ހިއްކާ ސަރަހައްދުގައި ހުރި މުރަކަތައް ކަމާ ގުޅޭ ފަރާތްތަކާ ގުޅިގެން އެހެން ސަރަހައްދެއްގައި އިންދާނެ ކަމުގައިވެސް ބުނެފައިވެ އެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ވަރަށް އަވަހަށް ފަށާނެ ކަމަށް ބުނި ނަމަވެސް ވަކި ތާރީހެއް ބުނެފައެއް ނުވެ އެވެ.

ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދާއިރު ތިމާވެށީގެ މައްސަލަތަކަށް އިސްކަން ދޭނެ ކަމަށް ބުނެފައި މިވަނީ އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާ އެކު އެ ސަރަހައްދަށް ތިމާވެށްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ބުނެ ޓްރާންސްޕޭރަންސީ މޯލްޑިވްސް ހިމެނޭ ގޮތަށް އަމިއްލަ ޖަމިއްޔާތަކަކުން އެ މަޝްރޫއާ ދެކޮޅަށް ތެދުވެފައި ވަނިކޮށެވެ. ޖަމިއްޔާތަކުން ވަނީ އެ މަޝްރޫއު ހުއްޓުވަން ސ. މީދޫ މެޖިސްޓްރޭޓް ކޯޓަށް ވެސް މީގެކުރިން މައްސަލަ ހުށަހަޅާފަ އެވެ.

އެ މަޝްރޫއުގައި ހިއްކަން ހަމަޖެހިފައިވާ ސަރަހައްދުގައި ހުންނަ މުރަކަތައް އެހެން ތަނެއްގައި އިންދުމުގެ މަސައްކަތް ވެސް ކަމާގުޅުން ހުރި ފަރާތްތަކާ އެކު ކުރާނެ ކަަމަށް ބަޔާނުގައިވެ އެވެ. ސްޕެޝަލިސްޓުންގެ އެހީއާ އެކު ރާއްޖޭގައި މުރަކަ އެހެން ތަންތަނަށް ބަދަލުކުރުމަކީ މީގެ ކުރިން ހިންގި މަޝްރޫއުތަކުގައި ވެސް ކޮށްފައިވާ ކަމެއް ކަން ވެސް ނެދަލެންޑްސްގެ ކުންފުނިން ފާހަގަކުރެ އެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގާ މަޝްރޫއެކެވެ. މިމަޝްރޫއަށް 6.9 މިލިއަން ކޮޑި މީޓަރުގެ ވެލި ބޭނުންކުރަން ނިންމާފައިވެ އެވެ. ވެލި ނެގުމަށް ހަމަޖައްސާފައިވަނީ އައްޑޫގެ އެތެރެވަރީގެ ދެ ސަރަހައްދަކުންނެވެ.