ޑިއުޓީ ނޫން ގަޑިތަކުގައި ވެސް މީހަކަށް ސިއްހީ މައްސަލައެއް ދިމާވެގެން އުޅޭތަން ފެނިއްޖެނަމަ ޑޮކްޓަރުންނާއި ނަރުހުން ވަގުތުން އެމީހަކަށް އެހީތެރިވުމަށް އިސް ނަގަ އެވެ. އިންޑިޔާގެ ކެރެލާގެ ކޯޗީގެ ނަރުހެއް ކަމަށްވާ ޝީބާ އަނީޝް އަށް ވެސް ދާދިފަހުން ދިމާވީ މިފަދަ ކަމެކެވެ.
ހޮސްޕިޓަލު ޑިއުޓީ ނިންމާފައި ގެޔަށް ދިއުމަށް ޝީބާ ބަހަކަށް އެރީ ރޭގަނޑު 9.10 ހާއިރު އެވެ. އޭނާ ބަހުގެ ގޮނޑިއެއްގައި އިށީނދެ ހަމަޖެހިލިތާ ކުޑަ އިރުކޮޅެއް ނުވެ އޭނާގެ ކޮނޑުގައި މީހަކު ޖެހޭހެން ހީވި އެވެ. އޭނާ އެނބުރި ފަހަތަށް ބަލާއިރު އޭނާ އިން ގޮނޑިއާ ޖެހިގެން ފަހަތަށް އިން ގޮނޑީގައި އިން މީހާ އަރިއަޅާލައިގެން ވެއްޓެނީ އެވެ.
ޝީބާ ބުނި ގޮތުގައި އެ ގޮނޑީގައި އިނީ ވިޝްނޫ ނަމަކަށް ކިޔާ ޒުވާން ފިރިހެނެކެވެ. ކުއްލިއަކަށް ވިޝްނޫ ހޭނެތިގެން ވެއްޓުމުން ބަހުގައި ތިބި އެންމެން ބިރުން ހަދާނެގޮތް ހުސްވި އެވެ.
އެ ވަގުތު ބަހުގައި އެހާ ގިނަ މީހުން ނެތް ކަމަށާއި އަދި ވިޝްނޫ ވެއްޓިފައި އޮތްއިރު ވެސް ބަސް ދިޔައީ ދުއްވަމުންކަމަށް ޝީބާ ބުންޏެވެ.
އުމުރުން 24 އަހަރުގެ މި ޒުވާނާ ވެއްޓިފައިއޮތްއިރު އަނގައިން ފޮނު ނުކުންނަމުން ދިޔަ ކަމަށް ވެސް ޝީބާ ބުންޏެވެ. އަދި ވިޝްނޫގެ ނޭފަތުންނާއި އަނގައިން ކޮންމެވެސް ވަރަކަށް ލޭ ވެސް އަންނަކަން އޭނާއަށް ފާހަގަ ކުރެވުނެވެ.
ވަގުތުން ޝީބާ ތެދުވެގެން ގޮސް ވިޝްނޫއަށް އެހީތެރިވާން ފެށި އެވެ. އަދި ބަސް ޑްރައިވަރު ކައިރީގައި އެންމެ ކައިރީގައިވާ ހޮސްޕިޓަލެއް ކައިރިއަށް ބަސް މަޑުކުރުމަށް އެދުނެވެ. ނަމަވެސް އެވަގުތު މަގުތަކުގައި ޓްރެފިކް ގިނަ ކަމުން ބަހުގެ ޑްރައިވަރަށް އެއްވެސް ހޮސްޕިޓަލަކާ ދިމާލަށް ބަސް ދުއްވޭ ގޮތެއް ނުވި އެވެ. ޝީބާ ވަގުތުން އޭނާ މަސައްކަތްކުރާ ހޮސްޕިޓަލަށް ގުޅައި އެމްބިއުލެންސް ފޮނުވުމަށް އެދުނެވެ. އަދި ވިޝްނޫ އަށް ސީޕީއާރް ދޭން ފެށި އެވެ. އޭނާގެ ވިންދު ދަށްވާކަން ފާހަގަ ކުރެވޭތީ އެވެ.
ވިޝްނޫ އަށް ހޭވެރިކަން ވެގެން ތެދުވެ އިށީނީ ދެ ފަހަރު މަތިން ޝީބާ ސީޕީއާރް ދިން ފަހުންނެވެ. ޝީބާ ބުނި ގޮތުގައި ވިޝްނޫ އަށް ސީޕީއާރް ދިނުން ލަސްވިނަމަ އޭނާގެ ފުރާނަ ސަލާމަތް ނުކުރެވުމަކީ އެކަށީގެންވާ ކަމެކެވެ.
ފަހުން އެމްބިއުލެންސްގައި ވިޝްނޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށުމުން މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.
ޝީބާ މަސައްކަތްކުރާ އެޕޯލޯ ހޮސްޕިޓަލުގެ އޮތޯރިޓީން ވަނީ ޝީބާ އަކީ ހީރޯއެއް ކަމަށް ބުނެ އެމީހާގެ ފުރާނަ ސަލާމަތްކުރަން ޝީބާ ކުރި މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އަދި މީހުންގެ ފުރާނަ ސަލާމަތްކުރަން ޖެހޭ މިފަދަ ހާލަތުގައި ސީޕީއާރު ދޭނެގޮތް އެންމެން ވެސް ދަސްކޮށްފައި އޮތުން މުހިއްމުކަމަށް ހޮސްޕިޓަލުގެ ބަޔާނުގައި ބުނެފައި ވެއެވެ.