ބޮލީވުޑް

މިތުން ހޮސްޕިޓަލުގައި، ފޭނުންނަށް ޝޮކެއް

ކުރީގެ މަޝްހޫރު އެކްޓަރު މިތުން ޗަކްރަބަތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވާ ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މިޑިއާގައި ވައިރަލްވެ އޭނާގެ ފޭނުންނަށް ބޮޑު ޝޮކެއް ލިބިއްޖެ އެވެ.

މިތުންގެ ސިއްހަތު މިހާ ގޯސްވީ ކޮން ސަބަބާ ހުރެތޯ މި ފޮޓޯއަށް ކޮމެންޓުކުރި ގިނަ ބަޔަކު ސުވާލު ކޮށްފައި ވެއެވެ.

މި ފޮޓޯ އަސްލު ޓުވީޓްކޮށްފައިވަނީ މިތުން އެ ޕާޓީއަކަށް ނިސްބަތްވާ ސިޔާސީ ޕާޓީ، ބީޖޭޕީގެ ނެޝަނަލް ސެކްރެޓަރީ ޑރ. އަނޫޕަމް ހަޒްރާ އެވެ.

މި ފޮޓޯ ޝެއާކުރަމުން އޭނާ ކުރި ޓުވީޓްގައި މިތުން އަށް އަވަސް ޝިފާ އަކަށް އެދިފައިވެ އެވެ.

ފޭނުންތައް ކަންބޮޑުވެގެން އުޅެން ފެށުމުން މިތުންގެ ދޮށީ ދަރިފުޅު މަހާކްޝީ ޗަކްރަބަތީ (މީމޯ) ވަނީ މިތުންގެ ސިއްހަތާ ގުޅޭ އަޕްޑޭޓެއް ދިފަ އެވެ.

ޒީ ނިއުސް އަށް ދިން އިންޓަވިއު އެއްގައި މީމޯ ބުނީ މިތުން ހޮސްޕިޓަލުގައި އެޑްމިޓްކުރީ ކިޑްނީގައި ހިލަ ހުރެގެން ކަމަށާއި މިހާރު ހޮސްޕިޓަލުން ޑިސްޗާޖްކޮށްފައިވާ ކަމަށެވެ. އަދި ބައްޕަގެ ހާލު މިހާރު ރަނގަޅު ކަމަށާއި ގޭގައި އަރާމުކުރަނީ ކަމަށް ވެސް މީމޯ ބުންޏެވެ.

މިތުން މިހާރު އާއްމުކޮށް ފެންނަނީ ޓީވީ ޝޯ "ހުނަރުބާޒް"ގެ އެއް ފަނޑިޔާރުގެ ގޮތުގައި އެ ޝޯ އިންނެވެ.

މިތުން އާއެކު މި ޝޯގައި ފަނޑިޔާރުކަން ކުރާ އިތުރު ފަންނާނުންނަކީ ބަތަލާ ޕަރިނީތީ ޗޯޕްޅާ އާއި ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް އެވެ.