ޓީވީ ބަތަލާ ޗަވީ މިއްތަލް އަށް އުރަމަތީ ކެންސަރު ޖެހި މިހާރު އޭނާ ގެންދަނީ އެކަމަށް ފަރުވާ ހޯދަމުންނެވެ. އަދި ފަރުވާގެ ކަންތައް ކުރިޔަށް ދާ ގޮތް ޗަވީ ގެންދަނީ އޭނާގެ ފޭނުންނާ ހިއްސާ ކުރަމުންނެވެ.
ޗަވީ ބުނި ގޮތުގައި މިހާރު އޭނާގެ ހަށިގަނޑުގެ ދިފާއީ ބާރު ވަނީ މީގެ ކުރިން ދުވަހަކުވެސް ދަށް ނުވާ ވަރަށް ދަށް ވެފަ އެވެ. ސާޖަރީ ކާމިޔާބުވެ ކެންސަރު ޖެހިފައިވާ ބައި މުޅީން ނެގިފައިވާ ކަމަށާއި މިހާރު ތައްޔާރުވަމުދަނީ ރޭޑިއޯތެރަޕީ ސެޝަންތަކަށް ކަމަށް ޗަވީ ބުންޏެވެ.
"ބައެއް ދުވަސްދުވަހު ހަށިގަނޑުގައި ހަކަތަ ހުރޭ. އަނެއްބައި ދުވަސް ދުވަހަކު އެއްވެސް ހަކަތައެއް ނުހުރޭ. އެ ދުވަސްދުވަހު ހީވަނީ ހަމަ މަރުވެފައި އޮންނަ މީހެއްހެން. ހަށިގަނޑުގެ ދިފާއީ ބާރު މިހާރު ވަރަށް ދަށް. ފިނި ފެންފޮދެއް ބޯލައިފިއްޔާ ކަރުގައި ރިއްސާ. އޭސީ ޖައްސައިފިއްޔާ ރޯގާ ޖެހޭ. އަހަންނަށް އެނގޭ ހަށިގަނޑުގެ ތެރޭގައި ކޮންމެވެސް ކަންތައްތަކެއް ގޯސްކޮށް އެބަ އުޅޭކަން،" ޗަވީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުގައި ލިޔެފައި ވެއެވެ.
ޗަވީ ވަނީ އޭނާއާއެކު ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުންދާ އެތައް މިލިއަން 'ހަނގުރާމަވެރިންނަކަށް' ހިތްވަރު ދީފަ އެވެ. އަދި ކީމޯތެރަޕީ އާއި ރޭޑިއޯތެރަޕީ ފަދަ ފަރުވާ ތަކަކީ އެއްގޮތަކަށް ވެސް ތަހައްމަލުކުރަން ފަސޭހަ ފަރުވާތަކެއް ނޫންކަމަށް އޭނާ ވެސް އެއްބަސްވި އެވެ.
ޗަވީ ބުނި ގޮތުގައި އޭނާ މަސައްކަތްކުރަމުން ދަނީ ވީހާވެސް ޕޮޒިޓިވްކޮށް ހުރެވޭތޯ އެވެ. ކެންސަރު ބަލިކުރެވޭނީ އެފަދަ ވިސްނުމެއްގައި ސާބިތުކަމާއެކު ހުރެގެން ކަމަށް އޭނާއަށް ގަބޫލު ކުރެވޭތީ އެވެ.
"އޭކް ޗުއްޓްކީ އާސްމާން" އާއި 'ތުމާރީ ދިޝާ" ފަދަ ވަރަށް ގިނަ ސިލްސިލާތަކުގައި ޗަވީ ބައިވެރިވެފައި ވެއެވެ.