ބޮލީވުޑް

ދަރިއަކު ލިބުނީ ހިތްދަތި ތަޖުރިބާތަކަކަށްފަހު: އަމްރިތާ

އާރްޖޭ އަންމޯލް އާ ކައިވެނިކޮށްގެން އެ ކައިވެނި ސިއްރު ކޮށްގެން "ވިވާ" ގެ ބަތަލާ އަމްރިތާ ރާއޯ ވަރަށް ގިނަ ދުވަސްތަކަކު އުޅުނެވެ. ކައިވެނި ކޮށްގެން ވަރަށް ސިއްރު ސިއްރުން އުޅުމަށްފަހު ކައިވެނި ކުރިކަން އިއުލާންކުރިތާ މާ ގިނަދުވަހެއް ނުވެ އަމްރިތާ ވަނީ ފުރަތަމަ ދަރިފުޅަށް ބަލިވެ އިންކަން އިއުލާން ކޮށްފަ އެވެ. އަދި އޭނާ ވިހާފައިވަނީ ނޮވެމްބަރު 2020 ގައެވެ.

އަމްރިތާ އާއި ފިރިމީހާގެ ޔޫޓިއުބު ޗެނަލްގައި އެމީހުންގެ ކައިވެންޏާއި ދަރިއަކު ހޯދަން ކުރި ހިތްދަތި ތަޖުރިބާތައް ގެންދަނީ ބެލުންތެރިންނާ ހިއްސާ ކުރަމުންނެވެ. އެގޮތުން އެންމެ ފަހުން އެ މީހުން ޝެއާ ކުރި ވީޑިއޯގައި އައިވީއެފް އާއި ސަރަގޭޓް މަންމައެއް މެދުވެރިކޮށް ދަރިއަކު ހޯދަން ކުރި ތަޖުރިބާ ކިޔައިދީފައި ވެއެވެ.

އަމްރިތާ އާއި އަންމޯލް ބުނި ގޮތުގައި 2016 އިން ފެށިގެން އެމީހުން ދަރިއަކު ހޯދަން މަސައްކަތް ކުރަމުން ދިޔަ އެވެ. އަދި އައިވީއެފް އާއި ސަރަގަސީ މަންމައެއް މެދުވެރިކޮށް ވެސް ދަރިއަކު ހޯދަން އެތައް ފަހަރެއްގެ މަތިން މަސައްކަތް ކުރި އެވެ.

އެގޮތުން އެމީހުން ސަރަގޭޓަކަށް ޚިޔާރުކުރި މީހާ ބަލިވެ އިނދެ ދުވަސްކޮޅެއް ނުވަނީސް ދަރިފުޅު ބައިގެން ދިއުމުން ވަރަށް ހިތްދަތި އިހްސާސްތަކެއް ކުރެވުނުކަމަށް އަންމޯލް ބުންޏެވެ.

"އެ ވާހަކަ ހިތަށް އެރިޔަސް މިހާރު ވެސް ހިތް ކުދިކުދިވޭ. ނަމަވެސް މައިންބަފައިންނަށް ވާހިތުން ދަރިއަކު ބޭނުންވެގެން އުޅޭ ބަޔަކަށް މިއީ ވަރަށް އަސަރުގަދަ ތަޖުރިބާއެއް،" އަމްރިތާ ބުންޏެވެ.

އައިވީއެފް ހަދައިގެން ވެސް ކުއްޖަކު ލިބޭތޯ އަމްރިތާ ވަރަށް މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ. އެގޮތުން ހޯމޯން އިންޖެކްޝަންތައް ޖަހަން އޭނާ ނަފްރަތު ކުރާ މިންވަރާއި ނަމަވެސް މަޖްބޫރުން އެ އިންޖެކްޝަންތައް ޖަހަމުން ދިޔަ ކަމަށް އޭނާ ބުންޏެވެ.

"އެތައް ފަހަރަކު އައިވީއެފް ހަދައިގެން ދަރިއަކު ނުލިބުމުން އެކަން ނުކޮށް ހުއްޓާލަން ނިންމީ،" އަމްރިތާ ބުންޏެވެ.

އަމްރިތާ ކިޔައިދިން ގޮތުގައި ދެން އެމީހުން ދެއްކީ އަޔުރްވެދިކް ޑޮކްޓަރަކަށެވެ. އެ ޑޮކްޓަރު ދިން ބޭސް ކޭމަ ހަށިގަނޑުން ވަރަށް ގަދަ ހޫނެއް އަރައި މޫނުގައި ބިހިތައް ނަގައި ވަރަށް މައްސަލަތައް ދިމާވިކަމަށް އޭނާ ބުންޏެވެ.

"ކޮންމެ ފަހަރަކު ޑޮކްޓަރު ބުނާނެ އެ ބޭސްތައް އަހަންނާ ނުގުޅެނިއްޔޭ. އެހެންވެ ފަހުން އެ ބޭސްތައް ވެސް ހުއްޓާލީ،" އަމްރިތާ ބުންޏެވެ.
އެންމެ ފަހުން ހުރިހާ ފަރުވާއެއް ހުއްޓާލައިގެން ތިއްބައި ގުދުރަތީ ގޮތުން ބަލިވެ އިނީ ކަމަށް އަމްރިތާ ބުންޏެވެ. އަދި މާޗް 2020 ގައި އޭނާ އަށް ވަނީ ފިރިހެން ދަރިއަކު ލިބިފަ އެވެ.