އިންޑިއާގެ ޗެނަލްތަކުން ދައްކާ ސިލްސިލާތަކުގެ ތެރެއިން ކޮމެޑީ ސިލްސިލާ "ތާރަކް މެހެތާ ކާ އުލްޓާ ޗަޝްމާ"އަކީ ވަރަށް ޒަމާންވީ މަގްބޫލު ސީރީޒް އެކެވެ. މި ސީރީޒްގެ ކެރެކްޓާތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ފޭވަރިޓަކީ ދިޝާ ވަކާނީ ކުޅެފައިވާ ދާޔާބެންގެ ކެރެކްޓާ އެވެ.
ދާޔާބެން ވާހަކަ ދައްކަނީ ވަރަށް ތަފާތު ގޮތަކަށް ކަމަށް ވާތީ މި ރޯލު ކުޅޭއިރު ދިޝާއަށް ވާހަކަ ދައްކަން ޖެހެނީ އޭނާ އާއްމުކޮށް ވާހަކަ ދައްކާ ނޫޅޭ ގޮތަކަށް އަޑު ބަދަލުކޮށްގެންނެވެ. ޝޯގެ ފޭނުންނަށް ދިޝާގެ ކެރެކްޓާ އެހާ މަގްބޫލުވެފައިވަނީ އޭނާ ވާހަކަ ދައްކާ ގޮތުންކަމަށް ވެއެވެ.
ދާޔާބެންގެ ރޯލު ކުޅުން ދިޝާ ހުއްޓާލިތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ. އޭނާ ޝޯއާ ދުރަށް ދިޔައީ ވިހަން ވެގެންނެވެ. ނަމަވެސް ވިހައިގެން ދިޝާ އެނބުރި ޝޯއަކަށް ނާދެ އެވެ. އެކަމަކު އޭނާ ޝޯއަށް އެނބުރި ނައީ ކީއްވެގެންކަން އެނގުނީ ދާދި ފަހުންނެވެ.
އިންޑިޔާގެ ނޫސްތަކުން އިއްޔެ ބުނެފައިވާ ގޮތުގައި "ތާރަކް މެހެތާ"ގައި އަޑު ބަދަލުކޮށްގެން ވާހަކަ ދައްކަން ހަދައިގެން ދިޝާގެ ކަރަށް ވަނީ ކެންސަރު ޖެހިފަ އެވެ.
އަޑު ބަދަލުކޮށްގެން ކޮންމެ ދުވަހަކު އެތައް ގަޑިއެއްގެ އިރު ވާހަކަ ދެއްކުމުގައި އޭނާއަށް ދިމާވާ އުނދަގޫތަކުގެ ވާހަކަ 2010ގައި ވެސް ދިޝާ ދައްކާފައި ވެއެވެ. ނަމަވެސް އެގޮތަށް އެތައް އަހަރެއް ވަންދެން އަޑު ބަދަލުކޮށްގެން ދާޔާބެންގެ ކެރެކްޓާ ކުޅުނުއިރުވެސް އޭނާގެ އަޑަށް ގެއްލުމެއް ނުވާ ކަމަށާއި ކަރުގައި ވެސް އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށް އޭރު ދިޝާ ބުނެފައި ވެއެވެ. އޭރު ދިޝާ މި ކެރެކްޓާ ކުޅެން ދުވާލަކު 11-12 ވަރަކަށް ގަޑިއިރު އަޑު ބަދަލުކޮށްގެން ވާހަކަ ދެއްކި އެވެ.
ދިޝާ ޝޯ އިން ވަކިވުމަށްފަހު ދާޔާބެންގެ ކެރެކްޓާ އެ ސީރީޒްގައި ނުދައްކަ އެވެ. ސީރީޒް އުފައްދާ ފަރާތުން އަދިވެސް ދާޔާބެން އެއް ހޯދުމުގެ މަސައްކަތް ކުރަމުން އެބަ ގެންދެ އެވެ. ނަމަވެސް ދިޝާ އެ ރޯލު ކުޅުނު ގޮތަށް އެ ރޯލު ކުޅެވޭނެ އެކްޓަރަކު އަދިވެސް ނުލިބެ އެވެ.
ޓީވީ ބަތަލާއިންގެ ތެރެއިން އައިޝްވަރިޔާ ޝަކޫޖާ ނުވަތަ ކާޖަލް ޕިސަލް "ދާޔާބެން"ގެ ރޯލަށް ހަމަޖައްސަން އުޅޭކަމުގެ ޚަބަރުތަކެއް ފެތުރުނު ނަމަވެސް މީގެން އެއްވެސް ބަތަލާއެއް ހަމަޖެހުނުކަން އަދި އިއުލާނެއް ނުކުރެ އެވެ.
ދިޝާ މިހާރު ގެންދަނީ ކަރުގެ ކެންސަރަށް ފަރުވާ ހޯދަމުންނެވެ.