ބޮލީވުޑް

ނުރައްކާތެރި ބައްޔެއް ތަހައްމަލް ކުރަމުންދާ ކަމަށް ސަމަންތާ ބުނެފި

އަލަށް ބޮލީވުޑް ފިލްމުތައް ކުޅެން ފެށި ސައުތު އިންޑިއާގެ މަޝްހޫރު ބަތަލާ ސަމަންތާ ޕްރަބޫ އަށް ފުރާނައަށް ނުރައްކާވާ ކަހަލަ ބައްޔެއް ޖެހިފައިވާ ކަމަށް އޭނާ ބުނެފި އެވެ.

ސޯޝަލް މީޑީއާގައި ސަމަންތާ ޝެއާކުރި އަސަރުން ފުރިގެންވާ ލިޔުމެއްގައި މި ބައްޔާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތައް ކިޔައިދީފައި ވެއެވެ.

އިންސްޓަގްރާމްގައި ސަމަންތާ ޝެއާ ކުރި މެސެޖުގައި ބުނެފައިވަނީ އޭނާއަށް ޖެހިފައިވަނީ މަޔަސްޓައިޓިސް ކިޔާ އޮޓޯއިމިއުން ބައްޔެއް ކަމަށެވެ.

ސަމަންތާގެ އާ ފިލްމު "ޔަޝޯދާ"ގެ ޓްރެއިލާ އަށް ބެލުންތެރިން ދިން ބޮޑު ތަރުހީބަށް ޝުކުރު އަދާކުރަމުން ސަމަންތާ ބުނެފައިވާ ގޮތުގައި ހަޔާތުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާނެ ހިތްވަރު ލިބެނީ ބެލުންތެރިން އޭނާއަށް ދޭ ލޯބީގެ ސަބަބުން ކަމަށެވެ.

"އަހަރެން މި ވާހަކަ ހިއްސާ ކުރަން ގަސްތުކުރަނީ ބަލި ރަނގަޅުވާ އަތަށް އަޅާފައިވާތީ. ނަމަވެސް ބަލި ފަސޭހަވަނީ އަހަރެން ހީކުރި ވަރަށް ވުރެ މާ ލަހުން،" ސަމަންތާ ޝެއާކުރި މެސެޖުގައި ވެއެވެ.

ސަމަންތާ ބުނި ގޮތުގައި މާވަރުގަދަ މީހެއްގެ ގޮތުގައި އަބަދު މީހުންނަށް ފެންނާކަށް ނުޖެހެ އެވެ. އޭނާގެ ހަށިގަނޑުގެ ނާޒުކުކަން ދެނެގަނެ ބަލިން ސަލާމަތްވާން އަދިވެސް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.

"ބަލީގައި އުޅޭއިރު އެއްބައި ދުވަސް ވަރަށް ރަނގަޅުކޮށް ދާނެ. އަނެއްބައި ދުވަސްތައް ދާނީ ވަރަށް ގޯސްކޮށް. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ވަރަށް ފުން އަސަރުތަކެއް މިކަމުގެ ސަބަބުން ކުރަމުންދޭ. ނަމަވެސް އަހަރެން މުޅިން ރަނގަޅު ކުރެވިދާނެކަމަށް ޑޮކްޓަރުން އުއްމީދުކުރޭ. ހޮސްޕިޓަލެއްގައި އައިވީއެއް ގުޅައިގެން އިންދާ ނަގާފައިވާ ފޮޓޯއެއް ޝެއާކުރަމުން ސަމަންތާ ލިޔެފައި ވެއެވެ.

މަޔަސްޓައިޓިސް އަކީ ގައިގެ މަސްތަކަށް ކުރިމަތިވާ އިންފްލެމޭޝަން އެކެވެ. މި ބަލި ޖެހެނީ ވައިރަލް އިންފެކްޝަނަކާ ގުޅިގެން ނުވަތަ ކެވޭ ބޭހެއްގެ ސަބަބުން އޮޓޯއިމިއުން ސްޓޭޓަސް ގައެވެ. މި ބަލި ޖެހޭ މީހުންގެ ގައިގައި ހުންނަ މަސްތަކަށް އޭނާގެ ދިފާއީ ނިޒާމުން ހަމަލާދީ ހަލާކު ކުރެ އެވެ.

"އާއްމުކޮށް މިފަދަ ހަމަލަތައް އަމާޒުވަނީ އަތް، ކޮނޑު، ފައި، ފަލަމަސްގަނޑު، ބަނޑު އަދި ސްޕައިނަލް މަސްތަކަށް. މި ބަލީގެ އެޑްވާންސް ސްޓޭޖުގައި ކާއެއްޗެތި ދާހޮޅިއަށާއި ޑައިފްރޭމް އަދި ލޮލަށް ވެސް ހަމަލާތައް އަމާޒުވޭ. މި ބަލި ޖެހޭ މީހުންނަށް އާއްމުކޮށް ދިމާވާ އުނދަގޫތަކުގެ ތެރޭގައި ތަނެއްގައި އިށީނދެފައި ތެދުވަން އުނދަގޫވުން، ސިޑިން އަރަން އުނދަގޫވުން އަދި ބަރު އެއްޗެތި އުފުލަން ނުކުޅެދުން ހިމެނޭ،" ފަރީދުއާބާދުގައި ހުންނަ މަރެންގޯ ކިއުއާރްޖީ ހޮސްޕިޓަލުގެ ސީނީއާ ކޮންސަލްޓަންޓް، އިންޓާނަލް މެޑިސިން ޑރ. ސަންތޯޝް ކުމާރު އަގަރްވާލް ވިދާޅުވެފައި ވެއެވެ.

މި ބަލި ޖެހުމުން ގައިގެ މަސްތަކުގައި ރިއްސާ، އެތަންތަނުގައި ވަރުނެތުމުގެ ސަބަބުން އާދައިގެ ދިރިއުޅުމުގައި މީހުން ކޮށްއުޅޭ ކަންކަން ކުރަން ވެސް ދަތި ކަމަކަށް ވެއެވެ. އަދި ހުން އައުމާއި ގައިގައި ބިހި ނެގުން އަދި ހުޅުތަކުގައި ރިއްސުން ވެސް މިއީ މި ބަލި ޖެހޭ މީހުން ތަހައްމަލުކުރަން ޖެހޭ ކަންކަމެވެ.

ސަމަންތާ އަށް މަޔަސްޓައިޓިސް ޖެހިފައިވާކަން އިއުލާން ކުރުމާ ގުޅިގެން އޭނާއާ އެކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ފަންނާނުންނާއި ފޭނުން ވަނީ އޭނާއަށް އަވަސް ޝިފާއަށް އެދި މެސެޖުތައް ކޮށްފަ އެވެ. ޚާއްސަކޮށް ސަމަންތާގެ ކުރީގެ ފިރިމީހާ ނާގާ ޗެތަންޔާގެ އާއިލާގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް އޭނާއަށް ދަނީ ލިބެމުންނެވެ.