ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާއަށް ރަމްޒޭ ހަންޓް ސިންޑްރޯމް ޖެހި މޫނުގެ އެއްފަޅި ވާގިނެތިފައިވާކަން އިއުލާންކުރީ މިދިޔަ ހަފުތާގަ އެވެ. އޭގެ ފަހުން އިންޑިއާގެ ޓީވީ ބަތަލާއަކަށް ވެސް މި ބަލި ޖެހިގެން އުޅޭކަމަށް އިއްޔެ އޭނާ ވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފަ އެވެ.
"މައި ނާ ބޫލޫންގީ"ގެ ބަތަލާ އައިޝްވަރިޔާ ސަކޫޖާ ހާމަކުރި ގޮތުގައި އޭނާއަށް ރަމްޒޭ ހަންޓް ސިންޑްރޯމް ޖެހިފައިވާކަން އެނގުނީ 2014 ގައެވެ. އެއީ "މައި ނާ ބޫލޫންގީ"ގެ ޝޫޓިން ކުރިއަށް ދިޔަ ދުވަސްވަރު ކަމަށްވެސް އައިޝްވަރިޔާ ބުންޏެވެ.
"އަހަރެމެން އޭރު ދެ ޝިފްޓަށް މަސައްކަތް ކުރަމުން ދިޔައީ. އެ ސިލްސިލާގައި އޭރު ޝޫޓްކުރަމުން ދިޔައީ ކައިވެނީގެ މަންޒަރުތަކެއް. ރޯހިތު [އައިޝްވަރިޔާގެ އޭރުގެ ލޯބިވެރިޔާ / މިހާރުގެ ފިރިމީހާ] އަހަރެންނާ ދިމާލަށް ބުނި ކީއްކުރަންހޭ އަބަދު އަހަންނާ ދިމާލަށް އެއްލޯ ތިމަރަނީ. އަހަރެން އޭރު ހީކުރީ އޭނާ ޖޯކަކަށް ކިޔާ އެއްޗެއް ކަމެއް. އަހަރެން އެ ރޭ ދަތްއުނގުޅަން ފާޚާނާއަށް ވަދެ އަނގަޔަށް ފެންލީމަ އެއްގޮތަކަށް ވެސް އަނގައިގެން ފެންކޮޅެއް ހަރު ލައްވައި ކޯ ދޮވެވޭ ގޮތެއް ނުވި. ދެން އިނގުނީ އެ ފަޅީގައި ވާގި ނެތްކަން،" އައިޝްވަރިޔާ ކިޔައިދީފައިވެ އެވެ.
އޭނާއަށް ރަމްޒޭ ހަންޓް ސިންޑްރޯމް ޖެހިފައިވާ ކަމަށް ޑޮކްޓަރުން ޑައިގްނޯސް ކުރީ އޭރު ޑޮކްޓަރަށް ދެއްކީމަ ކަމަށް އައިޝްވަރިޔާ ބުންޏެވެ.
މޫނުގެ އެއްފަޅީގެ ވާގި ދިޔަސް އެ ސިލްސިލާގައި ބައިވެރިވި އެންމެންގެ އެހީތެރިކަމާއެކު އައިޝްވަރިޔާ ވަނީ ސިލްސިލާގެ ޝޫޓިން ފުރިހަމަ ކޮށްފަ އެވެ.
"އަހަރެންގެ މޫނުގެ އެއް ފަރާތް ކެމެރާ އަށް އަރާ ގޮތަށް ޝޫޓްކޮށްފަ ހުންނާނީ އޭގެ ފަހުން އަބަދުވެސް،" އައިޝްވަރިޔާ ބުންޏެވެ.
"މައި ނާ ބޫލޫންގީ"ގެ އިތުރުން އައިޝްވަރިޔާ ކުޅުނު ޓީވީ ސިލްސިލާތަކުގެ ތެރޭގައި "ސާސް ބިނާ ސަސުރާލް"، "ތުރިދޭވިޔާން" އަދި "ޔޭ ހޭ ޗާހަތޭން" ހިމެނެ އެވެ.