ހދ. ނައިވައިދޫގެ ބިން ހިއްކައިދިނުމަށް ސަރުކާރުގައި އެދިއްޖެ އެވެ.
ނައިވައިދޫ ކައުންސިލުން މިކަމަށް އެދުނީ ކައުންސިލް މެންބަރުން މިއަދު ހެނދުނު ރައީސް އޮފީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ނައިވައިދޫގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުންނާއި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ކަންކަމާ ގުޅޭގޮތުން ރައީސް ސޯލިހާ މަޢުލޫމާތު ހިއްސާކުރައްވާފަ އެވެ.
އެގޮތުން ކައުންސިލަރުން ވަނީ އެރަށުގެ ބަނދަރު ބޮޑުކޮށް ތަރައްގީކުރުމާއި ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި ހދ. އަތޮޅުގައި އަދި ރަށާ ކައިރި ސަރަހައްދެއްގައި ޓޫރިޒަމް ފުޅާކުރުމާއި ނަރުދަމާ ނިޒާމުގެ މަޝްރޫއާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
މީގެ އިތުރުން އެރަށުގެ ސްކޫލާއި ކައުންސިލް އިދާރާ އާއި ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާ ގުޅޭގޮތުންނާއި ސިއްހީ ހިދުމަތް ފުޅާކޮށް އިތުރަށް ތަރައްގީކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެެއްވި އެވެ. ކައުންސިލް އިދާރާއާއި ސިއްހީ މަރުކަޒަށް އިތުރު މުވައްޒަފުން ހޯދުމަށާއި ޒުވާނުންނަށް ވޮލީކޯޓެއްގެ މުހިއްމުކަމުގެ އިތުރުން ރަށުގެ އިގްތިސޯދީ އިޖުތިމާއީ ތަރައްގީއަށް މުހިއްމު ކަންކަން ވެސް ރައީސްގެ ސަމާލުކަމަށް ގެނެސްދެއްވާފައިވެ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ނައިވައިދޫގެ ތަރައްގީގެ މަޝްރޫއުތަކާއި ގުޅޭގޮތުން ކައުންސިލަރުންނާއި މަޝްވަރާކުރައްވައި މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ކައުންސިލަރުންނާ ހިއްސާ ކުރައްވާފަ އެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން މިހާރުން މިހާރަށް ބޭނުންވާ މިންވަރަށް އިންސާނީ ވަސީލަތް އިތުރުކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށާއި އަދި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވެވި އެވެ.